ސިޔާސީ މަގާމުތަކުގެ އިސްރާފު ހުއްޓުވަން ޖެހޭ!

ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ. _ފޮޓޯ/އަރުޝަދު އަހުމަދު)

ބައެއް މީހުން ބުނެ އެވެ؛ ރާއްޖޭގައި ސިވިލް ސާވިސްގެ ވަޒީފާއެއް އަދާކުރުމަކީ ފޫ ނެތް ފަޔަށް ފެން ފުރުން ކަހަލަ ކަމެކެވެ. ވަޒީފާ ހޯދަން އެހާ އުނދަގޫއިރު ލިބޭ ކުޑަ މުސާރަކޮޅާ އެކު ދިރިއުޅުމުގެ ހަރަދުތައް ހަމަޖެއްސޭ ވަރުގެ އެއްޗަކަށް ނުވެ އެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް ވަޒީފާގެ ކުރިއެރުމެއް ވެސް ނުލިބެ އެވެ. ގިނަ އަދަދެއްގެ ފައިސާ އާއި އުމުރުގެ ބޮޑު ބައެއް އެކަމަކަށް ދުއްވާލައިގެން ހޯދި މަތީ ތައުލީމުގެ ސެޓްފިކެޓު ވެސް ވަނީ ބޭކާރެވެ. މިއީ ސިވިލް ސާވިސް ވަޒީފާއެއްގައި ހުންނަ ކޮންމެ މީހެއްގެ ކަހަލަ ގޮތަކަށް ޝަކުވާއެކެވެ.

ސިވިލް ސާވެންޓުން މި ޝަކުވާތަކުގައި ތިއްބާ ކޮންމެ ހަތަރު އަހަރަކުންހެން ބަދަލުވާ ސަރުކާރަކާއިއެކު ސިޔާސީ މަގާމުތަކެއް އުފައްދާ ބޮޑު މުސާރަދެ އެވެ. ތައުލީމާއި ތަޖުރިބާ ނެތަސް މި ބޭފުޅުންނަށް އޮތީ ބޮޑު މުސާރައާއި، ކުރިއެރުމުގެ މަގު ކޮށައި އަލިކޮށްދީ އާސުމާނަށް އަރުވައިފަ އެވެ. މިކަހަލަ މަގާމެއް ހޯދަން އޮތް ހަމައެކަނި ޝަރުތަކީ ސިޔާސީ ގުޅުންތަކާއި ރަހުމްތެރިންނެވެ. ޕާޓީގެ އެކްޓިވިސްޓަކަށްވީމާ ވެސް ޝަރުތުހަމަވީ އެވެ.

ސިވިލް ސާވިސްގެ ވަޒީފާތަކާއި ސިޔާސީ މަގާމުތަކުގެ މުސާރައިގެ ފަރަގަށް އެކަނި ބަލައިލިޔަސް މި ބޮޑު ބޭއިންސާފު އެ އޮތީ ފެންނާށެވެ.

މިހާރު ސުވާލަކީ؛ މިގޮތަށް ކަންތައް އޮތުމަކީ ޑިގްރީ ނުވަތަ މާސްޓާޒް ސެޓްފިކެޓާއިއެކު ވަޒީފާއެއް ނުލިބިގެން ގަނަތެޅޭ ދިވެހި ޒުވާނާއަށް އިންސާފުވެރި ގޮތެއް ހެއްޔެވެ؟ ޕްރޮމޯޝަނެއް ނެތި އުމުރުގެ ޒުވާން ދައުރު ހޭދަކުރާ އެއް މަގާމެއްގައި މަސައްކަތްކުރާ ސިވިލް ސާވެންޓަށް މިއީ އިންސާފު ހެއްޔެވެ؟ މުސާރަކޮޅުން ގޭގެ ކަންކަން ނުބެލި ދަރަނިވެރިވާ ސިވިލް ސާވެންޓަށް މިއީ އިންސާފު ހެއްޔެވެ؟ ޕާޓީ ކުލައިގެ ސަބަބުން މި ބަޔަކު އެމީހުންގެ ސިވިލް ސާވެންޓުންގެ މައްޗަށް އަމުރުކުރަން ތިބުމަކީ ސިވިލް ސާވެންޓުންނަށް ހައްގު މިންވަރު ހެއްޔެވެ؟

އެންމެ އާދައިގެ ސިވިލް ސާވިސް މުވައްޒަފެއްގެ އަސާސީ މުސާރަ ގާތްގަނޑަކަށް 5،000-7،000 ރުފިޔާއަށް އަރާއިރު އެލަވަންސާއިއެކު 9،000-10،000 އާއި ހިސާބަށް އަރާފާނެ އެވެ. މަތީ ތައުލީމުގެ ސެޓްފިކެޓެއް އަތުގައި އޮންނަ ޑިރެކްޓާ ފަންތީގެ މުވައްޒަފެއްގެ އަސާސީ މުސާރައަކީވެސް ގާތްގަނޑަކަށް 15،000 ރުފިޔާ އެވެ.

