ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބުދުﷲ މުހައްމަދަކީ މުޅި ޝަރުއީ ނިޒާމްކަމަށް ބަލައި އޭނާ މަގަމުން ވަކިނުކުރެވިގެން ނުވަތަ އޭނާ ކްރިމިނަލް ކޯޓުން އެހެން ކޯޓަކަށް ނަމަވެސް ބަދަލް ނުކުރެވިގެން ސަރުކާރުން އައީ ވަރަށް ބޮޑަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަބްދުﷲ ގާޒީ އަކީ ފެށުނީއްސުރެ ސަރުކާރާއި އެމްޑީޕީގެ ފާޑުކިއުންތައް އަމާޒުވެފައިވާ ފަނޑިޔާރެކެވެ. އޭނާޔާ މެދު ތުހުމަތު ކުރެވެނީ ސިޔާސީ ފަރާތްތަކުގެ ނުފޫޒު ބޮޑު ފަނޑިޔާރެއްގެ ގޮތުގަ އެވެ.
އެ ތުހުމަތުތަކާ އެކު އަސްކަރިއްޔާ އިން ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އޭނާގެ އާއިލާޔާ އެކު ގޭގައި އުޅުއްވަނިކޮށް ގެޔަށް ވަދެ އޭނާ އުފުރާލައިގެން ގެންގޮސްފަ އެވެ. އިދިކޮޅު ފަރަތްތަކުން އަސްކަރިއްޔާގެ އަމަލު ސިފަކުރަނީ ގާޒީ އަކު ގެއްލުވާލުމުގެ ގޮތުގަ އެވެ.
ސާކުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ބަންޑާރަ ނައިބުކަން ވެސް ކުރެއްވި ދިޔާނާ ސައީދު، އަބްދުﷲ ގާޒީ ހައްޔަރުކުރުން ސިފަކުރައްވަނީ ސަރުކާރުން ބޭނުންވާ ގޮތަށް ފަޑިޔާރުގެއިން ހުކުމްތަކެއް ނެރެމުން ނުދާތީ ފަނޑިޔާރުގެއަށް ބިރުދެއްކުމެވެ.
"އެބޭފުޅުން (ސަރުކާރުން ) ބޭނުން ވަނީ ފަނޑިޔާރުގެއަށް އަތްބާނުއްވައިގެން އެބޭފުޅުން ބޭނުންވާ ހުކުމްތައް ނެރެ އެބޭފުޅުން ބޭނުންވާ މީހުން ބަންދުކޮށް އެބޭފުޅުން ބޭނުންވާ ތަންތަން ފާސްކުރުމަށް ސާރޗްވޮރެންޓް ހޯދަމުން އެމަގުން ސިޔާސީ ލީޑަރުންނަށް ބިރުދައްކަމަށް ފުރުސަތު ނުދެއްވާތީ ހައްޔަރު ކޮށްފައި ވަނީ،" ދިޔާނާ ވިދާޅުވި އެވެ.
އެހެންނަމަވެސް ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ވާހަކަފުޅު ދިޔާނާގެ ވާހައާއި ވަރަށް ތަފާތެވެ. ޒުހައިރު ވިދާޅުވެފައި ވަނީ އަބުދުﷲ ގާޒީ ހައްޔަރުކުރީ ގާޒީއެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި އޭނާ ހައްޔަރުކުރީ "މުޖުރިމެއް"ގެ ގޮތުގައި ކަމަށެވެ. އަދި ޒުހައިރު ވިދާޅުވީ އަބްދުﷲ ގާޒީ ހުންނެވީ އަސްކަރީ ބަންދެއްގައި ނޫން ކަމަށެވެ. ނަމަވެސް އޭނާ ހައްޔަކުރުމުގައި ފުލުހުން އަސްކަރިއްޔާގެ އެހީ ހޯދީ ކަމަށެވެ.
"އެއްވެސް މީހަކު އަސްކަރީ ބަންދެއްގައި ނުހުންނާނަވާނެ. ހަމަ އެއްވެސް ބޭފުޅަކު ދީނާ ހިލާފު ކަންތައްތަކެއް ކުރާކަމަށް ސަރުކާރާ މެދު ވާދަވެރިފަރާތްތަކުން ކުރަށްވާ ތުހުމަތުތަކެއްގައި އަބުދުﷲ ގާޒީ ވެސް ބައިވެރިވެ ވަޑައިގަންނަވާ ކަކަށް ފުލުހުންނަށް ފާހަގަކުރެވުނީ. އެހެންވީމާ އޭނާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދެވުނީ،" ޒުހައިރު ވިދާޅުވި އެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރުގެ މިހާރުގެ އަމާޒަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން މަޖިލިހުގެ އަގްލަބިއްޔަތު ނެގުމަށް މަސައްކަތްކުރާ ގޮތަށް ޝަރުއީ ނިޒާމާއި ޖުޑީޝަރީއަށް ސަރުކާރުގެ ބާރާއި ނުފޫޒް ފޯރުވައި ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުގެ މަގުފަހިކުރެއްވުމެވެ.
ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވީ މިހާރު ފެންނަމުން ދާ މަންޒަރަކީ ގާނޫނު އަސާސީ ދަމަހައްޓައި ގާނޫނީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ބަދަލުގައި ސަރުކާރުން ގާނޫނާ ހިލާފަށް ނިޒާމްތައް ފުނޑުފުނޑުކޮށް އެކަންތައްތަކަށް އަރައިގަންނަމުންދާ މަންޒަރު ކަމަށެވެ.
"މިއަދުގެ ސަރުކާރުން އަޅުނގަޑުމެންގެ ނިޒާމުން ބޭރަށް ގޮސްފިއްޔާ. ނިޒާމުގެ ތެރެއިން ހައްލު ހޯދޭނެ ގޮތެއް ނުފެނިއްޖެއްޔާ، ދެން ކަންތައް ކުރައްވާނީ ކިހިނެތްތޯ؟ ކަންތައް ވެގެންދާނީ ކިހިނެއްތޯ؟ އެއީ އަޅުނގަޑުމެންނަށް ކިޔަން އެނގޭނެ އެއްޗެއްނޫން." ތަސްމީން ވިދާޅުވި އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ގާނުނީ ވަކީލަކު ވިދާޅުވީ ސަރުކާރަށް މައްސަލައަކަށް ވަނީ ގާނުނޫނާ ހިލާފަށް ސަރުކާރުން ކުރާ ކަންތައްތައް ކޯޓުތަކަށް ހުށައެޅުމުން އެމައްސަލަތައް ސަރުކާރާ ދެކޮޅަށް ނިމުން ކަމަށެވެ. ނަމަވެސް އެއީ ގާޒީން ނުވަތަ ފަނޑިޔާރުން ހައްޔަރުކޮށްގެން ގެންގުޅެންވީ ސަބަބެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަބުދުﷲ އާއ މެދު ޒާތީ ގޮތެއްގައި މިސަރުކާރުން ކަންކަން އެ ކުރަނީ،" ވަކީލު ވިދާޅުވި އެވެ. "އެތަނުގައި( ކޯޓްތަކުގައި) އެބޭފުޅުން ބުނާ ގޮތަށް ކަންކަން ކުރަށްވާ ނަމަ އަދި އެބޭފުޅުން އެދޭގޮތަށް ބަންދުގެ މުއްދަތު އިތުރުކޮށްދެއްވާ ނަމަ އަބުދުﷲ ވަރު މީހަކު މިސަރުކާރަކަށް ނުހުންނާނެ،"
މިހާ ހިސާބުން އުފެދޭ ސުވާލަކީ އަބުދުﷲ ގާޒީގެ މައްސަލަ ޖުޑީޝަލް ސާރވސް ކޮމިޝަނުން ބަލަމުން ދަނިކޮށް އަދި އޭނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީގައި ސާބިތުވެ، އަދިވެސް އިތުރު މައްސަލަތަކެއް ބަލަމުން އަންނަނިކޮށް އޭނާ ހައްޔަރުކުރީ ކޮންބޭނުމެއްގައިތޯ އުފެދޭ ސުވާލެވެ؟
އެސުވާލުގެ ޖާވާބު ދިޔާނާ ވަނީ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އަބުދުﷲ ގާޒީ އަކީ ގުރުބާން ކުރާ "ކަންބަޅި ބަކަރިއަކަށް" ސަރުކާރުން ހައްދަވާފައި ޖޫޑީޝަރީގެ އެންމެހާ ފަނޑިޔާރުންނަށް ދެއްވި އިންޒާރެއްކަމަށް ބެލެވޭ ކަމަށެވެ.
"އަބުދުﷲ ގާޒީ އަށް ހެދިގޮތް އެބަފެނޭ ކަލޭމެން އެންމެނަށް ވެސް އެގޮތް ހަދާނަމޭ އެބުނަނީ. އެއީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ދެއްކި މިސާލެއް. އެގޮތަށް އެކަން ކުރުމުގެ ގާބިލްކަން ތިމަންނަމެންގެ އެބަހުއްޓޭ އެބުނަނީ. އެހެންވީމާ ފަނޑިޔާރުން މައިތިރިވާށޭ އެބުނަނީ،" ދިޔާނާ ވިދާޅުވި އެވެ.
