ބަނގުރާ ބޭނުންކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި އެމްއެންޑީއެފް ޕްރައިވެޓް ރޭންކްގެ މީހެއް ހައްޔަރުކޮށްފި

ސިފައިންގެ މީހެއް: ބަނގުރާ ބޭނުންކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި އެމްއެންޑީއެފް އޮފިސަރެއް ވަނީ ހައްޔަރުކޮށްފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ބަނގުރާ ބޭނުންކޮށް، ގެންގުޅުނު ކަމުގެ ތުހުމަތުގައި އެމްއެންޑީއެފް ޕްރައިވެޓް ރޭންކުގެ މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓު އަމުރުން އެނގޭ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކުރީ ކ. ތުލުސްދުއަށް ނިސްބަވްތާ 19 އަހަރުގެ ފިރިހެނެކެވެ. އެއީ، އެމްއެންޑީއެފް ޕްރައިވެޓެއް ކަމަށް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ކޯޓުގައި ފާހަގަކުރައްވާފައިވެއެވެ.

އޭނާ ބަނގުރާ ބޭނުންކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ކޯޓަށް ހެކި ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. ނަމަވެސް، ހެކީގެ އިތުރު ތަފުސީލެއް އަމުރުން އެނގޭކަށް ނެތެވެ.

ކޯޓުން އޭނާގެ ބަންދަށް ޖަހާފައި ވަނީ، ފަސް ދުވަހެވެ. އެއީ، މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއެކު ކަމަށް ތުހުމަތުވާ ޒުވާނާ ބުނެފައިވާތީ ކަމަށް ކޯޓުން ބުނެފައިވެއެވެ.

އޭނާގެ މައްޗަށް ޖެހި ބަންދުގެ މުއްދަތު ހަމަވާނީ، އަންނަ ހޯމަ ދުވަހަށެވެ.

ކޯޓުން ބުނި ގޮތުގައި، އެ ޒުވާނާ ހައްޔަރުކޮށްފައި ވަނީ އިޖުރާއަތާ އެއްގޮތަށެވެ.

comment ކޮމެންޓް