ދިފާއީ ގުޅުން ފުޅާކުރުމަށް ބަންގްލަދޭޝްއާއި ދިވެހިރާއްޖެއިން މަޝްވަރާކޮށްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނބަލުން، ބަންގްލަދޭޝް ބޮޑުވަޒީރާއި އެމަނިކުފާންގެ އަނބިކަނބަލުންނާއެކު--- ފޮޓޯ: ރައީސް އޮފީސް

ދެ ގައުމުގެ ދެމެދުގައި އޮތް ދިފާއީ ގުޅުން އިތުރަށް ބަދަހިކޮށް، އަސްކަރީ އެއްބާރުލުން ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ބަންގްލަދޭޝްއާއި ދިވެހިރާއްޖެއިން މަޝްވަރާކޮށްފިއެވެ.

ދަ ބިޒްނަސް ސްޓޭންޑަޑްއިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ކުރިއަށްގެންދިޔައީ ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. ނަޒްމުލް އިސްލާމް، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދިފާއީ މުއައްސަސާތަކުގެ މެދުގައި ގުޅުން ހަރުދަނާކުރުމާއި، އަސްކަރީ ދާއިރާއިން އިތުރު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވިއެވެ.

އެ ނޫހުން ބުނި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ ދެ ގައުމުގެ ދިފާއީ އިދާރާތަކުގެ މެދުގައި އިލްމާއި ފަންނީ ތަޖުރިބާ ހިއްސާކުރުމަށާއި، މުއައްސަސާތަކުގެ ފެންވަރުގައި ގުޅުންތައް އިތުރުކުރުމަށެވެ. މީގެ އިތުރުން، ގާބިލުކަން އިތުރުކުރުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ އިތުރުން ކަނޑުމަތީގެ ސަލާމަތީ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ވެސް ދެ ފަރާތުން މަޝްވަރާކުރެއްވިއެވެ.

މިއީ އިންޑިއާ ކަނޑުގެ ސަރަހައްދީ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުމަށް ދެ ގައުމުން ވެސް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށާއި، ދެ ފަރާތަށް ވެސް ފައިދާހުރި ދާއިރާތަކުން ދިފާއީ ގުޅުން ކުރިއަށްގެންދިއުމަށް ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށް އެ ނޫހުގައިވެއެވެ.

ދިފާއީ އަދި އަސްކަރީ ދާއިރާ ހިމެނޭހެން ތަފާތު އެކި ދާއިރާތަކުން މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ފުޅާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ބަންގްލަދޭޝް ހައިކޮމިޝަނުން ދެމިއޮންނާނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ ކުރިން، ސެޕްޓެންބަރު 14، 2025 ގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ ބަންގްލަދޭޝްގެ ޑާކާ ކެންޓޯންމަންޓްގައި އެ ގައުމުގެ އާމްޑް ފޯސަސް ޑިވިޜަން (އޭއެފްޑީ) ގެ ޕްރިންސިޕަލް ސްޓާފް އޮފިސަރު ލެފްޓިނެންޓް ޖެނެރަލް އެސް. އެމް. ކަމްރުލް ހަސަންގެ އަރިހަށް ވެސް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައި، ދެ ގައުމުގެ ދިފާއީ ގުޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

comment ކޮމެންޓް