ޒިންމާ އަދާނުކުރެވޭ ކަމަށް ޕެރޯލް ބޯޑުން މަޖިލީހުގައި އެއްބަސްވެއްޖެ

މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން — ފޮޓޯ/މަޖިލިސް

ކޯރަމް ހަމަ ނުވެގެން ގިނަ ބައްދަލުވުންތަކެއް ނުބޭއްވި ޒިންމާ އަދާ ކުރުމަށް ދަތިތަކާއި ކުރިމަތިވާ ކަމަށް ޕެރޯލް ބޯޑުން މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި ބުނެފި އެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ގައިދީންތަކެއް ސޮއިކޮށް ހުށަހެޅި ޕެޓިޝަނަކާ ގުޅިގެން އެ ކޮމިޓީގެ މެމްބަރުން ވަނީ ޖަލަށް ޒިޔާރަތްކޮށް ގައިދީންނާ ބައްދަލުކޮށްފަ އެވެ. އަދި ގައިދީންގެ ޝަކުވާތަކާ ގުޅިގެން ސުވާލު ކުރުމަށް އިއްޔެ ޕެރޯލް ބޯޑުގެ މެމްބަރުން ވަނީ ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.

އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޕެރޯލް ބޯޑުގެ ޗެއާޕާސަން ފައުޒިއްޔާ އަލީ ވިދާޅުވީ އެ ބޯޑަށް ހުށަހެޅޭ މައްސަލަތައް ބެލުމުގައި ދަތިތަކެއް ހުރި ކަމަށެވެ. އޭގެތެރޭގައި ކޯރަމް ހަމަ ނުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ. ވޭތުވެ ދިޔަ އަހަރުވެސް ކޯރަމް ހަމަ ނުގެވެން 15 ބައްދަލުވުމެއް ކެންސަލް ކުރަން ޖެހުނު ކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ ނިމުނު އަހަރު ބޭއްވުނީ 49 ބައްދަލުވުން ކަމަށެވެ.

ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވިދާޅުވީ އައްސޭރި ޖަލަށް ޒިޔާރަތްކޮށް ގައިދީން ކަންބޮޑުވުންތައް އަޑު އަހާލުމުން ޕެރޯލް ބޯޑާ ހަމައަށް އެމީހުންނަށް ވާސިލުވުމަށް ވެސް ގިނަ ދަތިތަކެއް ހުރިކަން ފާހަގަކޮށްފައިވާ ކަމަށެވެ. އެއީ ފޯމު ފުރުމާއި އައިޑީ ކާޑު އާ ކުރުމާއި ގަޒިއްޔާ ރިޕޯޓު ހޯދައި ޕެރޯލް ބޯޑަށް ފޯމު ހުށަހެޅުމަކީ އެމީހުންނަށް ދަތި ކަމަކަށް ވެފައި އޮންނަ ކަމަށް މުޣުނީ ވިދާޅުވި އެވެ.

އޭގެ އިތުރުން ޕެރޯލް ބޯޑުން ބައްދަލުވުންތައް ނުބޭއްވުމުގެ ސަބަބުން އެތައް ގައިދީންނެއް ލިބެން ޖެހޭ ލުއި ނުލިބި ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހިފައިވާ ކަމަށް މުޣުނީ ވިދާޅުވި އެވެ. ބައްދަލުވުންތައް ނުބޭއްވެން ދިމާވަނީ ނުވަތަ ކޯރަމް ހަމަ ނުވަނީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.

"މި ޕެޓިޝަނުގެ މައިގަނޑު ޝަކުވާއަކީވެސް އެއީ. ތިބޭފުޅުންނަށް ތިބޭފުޅުންގެ ބޯޑު ބައްދަލުވުންތައް އޮންނަންވާ ދުވަސްތަކުގައި ނުބޭއްވި ދިގުލައިގެން ދިއުމުގެ ސަބަބުން މިކަންތައް އަޅުގަނޑުމެންނާ ހަމައަށް އަންނަން މިޖެހުނީ. ތިބޭފުޅުންނަށް އެ ޒިންމާ އަދާ ނުކުރެވޭ ކަމަށް ގައިދީން ގަބޫލުކޮށްގެން އެ ގައިދީން މަޖިލީހަށް ޝަކުވާ ހުށަހަޅަން ޖެހުނީ." މެމްބަރު މުޣުނީ ވިދާޅުވި އެވެ.

ޕެރޯލް ބޯޑުގެ ޗެއާޕާސަން ފައުޒިއްޔާ ވިދާޅުވީ ބޯޑުގައި ހިމެނޭ ހުރިހާ ބޭފުޅުންނަކީވެސް އެކިތަންތަނުގައި ވަރަށް ބިޒީކޮށް މަސައްކަތްކުރާ ބޭފުޅުން ކަމަށެވެ. އެހެންވެ ކޯރަމް ހަމަ ނުވަނީ ކަމަށެވެ.

" ކޯރަމް މި ހަމަވަނީ ފަސް މެމްބަރުން ތިއްބަވައިގެން އަޅުގަނޑުމެންނަށް ގޮތެއް ނިންމޭނީ. އެހެން ނަމަވެސް އަޅުގަނޑުުމެންނަށް އިންޓަވިއު ކުރިއަށް ގެންދެވޭ ތިން މެމްބަރުން ތިބި ކަމުގައި ވިޔަސް. ފަސް މެމްބަރުން ހާޒިރު ނުވާ ކަމަށްވަންޏާ އަޅުގަނޑުމެން އިންޓަވިއު ކުރި ކަމުގައިވިޔަސް ގޮތެއް ނުނިންމޭ. މި ދަންނަވާހެން ހަމަ ބޭފުޅުންނަށް ވަޑައި ނުގެންނެވޭތީ މައްސަލައަކީ." ފައުޒިއްޔާ ވިދާޅުވި އެވެ.

ޕެރޯލް ބޯޑުގައި ތިބެނީ ނުވަ މެމްބަރުންނެވެ. އެއީ އެކި މުއައްސަސާތަކުން ޕެރޯލް ބޯޑަށް ކަނޑައަޅާފައި ތިބޭ މެމްބަރުންނެވެ. އޭގެތެރެއިން ކޯރަމް ހަމަވާނީ ފަސް މެމްބަރުން ހަމަ ވުމުންނެވެ.

ޕެރޯލް ބޯޑުގެ އޭޖީ އޮފީސް ތަމްސީލު ކުރައްވާ މާޒިޔާ އަބްދުއްސައްތާރު ވިދާޅުވީ ޕެރޯލް ބޯޑުގައި މެމްބަރުން ތިއްބަވަނީ ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން އިތުރު ޒިންމާއެއްގެ ގޮތުގައި އަދާކުރައްވަން ކަމަށެވެ. އެހެންވެ ޕްރޯލް ބޯޑުގެ ތިއްބަވާ ހުރިހާ މެމްބަރުންނަކީވެސް އެމީހެއްގެ އޮފީހުގައިވެސް ވަރަށް އިސް މަގާމުތަކެއް އަދާކުރައްވާ މީހުން ކަމަށް މާޒިޔާ ވިދާޅުވި އެވެ.

"އެބޭފުޅުންނަކަށް ނޯވޭ އެބޭފުޅުންގެ ޕްރައިމެރީ ޒިންމާ ދޫކޮށްލައްވާފައި ނުވަތަ އެ މީޓިންގް ފަސްކޮށްފައި ނޫނިއްޔާ އެއަށް އެޓެންޑް ނުކުރައްވާ ޕެރޯލް ބޯޑަށް ވަޑައިގެންނެވޭކަށް. އެއީ ކޯރަމް ހަމަ ނުވާން ދިމާވާ މައިގަނޑު އިޝޫއަކީ." މާޒިޔާ ވިދާޅުވި އެވެ.

ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ ޕެރޯލް ބޯޑުގެ ކަންކަން ހުރިގޮތުން އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އެ ނިޒާމު ނުހިނގާ ކަމަށް ގަބޫލުކުރައްވަންތޯ ސަލީމް ސުވާލު ކުރެއްވި އެވެ. އަދި ބައެއްގެ ހައްގުތައް ގެއްލޭތީ އެކަން މިނިސްޓަރުގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނެވިންތޯ އޭނާ ސުވާލު ކުރެއްވި އެވެ. ސަލީމް ވިދާޅުވީ 15 ބައްދަލުވުން ކޯރަމް ހަމަ ނުވެގެން ކެންސަލްވުމަކީ ކުޑަކަމެއް ނޫން ކަމަށެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މާޒިޔާ ވިދާޅުވީ ސިސްޓަމް ނުހިނގާ ކަމަށް ގަބޫލުކުރާ ކަމަށެވެ. ސިސްޓަމް ނުހިނގާ ސަބަބުތައް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެކި އެކި ފޯރަމްތަކުގައި މިނިސްޓަރަށް ވާނީ ދަންނަވާފަ. ކުރީގެ ސީޕީއަށް ވާނީ ދަންނަވާފަ. މިހާރުގެ ސީޕީއަށް އަޅުގަނޑުމެން ލިޔުމުން އަދި ބައްދަލުވުންތަކުގައިވެސް ވާނީ ދަންނަވާފަ." މާޒިޔާ ވިދާޅުވި އެވެ.

comment ކޮމެންޓް