ރ. މީދޫ ޔުނައިޓެޑް ފޯ މައި މީދޫ ޔޫތު ޑިވެލޮޕްމަންޓް (އުއްމީދު) ޖަމްޢިއްޔާއިން އެ ރަށުގައި ކުޅިވަރު އެކެޑެމީއެއް އިފްތިތާހުކޮށް ރަށުގެ އެކި އުމުރުފުރާތަކަށް އެކި ކުޅިވަރުތަކުން ކުރިއަށް ދިއުމުގެ ފުރުސަތުތައް ހުޅުވާލައިފި އެވެ.
އުންމީދު ސްޕޯޓްސް އެކެޑެމީގެ ނަމުގައި އުފެއްދި މި އެކެޑަމީގައި މިހާތަނަށް ޖުމްލަ 138 ކުދިން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި އަންހެން 58، ފިރިހެން 80 ފިރިހެން ކުދިން ހިމެނޭ ކަމަށް އުންމީދު ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

އުންމީދު ޖަމިއްޔާއިން އިފްތިތާޙު ކުރި ކުޅިވަރު އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ//އުންމީދު
އެ ޖަމިއްޔާގެ ޖެނެރަލް ސެކެއްޓަރީ ހަސަން ފަވާޒް ވިދާޅުވީ، ޖަމިއްޔާ އުފެދުނުތާ މިވީ ހަތްވަރަކަށް އަހަރުގެ ތެރޭގައި ރަށުގެ އިޖުތިމާއީ އެކި އެކި މަސައްކަތްތައް ކޮށްފައިވާނެ ކަމަށާއި، އެހެން ކަމުން ކުޅިވަރަށް ހިދުމަތް ކޮށްދިނުމުގެ ގޮތުން ކަމެއް ކުރަން ވިސްނި އިރު، ރަށުގެން އެހެން ޖަމިއްޔާތަކުން މުބާރާތްތައް ބާއްވަމުން އަންނަ ކަމަށެވެ.
އެހެން ކަމުން ތަފާތު ކޮށްލުމުގެ އަޒުމުގައި އަރަމުން އަންނަ ކުދިންނަށް ކުޅިވަރުން ކުރިއަށް ދެވޭނެ ޕްލެޓްފޯމެއް ގާއިމު ކުރުމަކީ ރަށުގައި ކުޅިވަރުގެ ރަނގަޅު ޖީލެއް އުފެދޭނެ ކަމެއް ކަމަށް ގަބޫލު ކުރާ ކަމަށެވެ.
މި އެކެޑެމީގެ މަގުސަދުތަކަކީ ރ. މީދޫގެ ކުދިންގެ މެދުގައި ކުޅިވަރުގެ އަޚުލާޤު ކުރިއެރުވުމާއި، ކުދިންގެ މެދުގައި ކުޅިވަރުގެ ހުނަރު ތަރައްޤީކުރުމުގެ އިތުރުން، ފުރިހަމަ ސިއްހަތެއްގައި ހެދިބޮޑުވާ ކުދިންތަކެއް އުފެއްދުން ކަމަށް ފަވާޒް ވަނީ ވިދާޅުވެފަ އެވެ.

އުންމީދު ޖަމިއްޔާއިން އިފްތިތާޙު ކުރި ކުޅިވަރު އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ//އުންމީދު
މި އެކެޑެމީގައި ކުޅިވަރުތައް ބަހާލާފައި ވަނީ ހަތަރު އުމުރުފުރާ އަކަށެވެ. އެއީ 7 އަހަރުން ދަށް، 10 އަހަރުން ދަށް، 13 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާ އެވެ.
ކިޔަވައިދޭ ކުޅިވަރުތައް
ފިރިހެން
- ފުޓުބޯޅަ
- ވޮލީ ބޯޅަ
- ފުޓްސަލް
- ބެޑްމިންޓަން
- ސްވިމިންގ
އަންހެން
- ނެޓްބޯޅަ
- ހޭންޑް ބޯޅަ
- ވޮލީ ބޯޅަ
- ބެޑްމިންޓަން
- ސްވިމިންގ
ކޯޗުން
- ޙަސަން ޝަރީފް (ރޯމިއޯ)
- އާތިފް ޒާހިރު
- ސުދުނާ ރަފީއު
- ޒީނާ މުހައްމަދު

އުންމީދު ޖަމިއްޔާއިން އިފްތިތާޙު ކުރި ކުޅިވަރު އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ//އުންމީދު
މި އެކެޑެމީ ރަސްމީކޮށް އިއްޔެ ހުޅުއްވައިދެއްވީ ނ. ހޮޅުދޫ މައި ޔޫޓައިލް ސްޕޯޓްސް އެކެޑަމީ ގެ ޗެއަރމަން މޫސާ އިބްރާހީމް އަދި ރ. މީދޫ ޕޮލިސް ސްޓޭޝަން ގެ އިންޗަރޖް، ސްޓޭޝަން އިންސްޕެކްޓަރ އޮފް ޕޮލިސް، އިބްރާހީމް ޝުހާދު އެވެ.
އިއްޔެ ރަސްމީކޮށް ފެށި މި އެކެޑެމީގައި ހިންގާ ކުޅިވަރުތައް ވަނީ އަހަރުގެ އެކި ހިސާބުތަކަށް ބަހާލައިފަ އެވެ. އެގޮތުން މިހާރު ކުރިއަށް ދަނީ ފިރިހެން ފުޓުބޯޅަ، އަދި އަންހެން ނެޓްބޯޅަ އެވެ.
މީގެ އިތުރުން ކުރިއަށް އޮތްތާ އެކެޑެމީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގުރާމެއް މިހާރު ފަށާފައިވާ ކަމަށް އުންމީދު ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.