ކޮލަމްބޯ (ފެބްރުއަރީ 10): ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ހުއްދަ އެގައުމުން ދޭން ފަށާނެ ކަމަށް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެ އެވެ.
ލަންކާގެ ޕާލިމެންޓުގެ ބައްދަލުވުމެއްގައި ބޮޑުވަޒީރު އެފަދައިން ވިދާޅުވީ ކޮވިޑުގައި މަރުވާ މީހުން ވަޅުލަން ހުއްދަ ދޭން ސަރުކާރުން ދެކޮޅު ހެދުމާ ބެހޭ ގޮތުން އިދިކޮޅު މެމްބަރުން ސުވާލު އުފެއްދެވުމުންނެވެ. އަދި ކޮރޯނާވައިރަސް ފެނުގެ ޒަރިއްޔާއިން ނުފެތުރޭ ކަމަށް އެގައުމުގެ ސްޓޭޓް މިިނިސްޓާ އޮފް އެޕިޑެމިކްސް އެންޑް ކޮވިޑް ކޮންޓްރޯލް، ސުދަރުޝިނީ ފާނަންޑުޕޫލޭ އިއްޔެ ވިދާޅުވި ފަހުންނެވެ.
އެހެންކަމުން ކޮވިޑު ޖެހިގެން މަރުވާ މީހުން ވަޅުލާން ދެކޮޅު ހަދަނީ ކޮން ސަބަބަކާ ހެދިތޯ އިދިކޮޅު މެމްބަރު އެސްއެމް މަރިއްކަރު ސުވާލު ކުރެއްވި އެވެ. އަދި "ބަލީގައި މަރުވާ މީހުން ވަޅުލާން ހުއްދަ ދޭނެ" ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. ނަމަވެސް އެ ހުއްދަ ދޭން ފަށާނީ ކޮން އިރަކުކަން ރާޖަޕަކްސަ ހާމަ ކުރެއްވި ކަމެއް ލަންކާގެ މީޑިއާތަކުން ރިޕޯޓު ނުކުރެ އެވެ.
ލަންކާއިން ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް އަންދަން ނިންމީ މިދިޔަ އޭޕްރިލް މަހުގަ އެވެ. އެއީ އެ ބަލީގައި މަރުވާ މީހުން ވަޅުލުމުން ބިމުގެ ފެން ފަށަލަ ތަޣައްޔަރުވެ، ވައިރަސް ފެތުރިދާނެ ކަމަށް އެގައުމުގެ ނުފޫޒު ގަދަ ބުޑިސްޓު ހާމުދުރުން ތުހުމަތު ކުރުމުންނެވެ. އަދި ލަންކާ ސަރުކާރުން އޭރު އައްޔަން ކުރި މާހިރުންގެ ކޮމިޓީއަކުން ވެސް ނިންމީ ކޮވިޑުގައި މަރުވާ މީހުން އެންދުން ނޫން ގޮތެއް ނެތް ކަމަށެވެ.
އެ ސިޔާސަތުގެ ދަށުން ލަންކާއިން ކޮވިޑު ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް އާއިލާގެ ހުއްދައާ ނުލައި އަންދާތީ ސަރުކާރަށް ފާޑު ކިޔުންތައް އަމާޒުވި އެވެ. އަދި ބަލީގައި މަރުވާ ބައެއް މުސްލިމުންގެ އާއިލާތަކުން އެ މީހުންގެ ހަށިގަނޑު އެންދުމުގައި ބައިވެރިވި ނުވުމުގެ ގޮތުން، މަރުވާ މީހުންގެ ހަށިގަނޑާ ހަވާލުވާން ދެކޮޅު ހަދަން ފެށި އެވެ.
އެ ފާޑު ކިޔުންތަކާ ގުޅިގެން، ކޮވިޑު ޖެހިގެން މަރުވާ މީހުން ވަޅުލުމާ ބެހޭ ގޮތުން ހިޔާލު ހޯދުމަށް، ވައިރޮލޮޖިސްޓުންނާއި އެހެން ސިއްހީ މާހިރުން ހިމެނޭ 11 މެމްބަރުންގެ އާ ކޮމިޓީއެއް ލަންކާއިން ޑިސެމްބަރު މަހު އެކުލަވާލި އެވެ. އަދި އެ ކޮމިޓީން ލަފާ ދިނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު މުސްލިމުންގެ ހަށިތައް އިސްލާމް ދީނުގައި އޮންނަ ގޮތަށް ވަޅުލުމަށް ފުރުސަތު ދިނުމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް ލަންކާގެ ސަރުކާރުން ވަނީ ކޮވިޑުގައި މަރުވާ މީހުން އަންދާނީ ކަމަށާއި އެ ނިންމުން ބަދަލު ކުރެވެން ނެތް ކަމަށް ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން، ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލަން ލަންކާ ސަރުކާރުން ދިވެހި ސަރުކާރުގެ އެހީއަށް ވެސް އެދުނެވެ. ނަމަވެސް ފަހުން ލަންކާ ކެބިނެޓުން ވަނީ އެގައުމުން އެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް ބުނެފަ އެވެ.