އާބާދީގެ ބޮޑު ބައެއް ދެވަނަ ޑޯޒު ޖަހައި، ނަންބަރުތައް ދަށްވުމުން ލުއި ލިބޭނެ: ޑރ. ނަޒްލާ

ފެބްރުއަރީ 18، 2021: ކޮވިޑް ފެތުރެމުންދާތީ މާލޭގައި އަޅާފައި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެކްސިންގެ ރަނގަޅު ނަތީޖާ ފެނި، ފިޔަވަޅުތަކަށް ލުއި ދެވޭނީ އާބާދީގެ ބޮޑު ބަޔަކަށް ދެވަނަ ޑޯޒު ޖަހައި، ކޭސްތައް މަދުވުމުން ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕުގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.

ކޮވިޑް19އާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމްއިން ގެނެސްދޭ ކަވަރޭޖުގައި ޑރ. ނަޒްލާ ވިދާޅުވީ ވެކްސިންގެ ރަނގަޅު ނަތީޖާ ފެންނާނީ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމުން ކަމަށެވެ.

ޑރ. ނަޒްލާ މުސްތަފާ-- ފޮޓޯ/ އެޗްއީއޯސީ

ޑރ. ނަޒްލާ ވިދާޅުވީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރި ނަމަވެސް އޭގެ އަސަރު ކުރަން ވަގުތު ނަގާ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުން މުހިންމު ކަމަށެވެ.

އެހެންކަމުން އާބާދީގެ ބޮޑު ބަޔަކު ދެވަނަ ޑޯޒު ޖެހުމަށްފަހު ކޭސްތަކުގެ އަދަދު ދަށްވުމުން މިހާރު އަޅާފައިހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަދި ވަގުތު ނަގާނެ. އެހެންވީމަ ވަރަށް މުހިންމު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދި ކުރިއަށް ގެންދަން. އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީ، ހާއްސަކޮށް ދެވަނަ ޑޯޒު ދިނުމަށްފަހު ނަންބަރުތައް ދަށްވީމަ މިހާރު ހުރި ފިޔަވަޅުތަކަށް ލުއިދެވޭނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ފުރަތަމަ ޑޯޒު ޖަހައިގެން ދެ ހަފުތާ ފަހުން ބައްޔާ ދެކޮޅަށް ލިބޭ ރައްކާތެރިކަން 60 ޕަސެންޓަށް އަރާ ކަމަށެވެ. އަދި ދެވަނަ ޑޯޒުން އިތުރުވާ ރައްކާތެރިކަން ވެސް ލިބޭނީ ދެ ހަފުތާ ފަހުން ކަމަށް ވިދާޅުވި އެވެ.

"ދެވަނަ ޑޯޒު ޖަހާތާވެސް ދެ ހަފުތާ ފަހުން އިތުރަށް އޭގެއިން ލިބޭ ރައްކާތެރިކަން ގާތްގަނޑަކަށް 70 ޕަސެންޓަށް އަރާ. ވެކްސިން ދިނުމާއެކީގައިވެސް އަސްލު ރައްކާތެރިކަމުގެ ފިޔަވަޅުތައް، މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން މުހިންމު." ޑރ. ނަޒްލާ ވިދާޅުވި އެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެއާ ހަމައަށް ރާއްޖެއިން މިހާތަނަށް 64،048 މީހަކު ވަނީ ވެކްސިން ޖަހާފަ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް ހަދިޔަ ކުރަން ނިންމައިފައެވެ. މިހާރު ރާއްޖޭގައި ހުރި ސައިނޯފާމް ވެކްސިން ދޭން އަދި ފަށާފައި ނުވަނީ އެއަށް ހުއްދަ ނުލިބޭތީ އެވެ.

އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް