ކުޅަދާނަ އެކްޓަރު އަރުޖުން ރާމްޕާލްގެ ކުރިއަށް އޮތް ފިލްމު "ދާކަޅް"ގައި އޭނާ ފެނިގެންދާ ގޮތް ދައްކާލައިފި އެވެ.
ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ މި ފިލްމުގައި އަރުޖުން ކުޅޭނީ ރުދްރަވީރް ކިޔާ މީހެއްގެ ކެރެކްޓާއެކެވެ. އިންސްޓަގްރާމް މެދުވެރިކޮށް ޕޯސްޓަރު ހިއްސާކުރަމުން އަރުޖުން ބުނީ ކޮންމެ ނުބައި މީހެއްގެ ވެސް ނަމެއް އޮންނާނެ ކަމަށާއި މިފަހަރުގެ ފިލްމުގައި އޭޏާގެ ނަމަކީ ރުދްރަވީރް ކަމަށެވެ.
އަރުޖުން ބުނީ މި ރޯލު ކުޅުމަށް ކެތްމަދުވެފައިވާ ކަމަށާއި މި ކެރެކްޓާ އަކީ ވަރަށް ނުރައްކާތެރި އެކަމަކު ވަރަށް ސަޅި ރޯލެއް ކަމަށެވެ. އަދި ޝޫޓިން ފެށުމަށް ކެތްމަދުވެފައިވާ ހުރިކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
"ފިލްމުގެ ޝޫޓިން ފަށަން ބޭނުން. މީގެ ކުރިން މިފަދަ ކެރެކްޓާއެއް ނުކުޅެން. އެކްޓަރަކަށްވެ ހުރެ އަބަދު ވެސް ބަލަނީ ޗެލެންޖިން ރޯލު ކުޅެން ލިބޭތޯ. ހަމަގައިމު ވެސް ދާކަޅް ވެގެންދާނީ ޗެލެންޖިން ޕްރޮޖެކްޓަކަށް،"
މިދިޔަ ހޯމަ ދުވަހު ވަނީ މި ފިލްމު ރިލީޒްކުރާ ދުވަސް ވެސް އިއުލާންކޮށްފަ އެވެ. އަންނަ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ސިނަމާތަކަށް ގެންނަ މި ފިލްމުގައި ކަންގަނާ އާ އަރުޖުންގެ އިތުރުން ހަރަކާތްތެރިވާނެ ތަރިންނަކީ ތައްބޫ، މިމޯ ޗަކްރަބަތީ އަދި މަނޯޖް ތިވާރީ އެވެ. މި ފިލްމަކީ ރަޒްނީޒް (ރާޒީ) ގާއީ ޑައިރެކްޓްކޮށް އުފައްދާ ފިލްމެކެވެ.
"ދާކަޅް"ވެގެންދާނީ އިންޑިއާގެ ފުރަތަމަ އެކްޝަން ތްރިލާ ގެ ލީޑަކުން އަންހެން ތަރިއެއް ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. ފިލްމާ ގުޅޭ ގޮތުން މީގެ ކުރިން ކަންގަނާ ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ދާކަޅް އަކީ ހަމައެކަނި އޭނާގެ ކެރިއަރުގެ ބެންޗްމާކެއް ނޫން ކަމަށާއި މި ފިލްމުވެގެންދާނީ އިންޑިއަން ސިނަމާގެ ވެސް ޓާނިން ޕޮއިންޓަށް ކަމަށެވެ.