މ. ކޮޅުފުށިން، މުޙައްމަދު ނާއިލް ޙަފީޒް
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މ. ކޮޅުފުށިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް 65 ޕަސެންޓަށް ވުރެ މަތިން ވޯޓު ދޭން މި ރަށަށް ނިސްބަތްވެލައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ރައީސް އަރިހުގައި ކޮޅުފުއްޓަށް ވަޑައިގެން ރައްޔިތުންނާ ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ކައިރި މާޒީއެއްގައި މި ރަށުގައި މި ދައުރުގައި ހިންގިހާ ގިނަ މަޝްރޫއުތަކެއް އެއްފަހަރާ ހިންގި އެއްވެސް އިރެއް ރަށު ރައްޔިތުންގެ ހަނދާނުގައި ނެތްކަމަށެވެ.
"މި ރަށުގެ ރައްޔިތުން ސުނާމީ އެރީއްސުރެ އެންމެން ހިތާމަކުރަމުން ކަރުނަ އަޅަމުން ހިތްދަތިކަމާއެކު މި ރަށުގެ ގާތްގަނޑަކަށް މި ރަށުގެ ތިންބައިކުޅަ އެއްބައި ރަށާ ވަކިވެ ހަލާކުވެގެން ދާތީ އެންމެން ހުރިހާ ސަރުކާރެއްގެ ފަހަތުން ރޮމުން އާދޭސްކުރަމުން ދިޔަ ދުވަހު ފެންނާނެ އެކަކު ނެތް. އަޑެއް އަހައިލާނެ ރައީސަކު، ވަޒީރަކު ނެތް،" އިމްރާން ވިދާޅުވިއެވެ.
ނަމަވެސް އިމްރާން ވިދާޅުވީ ރައްޔިތުން ނާއުންމީދުވެފައި ތިއްބައި 'ރަށް ހިމާޔަތްވެފައި'ވާ ކަމުގެ އުފާވެރިކަން ގެނެސްދެއްވީ ރައީސްކަމަށެވެ.
އިމްރާން ވިދާޅުވީ ރައީސް ވެވަޑައިގެންނެވި ވައުދުތަކަކީ ފުއްދާނެ ވައުދުތަކެއްކަން ކޮޅުފުށީގެ ރައްޔިތުން ހެކިވާނެކަމަށެވެ. އެހެންކަމުން ވޯޓުން އެ ނަތީޖާ ދެއްކުމަށް އިމްރާން ރަށުގެ ރައްޔިތުންނަށް ގޮވައިލެއްވިއެވެ.
"އެހެންވީމާ މި ރަށުން ރައީސަށް މަދުވެެގެން، 65 ޕަސެންޓު ވޯޓު ހޯދައިދޭންވާނެ. އާދެ، ރައްޔިތުން އެ ކަމަށް ނިކުންނަވާ،" އިމްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް އިންތިޚާބު ކުރެވިއްޖެނަމަ ދެން އަންނަ ދައުރެއްގައި ވެސް ވައުދުތަކާއެކު އެހެން ގިނަ މަޝްރޫތައް ވެސް ރަށުގައި ހިނގާނެކަމަށެވެ.
"ރައީސްގެ ވައުދުފުޅުތަކުގެ އިތުރުން އަތުވެއްޖެ އަނެއްކާ ހަ މަޝްރޫއު. މި އަންނަ ފަހަރު ނޭނގެ އެއްނޫންތޯ ދެންވާނީ ކިހިނެއްކަމެއް،" އިމްރާން ވިދާޅުވިއެވެ.