ދެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ތަފާތަކީ 128

ރައީސް ސޯލިހުގެ ކެބިނެޓް. -- ފޮޓޯ/ ރައީސް އޮފީސް

ކުރީގެ ސަރުކާރަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަނެއްކާވެސް ދެއްވައިފި އެވެ.

ދުވަސްގަނޑަކަށް ފަހު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ މަގާމުތަކުގެ އަދަދީ 465 ކަމަށާއި، މިހާރުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 337 ކަމަށެވެ.

"އަޅުގަނޑުމެން ހަމަގައިމު ވެސް ރައީސް ޔާމީން ސަރުކާރަށް ވުރެ ސިޔާސީ މަގާމުތައް މަދުވާނެ. އެ ޔަގީންކަން ބާއްވާ. އެއަށް ވުރެ މާ ބޮޑަށް ވެސް މަދުކޮށް ބަހައްޓާނީ،" ރައީސް ވިދާޅުވި އެވެ.

ސިޔާސީ މަގާމުތައް މަދުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ މިސަރުކާރު ވެރިކަމަށް އައި އިރު ހުރި ވަރަށް ވުރެ ސިޔާސީ މަގާމުތައް 20-30 ޕަސެންޓް ދަށްކުރާނެ ކަމަށެވެ.

މިހާރު ހުރި ގޮތުން ރައީސް ޔާމީންގެ ސަރުކާރާ އަޅާބަލާއިރު، މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ، 27 ޕަސެންޓް ދަށް އަދަދެކެވެ.

comment ކޮމެންޓް