އެކަމަކު ފޮތުގެ އަނެއް ސޮފްހާ ބަލާއިރު، އައްޔަނުކުރާ ސިޔާސީ ބޭފުޅުންގެ މުސާރައަކީވެސް މަތީ ތައުލީމުގެ ސެޓްފިކެޓް އޮންނަ ޑިރެކްޓާ ފަންތީގެ ބޭފުޅުންނާއި ހަމަ އެއް މިންވަރެކެވެ. އެލަވަންސާއިއެކު 20،000-25،000 ރުފިޔާ ސިޔާސީ ބޭފުޅަކަށް ލިބޭނެ އެވެ.

"ގިނަ ފަހަރަށް އެ ގޮތަށް އައްޔަނުކުރެވޭ ސިޔާސީ މަގާމުތަކުގެ ބޭފުޅުންނަކީ އެ ދާއިރާއަކާއި ގުޅޭ ބައެއްވެސް ނޫން. ޓޫރިޒަމް މިނިސްޓްރީއަށް ނަގާފާނެ ވެރިކަން ކުރާ ޕާޓީގެ އެކްޓިވިސްޓެއް. އެއީ އެކަމަކު ޓޫރިޒަމްއާއި ގުޅޭ ބޭފުޅަކަށްވެސް ނުވެދާނެ. އެބޭފުޅަކުތޯ ވީ މިނިސްޓްރީގެ އިސް ކަންކަން ކުރަން؟ އެޔަށްވުރެ ދުވަސްވީ ގާބިލު ސިވިލް ސާވެންޓެއް ހުއްޓާ؟ ދެން ކޮބާ ކިޔަވައިގެން މަތީ ސަނަދެއް އޮތުމުގެ ބޭނުމަކީ؟ މި ބޭފުޅުންގެ މުސާރަ މާ ބޮޑުއިރު؟" މިއީ ސިވިލް ސާވިސް ގެ މުވައްޒަފެއްގެ ހުރި ހިތްހަމަނުޖެހުންތަކެކެވެ.

އިސްވަނީ ސިޔާސީ ފިކުރު، ތައުލީމާއި ގާބިލިއްޔަތެއް ނޫން!

ސިޔާސީ ގޮތުން ވަރުގަދަ ނުވަތަ ގާތް މީހާއާއި ތައުލީމު ހުރި މީހާއާއި ދޭތެރެއިން ކޮންމެ ސަރުކާރެއްގައިވެސް އިސްކަން ދެނީ ސިޔާސީ މިހާއަށެވެ. ފިޔާތޮށި ސަރުކާރަކަށްވިޔަސް ރީނދު ސަރުކާރަކަށްވިޔަސް ކަން އޮތީ މިހެންނެވެ. އެކަމަށް ތަފާތެއް ނާދެ އެވެ.

ސިޔާސީ މަގާމުތަކަށް އައްޔަނުކުރާ ބޭފުޅުންނަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އައްޔަނުކުރާ ބޭފުޅުންނެވެ. މާނައަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އައްޔަނުކުރާ ބޭފުޅުންނެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނު އަސާސީއިން ދޭ އެއްވެސް ހިފެހެއްޓުމެއް ނެތް ވަރަށް ބޮޑު ބާރެކެވެ. ހުރަހެއް ނެތި މި މާއްދާގެ ދަށުން ކިތަންމެ ގިނަ އަދަދަކަށްވެސް މީހުން އައްޔަނު ކުރެވިދާނެ އެވެ. ރާއްޖޭގައި މިކަމަށް ވަކި އުސޫލެއް ހުދޫދެއް ނެތެވެ. ނަތީޖާއަކަށް ވަނީ މި ބާރު ނުބައި ގޮތުގައި ބޭނުން ކުރެވުމެވެ.

"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ޕޯޑިއަމް ތަކަކީ ކޮލިފިކޭޝަންއަކަށް ބަލަން ޖެހޭ ތަނެއް ހެން. ޕޯޑިއަމްއަކަށް އަރާ ވާހަކަދެއްކުމަކީ. ތައުލީމު ނެތް މީހުން ސަރުކާރު ހިންގަންޏާ މަސައްކަތްތައްވެސް ރަނގަޅަށް ނުހިނގާނެ. އަދަބީ ބަހެއް އޮންނާނެ، ކެއްޗަށް އެޅި ބިންގާ ދާނީ ކައްޗަށް. އެއީ ހަމަ މިކަންކަން އެންމެ ރަނގަޅަށް ދައްކުވައިދޭ ބަހަކީ،" ސިވިލް ސާވެންޓެއް ކިޔައިދިނެވެ.

