ކޮޅުފުށްޓަށް ރައީސް ދެއްވީ ރިސޯޓެއްގެ އުންމީދު

މ. ކޮޅުފުށީގައި ރައީސް ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ ރައީސްގެ ކެމްޕޭން ޓީމް

ކުރިއަށް އޮތް ރިޔާސީ ދައުރުގައި މ. ކޮޅުފުށީގެ ރައްޔިތުންނަށް ރަށް ކައިރިން ވަޒީފާ އަދާކުރެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އެ ރަށް ކައިރީގައި ރިސޯޓެއް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ރައީސް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ކޮޅުފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ސުނާމީ ކާރިސާގެ ހަނދާންތައް އާ ކުރައްވަމުން ރައީސް ވިދާޅުވީ އެއީ މުޅި ރަށް ހަލާކުވެެގެން ދިޔަ ކާރިސާއެއްކަމަށެވެ.

އެއާއެކު އެ ރަށުގައި ޒަމާނުއްސުރެެ ކުރެވެމުން އައި މަސްވެރިކަމުގެ މަސައްކަތް ވެސް އޮތީ ހުއްޓިފައިކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނުވަނީ އެ ރަށް ކައިރިން ވަޒީފާ އަދާކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެ ރަށް ކައިރީ ރިސޯޓެއް ތަރައްގީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

މ. ކޮޅުފުއްޓަށް ރައީސް ވަޑައިގަތުން -- ފޮޓޯ/ ރައީސްގެ ކެމްޕޭން ޓީމް

ދެން އަންނަ ދައުރެއްގައި ކޮޅުފުއްޓަށް ރައީސްގެ ވައުދުތައް:

  • 50 ހައުސިން ޔުނިޓުގެ މަސައްކަތް ރަށުގައި ކުރިއަށްގެންދިޔުން
  • ރަށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ
  • ޒަމާނީ ފެންވަރަށް ރަށުގެ މަގުތައް ހަދައިދިނުން
  • ކޮޅުފުށީ ކައިރި ރިސޯޓު ތަރައްގީކުރުން

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގައި ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް ރަށްރަށް ދޫކުރުމުގައި 'އެތައް ޖަރީމާއެއް' ހިންގާފައިވާ ކަމަށެވެ. އެގޮތުން މ. އަތޮޅުން ތިން ރަށެއް ރިސޯޓް ހެދުމަށް ދޫކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މިއަދާ ހަމައަށް އައިރު ވެސް އެ ތަންތަނުގައި ކުރެވުނު މަސައްކަތެއް ނެތްކަމަށެވެ.

ރައީސް ވަނީ އެ ރަށުގައި ތިން މަޝްރޫއެއްގެ ނިމުން ފާހަގަކުރައްވައިފައެވެ. އޭގެ ތެރޭގައި ރަށުގައި ހުންނަ މ. އަތޮޅު މަދަރުސާގައި އަލަށް އަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހުޅުވައިދެއްވުމާއި، ފެނުގެ ޚިދުމަތް ފައްޓަވައިދެއްވުން ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ގޮނޑުދުށް ހިމާޔަތްކުރުން ހިމެނެއެވެ.

ރައީސް ވިދާޅުވީ އެ މީހަކު އުފަންވާ ތަނެއްގައި ދިރިއުޅުމަކީ އިންސާނީ ތަބީއަތްކަމަށެވެ. ކިތަންމެ ތަރައްގީވެފައި އޮތް ތަނެއްގައި އުޅުނު ނަމަވެސް އުފަން ރަށުގައި ދިރިއުޅުމަކީ ކޮންމެ މީހަކު ވެސް ބޭނުންވާނެ ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެއީ އާބާދީ ކުޑަ ނުވަތަ ބޮޑު ނަމަވެސް އެ ކަން އޮންނާނެ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރަށްތައް ތަރައްގީކުރުމަކީ މުހިންމު ކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ވިދާޅުވީ 2013އިން 2018އަށް އޮތީ އާބާދީ ކުޑަ ރަށްރަށް "އުންމީދެއް ނެތް" ތަންތަނުގެ ގޮތުގައި ދޫކޮށްލައިފައިކަމަށެވެ.

އެއާ ޚިލާފަށް މި ސަރުކާރުން އާބާދީއަށް ބެލުމެއް ނެތި މުޅި ރާއްޖޭގައި ތަރައްގީގެ މަޝްރޫތައް ހިންގަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.

"އަަޅުގަނޑުގެ ނަޒަރުގައި ކޮންމެ ރައްޔިތަކީ އެ މީހަކަށް ހައްގުވާ އަސާސީ ޚިދުމަތްތައް ލިބެންޖެހޭ މީހެއް،" ރައީީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ދައުރުގައި:

  • 141 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރެވެމުން އަންނަކަމަށް
  • 158 ރަށެއްގެ އިންޖީނުގޭގެ އިންޖީނު އައު ކުރެވިއްޖެކަމަށް
  • 21 ބިން ހިއްކުމުގެ މަޝްރޫއު ތެރެއިން އަށް މަޝްރޫއު ނިމިފައިވާކަމަށް
  • 410 ގެދޮރުވެރިންނަށް 232 މިލިއަން ރުފިޔާދޭން އެޕްރޫވްކޮށް 104 މިލިއަން ރުފިޔާ ދެވިއްޖެކަމަށް
comment ކޮމެންޓް