ހިކެން ބޭނުންނަމަ ނާސްތާގެ ކުރިން ބޯންވީ ދެ ތަށި ފެން

ލުއިކޮށް ތިބުމަށް ހެނދުނު ހެނދުނާ 2 ތަށި ފެން --

ހެނދުނު ހޭލުމަށްފަހު އަވަސްވެގަނެވެނީ މިއަދު ހަށިގަނޑުގައި ހުރީ ކިތަށް ކިލޯތޯ ބެލުމަށެވެ. ދެތިން ގްރާމެއްވެސް ލުއިވެއްޖެތޯ ބެލުމަށެވެ. ނުވަތަ އިއްޔެ ކެއި ބާގާގެ އަސަރު އަދިވެސް ހުރިތޯ ބެލުމަށެވެ. ކޮންމެއަކަސް، ބަރުދަން ލުއިކުރުމާއި ހަށިގަނޑު ރީތި ބައްޓަމަކަށް ބެހެއްޓުމަކީ މިއަދު ހަމަ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު ކަމަކަށް މިވަނީ ވެފައެވެ.

ގިނަ ބަޔަކު ބުނާގޮތުގައި މިކަމުގައި އެންމެ ރަނގަޅީ އެއްފަހަރާ ބޮޑު ބަދަލެއް ގެނެސް ދިހަ ވަރަކަށް ކިލޯ ދުއްވާލުމަށްވުރެ، މަޑުމަޑުން ތިމާގެ ދިރިއުޅުމުގެ އާދަތައް ބަދަލުކުރެމެވެ. ވީހާވެސް ދުޅަހެޔޮ ލައިފްސްޓައިލްއެއް އިޚްތިޔާރުކުރުމެވެ.

މިގޮތުން ބަލާއިރު، ނިދާ ހޭލައިން ސައިބުއިމުގެ ކުރިން ދެ ތަށި ފެން ބުއިމަކީ ބަރުދަން ލުއިކުރުމަށް މަގުފަހިވާ ކަމެއް ކަމުގައި އެމެރިކާގެ ސިއްޚީ ވެބްސައިޓެއް ކަމުގައިވާ ވެބްއެމްޑީ އިން މިވަނީ ބުނެފައެވެ.

އިތުރު އެހެން އެއްވެސް އެއްޗެއް ނާޅައި ސާފު ފެންތަށްޓެއް ނުވަތަ ދެތަށި ފެން ހުސްބަނޑާއި ހުރެ ބޯލުމުން ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިބެއެވެ.

މިގޮތުން ފުރަތަމަ ކަމަކަށް، ފެނަކީ އެއްވެސް ވަރެއްގެ ކެލަރީއެއް ހުންނަ އެއްޗަކަށް ނުވުމާއިއެކު، ބަރުދަނަށް އަސަރެއް ނުގެނެސްދީ ތިމާގެ ބަނޑު ފުރުވާލަދެ އެވެ. ނަތީޖާއަކަށް ވެގެންދަނީ އެހާ ގިނައިރު ނުކައި ހުރެފައި ކޮންމެހެން ބޮޑު ސަޔެއް ކޮންމެ ދުވަހަކު ބޭނުން ނުވުމެވެ.

ހަަމައެޔާއެކު، ހަށިގަނޑުގެ މެޓަބޯލިޒަމް ނުވަތަ ކާނާ ހަޖަމު ކުރެވުމުގެ ނިޒާމުގެ މަސައްކަތްވެސް ލުއިކޮށްދީ އަވަސްކޮށްދިނުމުގައި މި ފެންތަށި މުހިންމު ދައުރެއް އަދާކުރެ އެވެ. މިއީވެސް ތިމާގެ ބަރުދަން ލުއިކޮށްދިނުމަށް ވަރަށް ބޮޑު އެހީއެކެވެ.

އެހެންކަމުން ދެން ފަހަރަކުން ހެނދުނު ހެނދުނާ ކިތަންމެ އަވަސް އަރުވާލައިގެން އުޅުނަސް، ކެއުމުގެ ކުރިން ނިކަން ހަމަޖެހިލައިގެން ދެ ތަށި ފެން ބޯން އާދަކުރާށެވެ.

މީގެއިތުރަށްވެސް ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ތިމާއަށް ކުރެވިދާނެ އެތަށް ކަމެއް ވެއެވެ. މީގެ ތެރޭގައި، ނާސްތާގެ ކުރިން އާދައިގެ ވަރަކަށް ކަސްރަތުކުރުމާޢި، ނާސްތާގައި ޕްރޮޓީން އިތުރުކުރުމާއި، އެދުވަހެއްގައި ކެއުމަށް ގަސްތުކުރާ އެއްޗެހި ކުރީބައިގައި ރާވާލުންވެސް ހިމެނެއެވެ.

ހަމައެޔާއެކު މި ލިސްޓުގައި ހިމެނިފައިވާ އެއް ކަމަކީ ދުވަހުގެ ކުރީކޮޅު ކޮންމެވެސް ވަގުތެއްގައި އަވީގައި ޖެހުމެވެ. މި ރިޕޯޓުގައިވާގޮތުން ހަމުގައި ކޮންމެވެސް ވަރަކަށް އަވިޖެހުމަކީ ސަރުބީތައް ވިރުވާލަދިނުމަށް ކޮންމެވެސް ވަރަކަށް މަގުފަހިވާނެކަމެކެވެ. އަދި ހެނދުނު ހެނދުނާއި އަތްވަށް ނުކުންނަ މީހުންނަކީ ހަށިގަނޑުގެ ބޮޑީ މާސް އިންޑެކްސް އެ ނޫން ގަޑިތަކުގައި ނުކުންނަ މީހުންނަށްވުރެ ކުޑަ މީހުންކަމަށްވެސް ވެއެވެ.

ކޮންމެއަކަސް، އެންމެންވެސް ހިކިކޮށް ރީތިކޮށް ތިބެން ބޭނުންވެއެވެ. އެހެންކަމަށްވާނަމަ މިފަދަ ލުއި ދުޅަހެޔޮ އާދަތަކަށްވެސް އަމަލުކުރެވޭތޯ ބަލަމާ ހިނގާށެވެ.

comment ކޮމެންޓް