މަގާމުތަކަށް ގާބިލް ނޫން މީހުން އައްޔަން ކުރުމަކީ ގޯހުން ގޯހަށް ކަންކަން ހިނގައިދާނެ ގޮތަށް ފަހި ކުރާ މަގެކެވެ. ސަރުކާރުގެ ހިންގުންތެރިކަމާއި އުފެއްދުންތެރިކަން ދަށްކުރާނެ ކަމެކެވެ. ހާއްސަކޮށް އާންމު ރައްޔިތުން މީހާއަށް ސަރުކާރަކުން ކޮށްދޭން ޖެހޭ ހިދުމަތް ނުކޮށްދެވިދާނެ ކަމެކެވެ.

ސިޔާސީ މަގާމުތަކުގެ އިސްރާފެއް!؟

ކޮންމެ މިނިސްޓްރީއެއްގައިހެން އެވަރެޖްކޮށް 15-20 ސިޔާސީ މުވައްޒަފުން ތިއްބަވާއިރު ބައެއް މިނިސްޓްރީތަކުގައި މި އަދަދު އުޅެނީ ސަތޭކައިން މަތީގަ އެވެ. އެގޮތުން ފޮރިން އަދި ހެލްތު މިނިސްޓްރީގައި ފާހަގަކޮށްލެވޭހާ ގިނަ އަދަދަކަށް ސިޔާސީ ބޭފުޅުން އެބަ ތިއްބެވި އެވެ. ފޮރިން މިނިސްޓްރީގައި މި އަދަދަށް އަރަނީ އެމްބެސެޑަރުންނާއި ހައިކޮމިޝަންތަކުގައި ތިއްބަވާ ބޭފުޅުން ލައިގެންނެވެ. ހެލްތުގައި މި އަދަދުތައް އަރަނީ ކޮންމެ ރަށެއްގައި ހުންނަ ސިއްހީ މަރުކަޒު ނުވަތަ ހޮސްޕިޓަލުތަކުގެ މެނޭޖަރުންވެސް ހިމަނައިގެންނެވެ. އަދި ޕްލޭނިންގް މިނިސްޓްރީގައި 27 ސިޔާސީ ބޭފުޅުން އަދި ޔޫތު މިނިސްޓްރީގައި 51 ބޭފުޅަކު ސިޔާސީ މަގާމުތަކުގައ ތިއްބަވަ އެވެ.

ކޮންމެ ވެރިކަމެއްގައިހެން ސިޔާސީ މަގާމުތަކުގެ އަދަދުތައް އިތުރުވާއިރު ހަރަދުތައްވެސް ދަނީ ބޮޑުވަމުންނެވެ. އެކަމަކު ކޮންމެ މުއައްސަސާއަކަށް 10-15 ސިޔާސީ މުވައްޒަފުން ބޭނުންވޭ ހެއްޔެވެ؟ އެބޭފުޅުން އައްޔަން ކުރަނީ ސިވިލް ސާވެންޓުންނަށް ނުކުރެވޭ ކޮން އާ މޮޅު ކަމެއް ކުރަން ހެއްޔެވެ؟

"ބަލަންވީ މަސައްކަތް އޮތް މިންވަރަކަށް، މިސާލަކަށް 20-50 ސިވިލް ސާވެންޓުން ތިބޭ މުއައްސަސާއަކަށް 10 ސިޔާސީ ބޭފުޅުން އައްޔަނުކުރުން އޯކޭ އެއްނޫންކަންނޭނގެ. އެކަމަކު 500 އެއްހާ ސިވިލް މުވައްޒަފުން އުޅޭ ތަނަކަށް 20 ސިޔާސީ މީހުން ގަބޫލުކުރެވިދާނެ. އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކޮންމެ ތާކު ސިޔާސީ އިސްވެރިން ތިއްބަވާކަށް ނުޖެހޭ،" މި މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ ކޮބައިތޯ އަހާލުމުން ސިވިލް ސާވެންޓެއްގެ ކިބައިން ލިބުނު ޖަވާބަކީ މި އެވެ.

ސިޔާސީ ގޮތުން ވެރިކަން ކުރާ ޕާޓީގެ ބާރެކޭ އެއްވަރަށް އާންމު ރައްޔިތުންގެ ބާރު ސަރުކާރުގައި "ބެލެންސް" ކުރެވެން ޖެހޭނެ އެވެ. ސިޔާސީ ފަޅިއަށް މާ ބުރަވާނަމަ ރައްޔިތުންގެ ބާރު ސަރުކާރުގައެއް ނޯންނާނެ އެވެ. އަދި ކޮރަޕްޝަން ފަދަ ކަންކަމަށް މަގުފަހިވާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 700 އާއި ގާތްކުރާ އަދަދަށް ސިޔާސީ ބޭފުޅުން ތިއްބެވި އެވެ. މިއީ ރައީސް އޮފީހުގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ނުވަތަ ސިވިލް ސާވެންޓުންގެ ގިންތީގައި ނުގުނޭ މުވައްޒަފުން ހިމަނައިގެންނެވެ.

