ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގެ ޝޫޓިންގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ގިނަ އުޅަނދުތަކެއް ދޫކޮށްފައި ވަނީ ސިފައިންގެ އިޖުތިމާއީ ހިދުމަތެއްގެ ގޮތުގައި ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
ރޯދަ މަހު ރާއްޖެ ޓީވީން ގެނެސްދޭން ނިންމާފައިވާ ޕްރޮގްރާމެއްގެ ޝޫޓިންގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރާއި އުޅަނދުތަކެއް ބޭނުންކޮށްފައިވާތީ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އާންމު ރައްޔިތުންނާއި، ވަކިވަކި ފަރުދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި މީޑިއާތަކާއި ކުންފުނިތަކާއި ކައުންސިލްތަކުން އަދި ސުކޫލް މަދަރުސާތަކުން އިންތިޒާމްކުރާ ހަރަކާތްތަކުގައި ދިވެހި އަސްކަރިއްޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެއް ކަމަށެވެ.

އެހީތެރިކަމަށް އެދޭ ފަރާތުން އެދޭ ކަންކަމުގައި ސިފައިންގެ އޮޕަރޭޝަންތަކަށް ދަތިނުވާނެ ގޮތެއްގެ މަތިން ލިބެން ހުރި ވަސީލަތްތައް ފޯރުކޮށްދިނުމުގައި ހުރި މިންވަރަކުން ހުއްޓުމެއްނެތި ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
"މިއީ ރައްޔިތުންނާއި ދިވެހި އަސްކަރިއްޔާއާ ދެމެދު އޮންނަ ބަދަހި ގުޅުމާއި އިތުބާރު، އިތުރަށް ބަދަހިކޮށް ދެމެހެއްޓުމުގެ މާތް މަގުސަދުގައި ޒަމާނުންސުރެ، ފޯރުކޮށްދެމުންދާ ސިފައިން އިޖްތިމާއީ ހިދުމަތެކެވެ." އާޒިމް ވިދާޅުވި އެވެ.
"ސެލެބްރިޓީ ރޭސް" ގެ ނަމުގައި ގެނެސްދޭން ނިންމާފައިވާ ރިއަލިޓީ ޝޯވ ޝޫޓުކޮށްފައި ވަނީ ދ. އަތޮޅުގެ ފަޅު ރަށްތަކެއްގަ އެވެ. ޝޯވ ޝޫޓުކޮށްފައި ވަނީ މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން 17 އަށެވެ.
އެމްއެންޑީއެފްގެ ހެލިކޮޕްޓަރަކާއި އެހެން އުޅަނދުތަކެއްގެ އިތުރުން، ގިނަ އަދަދެއްގެ ސިފައިން ވެސް އެކަމަށް ހާއްސަކޮށް ފަޅުރަށްތަކަށް ފޮނުވި ކަމަށްވެ އެވެ.