ހުޅުދެލީ ނެރު ފުންކޮށް ނިންމާލައިފި

ދ. ހުޅުދެލި ނެރު ފުންކުރުމުގެ މަސައްކަތް މުޅިން ނިންމާލައިފި އެވެ.

އެމްޓީސީސީއިން ހުޅުދެލި ބަނދަރު ފުންކޮށްފައި ވަނީ އެރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުންނެވެ.

އެމްޓީސީސީން މިއަދު ބުނީ، ހުޅުދެލި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 25 ޕަސެންޓު ނިމިފައިވާ ކަމަށާއި މަޝރޫއުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތް މިހާރު މުޅިން ނިމިފައިވާ ކަމަށެވެ.

ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ 80 ޕަސެންޓު ވެސް ނިމިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 337 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 252 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

އޭގެ އިތުރުން މަގު ބައްތި ހަރުކުރުމާއި، 1،645 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ، މިއީ 39.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

comment ކޮމެންޓް