ބޭރުގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ހުންނަން ޖެހޭ: އެމްޕީ މުހައްމަދު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) --- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ކޮންމެހެންވެސް ހުންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެ އެވެ.

އުތުރުތިލަފަޅު ތަރައްގީކުރަން އިންޑިއާޔާ އެކު ސޮއިކުރި އެއްބަސްވުން ހާމަކުރުމަށް ގޮވާލާ އިދިކޮޅުން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި މިއަދު ބަހުސް ކުރައްވަމުން ބޯދިގު ވިދާޅުވީ، އިންޑިއާއިން އެފަދަ ބަނދަރެއް ރާއްޖޭގައި ތަރައްގީކުރުމަކީ، ދިވެހި ސިފައިންނަށާއި ގައުމަށް ލިބޭނެ ފައިދާއެއް ކަމަށެވެ. އަދި އެކަމުގައި އޭނާއަށް ދެރައީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް އެޅުމަށް ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޔޫޓީއެފް [އުތުރުތިލަފަޅު]ގައި ސޮއި މިކުރެވުނީ 100 ޕަސެންޓް ދިވެހި ސަރުކާރަށް ބާރު ލިބިފައި. އަޅުގަނޑަށް މީގައި ދެރައީ އެންމެ ކަމެއް، އެއީ މިތާގައި [ރާއްޖޭގައި] މިލިޓަރީ ބޭސް [އަސްކަރީ މަރުކަޒެއް] ސިފައިންގެ ނެތްް، އެ ބޭރުގެ [އަސްކަރީ މަރުކަޒެއް] ނެތްކަން. މިތާގައި އިންނަން ޖެހޭ މިލިޓަރީ ބޭސްއެއްވެސް،" ބޯދިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބޭރުގެ އަސްކަރީ މަރުކަޒެއް ގާއިމް ކުރުމުން ރާއްޖެއަަށް ފައިދާ ކުރާނެ އެވެ. އެގޮތުން ބޭރުގެ އިންވެސްޓްމަންޓްތައްވެސް ރައްކާތެރި ކުރެވޭނެ ކަމަށް ބޯދިގު ވިދާޅުވި އެވެ.

"އެއީ ބޭރުގެ އިންވެސްމަންޓްތަކާއި މިހުރި ހުރިހާ އިންވެސްޓްތައް ޕްރޮޓެކްޓްވެސް [ރައްކާތެރި] ކުރެވޭނެ. ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެބަހުރި. މިއީ ކޮންމެހެން ހުންނަ ޖެހޭ އެއް ކަމެއް [ބޭރުގެ އަސްކަރީ މަރުކަޒެއް] އަޅުގަނޑު ފާހަގަ ކުރަން،" ބޯދިގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ރާއްޖެ ކޮންމެ ހާލެއްގައި ޖެހޭއިރު އެންމެ ފުރަތަމަވެސް އެހީތެރިކަމެއް ދިއްކޮށްލާ ބަޔަކީ އިންޑިއާ ކަމަށެވެ. ޒަމާނުއްސުރެ އެކުވެރިކަމުގައި އޮތް ރާއްޖެ އާއި އިންޑިއާގެ ގުޅުމާމެދު ބަޔަކު ކަންބޮޑުވެގެން އުޅެނީ އުތުރުތިލަފަޅުގައި ބަނދަރު އެޅުމުން އޭގެ ސަބަބުން އެބަޔަކު ކުރަމުން އައި ކަންކަމަށް ދަތިވާނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވެގެން އުޅޭ ގޮތަކީ، މި މީހުންނަށް [އިދިކޮޅު] އެބަ އެނގޭ ދިވެހި އަސްކަރިއްޔާ މިއަށްވުރެ ވަރުގަދަވެ، ކަނޑު ބެލެހެއްޓިކަމަށްވާނަމަ، ރާއްޖެ އެތެރެ ކުރެވޭ މަސްތުވާތަކެއްޗާއި ވަގު ފައިސާ އާއި ހިއުމަން ޓްރެފިކިން، ވަގަށް ބޭރުކުރާ މަސް އަދި ތެޔޮ، މި ހުރިހާ ޖަރީމާއެއް މި ހިންގެނީ އެމްއެންޑީއެފް ނިކަމަތިކޮށް ބާއްވައިގެން އެ ކުރިއެރުން ނުދީ،" ބޯދިގު ވިދާޅުވި އެވެ.

އެހެން ކަމުން ސިފައިންގެ އުތުރުތިލަފަޅު ބަނދަރާއެކު އެ މުއައްސަސާގެ ހިދުމަތްތައް ހަރަދަނާވެގެން ދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކުރީ ސަރުކާރަށް ފާޑު ވިދާޅުވަމުން ބޯދިގު ވިދާޅުވީ، އޭރު އެ ސަރުކާރުން ފ. އަތޮޅު ވިއްކާލަން އުޅުމުން މިހާރުގެ އިދިކޮޅު ފަރާތްތަކަށް އެކަން "އޯކޭ"ވި ކަމަށެވެ. އެއީ ފައިސާގެ ދަހިވެތިކަމުގައި ކުރިކަމެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ތިބޭނެ ކަމަށް އިދިކޮޅުން ތުހުމަތު ކުރި ނަމަވެސް އެކަން ދިވެހި ސިފައިން ދޮގު ކުރެ އެވެ.

އިންޑިއާއިން ތަރައްގީކޮށްދޭ ކޯސްޓްގާޑުގެ ބަނދަރުގައި އެގައުމުގެ އަސްކަރިއްޔާގެ އެއްވެސް މީހަކު ނުތިބޭނެކަމަށް އެމްއެންޑީއެފް އިން އިއްޔެ ވަނީ ބުނެފަ އެވެ.

ސޮއިކުރީ ބަނދަރާއި ޑޮކްޔާޑު ތަރައްގީކުރުމަށް ކަމަށް ވާއިރު، އިންޑިއާގެ ފަންނީ މީހުން އައިސް އެތަނުގައި ހަދާ އިމާރާތްތަކާއި އެހެނިހެން އިންފްރާސްޓްރަކްޗާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެއްބަސްވުމުގެ ދަށުން އެ ތަން އޮޕަރޭޓް ކުރުމަށް ބޭނުންވާ އިންޑިއާގެ އަސްކަރިއްޔާގެ ފަންނީ މީހުން 15 އަހަރަށް އެތަނުގައި ގާއިމްވެ ތިބުމުގެ ހުއްދަ އެއްބަސްވުމުގެ ދަށުން ލިބޭނެ އެވެ.

އެ އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގައި ތަރައްގީކުރާނީ ޒަމާނީ، ނޭވަލް ބަދަރެކެވެ. އެ މަޝްރޫއު ބަހާލާފައި ވަނީ ދެ މަރުހަލާ އަކަށެވެ. ފުރަތަމަ ތިން އަހަރުގެ ތެރޭގައި ތަން ތަރައްގީކޮށް، ނިންމައި ބަނދަރާއި ޑޮކްޔާޑު ހުޅުވަން ވަނީ އެއްބަސްވެފަ އެވެ. އެއަށް ފަހު ޓެކްނިކަލް ސަޕޯޓު ބޭނުންވެއްޖެ ނަމަ، ބޭނުންވާ މިންވަރަކަށް ބޭނުންވާ ވަގުތެއްގައި ލިބޭނެ ކަމަށް އެއްބަސްވުމުގައިވެ އެވެ.

comment ކޮމެންޓް