އަޖޭގެ ފިލްމު 'ރެއިޑް 2'ގެ ޓީޒާ ދައްކާލައިފި

މި އަހަރުގެ މެއި މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "ރެއިޑް 2"ގެ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

މި ފިލްމަކީ 2018ވަނަ އަހަރު ރިލީޒްކުރި ފިލްމު "ރެއިޑް"ގެ ސީކުއަލްއެކެވެ. ފިލްމު "ރެއިޑް 2"އިން ވެސް އަޖޭ ފެންނާނީ ފުރަތަމަ ފިލްމުގައި ކުޅުނު ކެރެކްޓަ ޓެކް އޮފިސަރެއްގެ ރޯލުންނެވެ.

މި އަހަރު ރިލީޒްކުރާ އަޖޭގެ ފިލްމުތަކުގެ ތެރެއިން އެންމެ އުއްމީދީ ފިލްމު ކަމަށްވާ "ރެއިޑް 2" ބިނާކޮށްފައިވަނީ ވެސް ޓެކުހަށް މަކަރުހަދާ މީހުން އަތުލައިގަންނަން ހިންގާ ބޮޑު އޮޕަރޭޝަންތަކެއްގެ މައްޗަށެވެ.

ޑައިރެކްޓަރު ރާޖް ކުމާރު ގުޕްތާގެ "ރެއިޑް 2"އިން އަޖޭއާ އެކު ދެން ފެންނާނީ އެކްޓަރު ރިތޭޝް ދޭޝްމުކް އަދި ބަތަލާ ވާނީ ކަޕޫރެވެ. މީގެ އިތުރުން، ރަޖަތު ކަޕޫރު، ސޯރަބް ޝުކްލާ، ސުޕްރިޔާ ޕަތަކް އަދި އަމިތު ސިއަލް ވެސް މި ސީކުއަލްގެ މުހިއްމު ރޯލަކުން ފެންނާނެއެވެ.

އަޖޭ ދޭވްގަން އަދި ބަތަލާ އިލިއާނާ ފިލްމު "ރެއިޑް"ގެ މަންޒަރެއްގައި--ފޮޓޯ/މިޑްޑޭ

މި ފަހަރުގެ ފިލްމުގައި ވެސް އަޖޭގެ ޓީމުން އިންޑިއާގެ ވަރަށް ހައި ޕްރޮފައިލް މީހެއްގެ މިލްކިއްޔާތު ރެއިޑްކުރުމާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތައް ދައްކުވައިދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕްރޮޑިއުސަރު ބުޝަން ކުމާރުގެ ޓީ-ސީރީސްއިން ގެނެސްދިން މި ފިލްމުގެ ފުރަތަމަ ބައިން ބަތަލާގެ ރޯލުން ފެނުނީ ސައުތު ބަތަލާ އިލިއާނާ ޑިކްރޫޒާއެވެ.

ޓީ-ސީރީސްއާއި ޕެނެރޯމާ ސްޓޫޑިއޯ ގުޅިގެން ގެނެސްދޭ ފިލްމު "ރެއިޑް 2" ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހެވެ.

ފިލްމު "ރެއިޑް 2" މެއި މަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާއިރު އަޖޭގެ އިތުރު ދެ ފިލްމެއް މި އަހަރު ރިލީޒްކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި މިހާރު މަސައްކަތް ނިމިފައިވާ ފިލްމު "ސަން އޮފް ސަރުދާރު 2" ވެސް ހިމެނެއެވެ.

comment ކޮމެންޓް