ރޯދަމަހުގެ ފުރަތަމަ ހަފުތާ: ރޯގާތައް ފެތުރުން އިތުރުވެއްޖެ، ސަމާލުވޭ!

އައިޖީއެމްއެޗް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޯދަމަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ރޯގާއާއި ވައިރަލް ހުމުގެ ކޭސްތައް އިތުރުވެފައިވާ ކަމަށް އެޗްޕީއޭއީން މިއަދު ބުނެފިއެވެ.

މިރޭ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު ފާތިމަތު އަނާ ވިދާޅުވީ މިދިޔަ ހަފުތާގެ ތެރޭގައި ރޯގާއާއި ވައިރަލް ހުމާއި އެހެނިހެން ގައިންގަޔަށް އަރާ ބަލި ފެތުރުން އިތުރުވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރޯދަ މަހުގެ ތެރޭގައި ރޯގާ މިގޮތަށް އިތުރުވާން ދިމާވަނީ މި މަހު ވަރަށް ގިނަ މީހުން އެއްގެއިން އަނެއް ގެޔަށް ގިނަގިނައިން ގޮސް އުޅޭތީ ކަމަށެވެ. އެގޮތުން ހަވީރު ގަޑީގައި ރޯދަ ވީއްލަން ވެސް ގޭގެޔަށާއި ރެސްޓޯރެންޓުތަކަށް ގޮސް ހަދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ރޯގާތައް އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ވެސް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެންގެ ފޯކަސް ހުރީ ވީހާވެސް ބޮޑަށް މީހުން އެލާޓުކޮށް މީހުންނާ ހަމައަށް ރަނގަޅު މައުލޫމާތު ފޯރުކޮށްދިނުމަށް. މިގޮތަށް ޕްރޮގްރާމުތަކުންނާއި އަދި އަޅުގަނޑުމެންގެ އެކި ސޯޝަލް މީޑިއާގައި އަދި ވައިބާ ކޮމިއުނިޓީ ގްރޫޕް، ޓްވިޓާ، ފޭސްބުކް، މެދުވެރިކޮށް ވީހާވެސް ރަނގަޅު މެސެޖު މީހުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިވަގުތު ކުރަމުން މި ދަނީ،" އަނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މައުލޫމާތުތައް ފޯރުކޮށްދިނުމުން ކޮންމެ ފަހަރަކުވެސް ބަލިތައް މަދުވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

ރޯގާ ފެތުރުމުން ސަލާމަތް ވުމަށްޓަކައި ރޯގާޖެހި ވައިރަލް ހުމުގެ އެއްވެސް އަލާމާތެއް އުޅޭނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް މަޑުކުރުމަކީ ކުރެވިދާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގިނަގިނައިން އަތް ދޮވެ، މާސްކު އަޅައިގެން އުޅުން ފަދަ ކަންކަން ކުރުމުން ވެސް ރޯގާ އިތުރަށް ފެތުރުން ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރަށް ހިންގާ ރޯގާގެ އަލާމާތެއް ހުންނަ މީހެއް ނަމަ ވަކިން ޚާއްސަކޮށް ގިނަގިނައިން އަތް ދޮވެ، ސެނެޓައިޒް ކުރަން ސަމާލުކަން ދިނުމަށް އަނާ އިލްތިމާސް ކުރެއްވިއެވެ. އަދި ހޮޓާ ރެސްޓޯރެންޓުތަކުގައި މަސައްކަތް ކުރާ މީހުން އަލާމާތްތައް ފެންނަތާ 48 ގަޑިއިރު ވަންދެން މަސައްކަތަށް ނުނިކުމެ މަޑުކުރުމަށް ވެސް އޭނާ ލަފާދެއްވިއެވެ.

https://sun.mv/189815

އެޗްޕީއޭއިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، ޑެންގީ ހުމާއި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާގެ އިތުރުން ބޭރަށް ހިންގުމުގެ ކޭސްތައް ޖެނުއަރީ މަހާ އަޅައި ބަލާއިރު މިދިޔަ ފެބްރުއަރީގައި ވަނީ ދަށްވެފައެވެ.

comment ކޮމެންޓް