ރައީސް ސޯލިހުގެ ސަރުކާރު ފެެއްޓެވީ ސިޔާސީ މަގާމުތަކުގެ އަދަދު ރައީސް ޔާމީން ސަރުކާރަށް ވުރެ 20-30 ޕަސެންޓާ ދެމެދަށް މަަދު ވާނޭކަމުގެ ވައުދާ އެކު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019ވަނަ އަހަރުގެ ޖުލައި މަސް ތެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަ ނުވާނޭކަމުގެ ޔަގީންކަން އަރުވާފައި.

އެހެންނަމަވެސް ރައީސް ސޯލިހުގެ ސަރުކާރަށް ތިން އަހަރު ވެފައިވާއިރު މި ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ.

ރައްޔިތުންގެ މަޖިލީހުން 2021 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައިވާގޮތުންނަމަ ރައީސް ސޯލިހުގެ ސަރުކާރުގައި 2021 ވަނަ އަހަރު 967 ސިޔާސީ މުވައްޒަފުން ތިއްބަވާނެ އެވެ. މީގެ ތެރެއިން 400 އެއްހާ މުވައްޒަފުންނަކީ ރައީސް އޮފީހުގައި މަސައްކަތްކުރާ ދާއިމީ މުވައްޒަފުން ނުވަތަ ސިވިލް ސާވެންޓުންގެ ގިންތީގައި ނުގުނޭ މުވައްޒަފުންނެވެ. ބަޖެޓް ފޮތުގެ މި އަދަދުތަކަކީ ރާއްޖެފަދަ ކުޑަ ކުޑަ ގައުމަކަށް މާ ބޮޑު އަދަދުތަކެކެވެ.

ބަޖެޓު ފޮތުގެ ގަނޑުތައް އުކާލާއިރު މުވައްޒަފުންނަށް ހިނގާނޭ ހަރަދުތަކުގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައަށް 383 މިލިއަން ރުފިޔާ ހަރަދުވެ އެވެ. ސަރުކާރުގައި 23،000 އެއްހާ ސިވިލް ސާވެންޓުން ތިބޭއިރު އެ މުވައްޒަފުންގެ މުސާރައަށް 3.6 ބިލިއަން ރުފިޔާ އަރަ އެވެ. މި ނަމްބަރުތައް އަޅާކިޔާއިރު 967 މުވައްޒަފުންނަށް ހަރަދުވަނީ 383 މިލިއަނެވެ. މީގެ އިތުރަށް 23،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް މި ހަރަދުކުރަނީ 3.6 ބިލިއަނެވެ. ޖުމްލަކޮށް ސަަރުކާރު ހުރިހާ މުވައްޒަފުންގެ މުސާރައަކީ 8.3 ބިލިއަން ރުފިޔާ އެވެ. މިއީ ކިހާ ބޮޑު އިސްރާފެއް ހެއްޔެވެ؟ އަދި ސިޔާސީ މުވައްޒަފުން މަދުކުރުމުގެ ވައުދަށް މިވީ ކިހިނެއް ހެއްޔެވެ؟

ގާނޫނު އަސާސީ އިސްލާހުކޮށްގެންވިޔަސް ސިޔާސީ މަގާމުތައް މަތިވާ މަތިވުމަށް ނިމުމެއް އަންނަން ޖެހެ އެވެ. އެކަމަށް ހުދޫދެއް އޮންނަން ޖެހެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ގައުމުކަމުގައިވާ އެމެރިކާގައި މިކަންކަން އޮންނަ ގޮތަކީ ގާނޫނެއްގެ ދަށުން ސިޔާސީ މަގާމުތަކަށް ވަކި މިންވަރަކަށް މީހުން އައްޔަނު ކުރުމުގެ ބާރު އެގައުމުގެ ރައީސަށް ދިނުމެވެ. މިއީވެސް މިކަމަށް އޮތް ހައްލެކެވެ. ރައީސުލްޖުމްހޫރިއްޔާއަށް ވެސް ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރެވެން ވާނީ ވަކި އިންތަކެއްގެ ތެރެއިންނެވެ. އެކަމަށް ވެސް ހައްދެއް އޮންނަން ވާނެ އެވެ. އެހެން ނޫނީ ރައްޔިތުންގެ ޓެކްސް ފައިސާ އެ ދަނީ ނުބައި ދިމާލަކަށް އިސްރާފުވެގެންނެވެ.

comment ކޮމެންޓް