ކޮޅުފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 9 އަކަށް އަރައިފި

ކޮވިޑާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ މ. ކޮޅުފުށީގެ މަގެއް --- ފޮޓޯ: ކައުންސިލް

ކޮވިޑާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ މ. ކޮޅުފުށިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ނުވައަކަށް އަރައިފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ހުސައިން ޝާމިލް "ސަން" އަށް މިއަދު ވިދާޅުވީ މި ނުވަ މީހުންނަކީވެެސް ކޮޅުފުށިން މާލެ އައިސް ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓުން ކަމަށެވެ.

އެ މީހުންގެ ތެރޭގައި އެއް އަހަރު ނުވާ ދެ ކުއްޖަކުވެސް ހިމެނެ އެވެ. މީގެެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހަކު އެރަށުން ޕޮޒިޓިވް ވެފައިވާ ކަމަށް ކައުންސިލްގެ ނައިބު ރައީސް ޖައުފަރު ވިދާޅުވި އެވެ.

އަދިވެސް މި ކޭސްތަކާ ގުޅގެން އެރަށުން އިތުރު ސާމްޕަލްތަކެއް ނަގާނެ ކަމަށާއި ނަތީޖާ ނުލިބޭ ސާމްޕަލްތައްވެސް އެބަހުރި ކަމަށް ކައުންސިލުގެ ނައިބު ވިދާޅުވި އެވެ.

ކޮޅުފުށިން މާލެ އައި މީހާ ޕޮޒިޓިވް ވުމާ ގުޅިގެން އެ ރަށް އޮތީ މޮނީޓަރިންގަ އެވެ. ޒަރޫރީ ބޭނުމަކަށް ފިޔަވައި އެހެން ކަމެއްގައި ބޭރަށް ނިކުތުން އެ ރަށުގައި މަނާކޮށްފައި އޮތްއިރު އެ އުސޫލާ ހިލާފުވާނަމަ ޖޫރިމަނާ ކުރާނެ ކަމަށް ކައުންސިލުގެ ނައިބު ރައީސް ވިދާޅުވި އެވެ.

އެ މީހާ ރަށުގައި ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލްގެ ނަތީޖާ ނެގަނެޓިވްވި ނަމަވެސް މާލެ ދިޔުމަށްފަހު ނެގި އޭނާގެ ސާމްޕަލެއް ޓެސްޓް ކުރިއިރު، ވަނީ ބައްޔަށް ޕޮޒިޓިވް ވެފަ އެވެ.

comment ކޮމެންޓް