އަބުދުﷲ ގާޒީ ހައްޔަރުކުރީ ޝަރުއީ ނިޒާމް ރަނގަޅުކުރުމަށް ކަމަށް އެމްޑީޕީ އާއި ސަރުކާރުގެ އިސްވެރިންގެ ވާހަކަތަކުން އަންނަނީ ދޭހަވަމުންނެވެ. އަބްދުﷲ ގާޒީ ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް ފާޑު ވިދާޅުވަމުން އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެފައި ވަނީ ސްޕްރީމް ކޯޓުގެ ނިންމުންތަކުގެ ސައްހަ ކަމާ މެދު ސުވާލް އުފެދޭ ކަމަށެވެ.
އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީ އެ ޕާޓީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާ ނިންމެވުމަކަށް ވެސް އޭނާ ބޯ ނުލަބާނެ ކަމަށާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ކުރާ ހުކުމްތަކަށް ވެސް ބޯނުލަބާނެކަމަށެވެ.
"ދައުވާ ވެސް ކުރައްވަންވީ، ހުކުމް ވެސް ކުރައްވަންވީ، ހަމަ ގައިމު ވެސް] ދަށު ކޯޓުތަކުން[ ކުރާ ހުކުމެއް އަޅުގަނޑުގެ މައްޗަކަށް މި ރާއްޖެއަކު ދެނެއް ތަންފީޒެއްނުވާނެ. އެ ވަރަށް ސާފު އެއްޗެއް. އެބަ އެނގޭ ޣައިރު ގާނޫނީ ގޮތުން ކޯޓުތަކަށް ވަދެ ތިބި ފަނޑިޔާރުން، ޣައިރު ގާނޫނީ ފަނޑިޔާރުންތަކެއް ކުރާ ހުކުމްތަކެއް ދެނެއް ތަންފީޒެއް ނުވާނެ" އަލްހާން ވިދާޅުވި އެވެ.
އަދި މިދިޔަ ހަފްތާގެ ރޭޑިޔޯ ހިތާބުގައި ރައީސް ނަޝިދު ވިދާޅުވީ ރާއްޖެއަށް މިވަގު އޮތް އެންމެ ބޮޑު އެއް ހުރަހަކީ ވެސް އަދި ގޮންޖެހުމަކީ ވެސް ޤާނޫނު އަސާސީގައިވާ އުސޫލުތަކާ ހިލާފަށް ދަށުކޯޓް ތަކުގައި ފަނޑިޔާރުން ތިއްބެވުން ކަމަށެވެ.
އަބުދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު ހިނގަމުން އަންނަ ކަންކަމަށް ބަލާ އިރު ޝަރުއީ ދާއިރާގެ ކަންކަން އިސްލާހުކުރުމަށް ސަރުކާރުން މަސައްކަތްކުރާ ކަމަށް ވިދާޅުވާ އިރު އޭނާ ހައިކޯޓަށް ހާޒިރުކުރުމަށް ތިން ފަހަރު ނެރެފައިވާ އަމުރު ވަނީ ބޮލާލާ ޖަހާފަ އެވެ. އަދި މީގެ އިތުރަށް ވެސް އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއަށް ރައްދުވާ ޗެކް ބައުންސް މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ހާޒިރުވާން އަމުރު ފޮނުވުމުން ދަށުކޯޓުތަކުން ކުރާ ހުކުމްތައް ތަންފީޒު ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު އަންގާފައިވާ ކަމަށް ވިދާޅުވެ މުސްތަފާ ވަނީ ކޯޓަށް ހާޒިރުވެޑައި ނުގަތްފަ އެވެ.
އެހެންކަމުން ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބޮޑަށް ބުރަވަނީ އަބުދުﷲ ގާޒީ ހައްޔަރުކުރުމަކީ މުޅި ޖުޑީޝަރީގެ މައިބަދަ ވާކޮށްލުމުގެ ބޭނުމުގައި ސަރުކާރުން ކުރިކަމެއް ކަމަށާއި އެ މައްސަލާގައި ފަނޑިޔާރުން މިނިވަންކޮށް އަދުލު އިންސާފާ އެއްގޮތަށް ހުކުމް ކުރުމަކީ އަދި އެމްޑީޕީގެ ރަނގަޅު ނިޔަތްނޫން ކަމަށެވެ. އެހެން ނޫނަމަ މިވަގުތު ވެސް ކޯޓްތަކުގެ އަމުރުތަކަށް ބޯލަނބާނެ ކަމަށް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.