މުޒާހަރާތަކާ ގުޅިގެން ޖަވާބުދާރީވާން އީސީއިން ޕީޕީއެމްއަށް އަންގައިފި

ފެބްރުއަރީ 12، 2021: ކޮވިޑު19ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވެފައިވަނިކޮށް އިދިކޮޅުން ކޯލިޝަނުން "ކޮބާ މަގޭ ފްލެޓު" ނަމުގައި މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމްއިން މާލޭގައި ކުރިއަށް ގެންގޮސްފައިވާ މުޒާހަރާތަކާ ގުޅިގެން ޖަވާބުދާރީވާން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް މިރޭ "ސަން"އަށް ވިދާޅުވީ ސިޔާސީ ޕާޓީއަކާ ގުޅޭ މައްސަލައެއް ބަލާއިރު، އެ ޕާޓީއަކަށް ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މުޒާހަރާތަކާ ގުޅިގެން ހަތް ދުވަހުގެ ތެރޭގައި ޖަވާބުދާރީވާން މިއަދު ޕީޕީއެމަށް އަންގާފައިވާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޖެނުއަރި 26، 2021: އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މުޒާހަރާތަކުގައި ޕީއެންސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތސް ޖަވާބުދާރީވާން އެންގީ ޕީޕީއެމަށް އެކަންޏެވެ.

"މީހަކު ޕީޕީއެމްއޭ ޕީއެންސީއޭ ބުންޏަސް، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ހަމައެކަނި ޕީޕީއެމްގެ ދިދަތަކާ އެއްޗެހި. އަދި ޕީޕީއެމްގެ ފަރާތުން ޕޮލިހަށް ފޮނުވާފައި ހުރި ސިޓީތައް ވެސް ފެނުނު. މާނައަކީ ޕީޕީއެމްއިންނޭ އެ މުޒާހަރާ އިންތިޒާމުކުރީ،" ޝަރީފް ވިދާޅުވި އެވެ.

ފެބްރުއަރީ 12، 2021: ކޮވިޑު19ގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވެފައިވަނިކޮށް އިދިކޮޅުން ކޯލިޝަނުން "ކޮބާ މަގޭ ފްލެޓު" ނަމުގައި މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝަރީފް ވިދާޅުވީ ޕީޕީއެމް އިން ޖަވާބުދާރީވުމުން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހިއްޖެނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެގޮތުން މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ޕީޕީއެމްއާއި ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން މުޒާހަރާތަކާއި ހިނގާލުންތައް ބާއްވަމުންދާ މިދުވަސްވަރު ކޮވިޑު ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ.

comment ކޮމެންޓް