ފިލްމު ޕްރޮޑިއުސަރުންނާއި އެކްޓަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ފިލްމު އުފެއްދުމުގެ މިނިވަންކަން އޮންނަންޖެހޭ ކަމަށާއި އެ ފުރުސަތު ހިންދީ ސިނަމާގައި ހަނި ކަމަށް އެކްޓަރު ޖޯން އަބްރަހަމް ބުނެފިއެވެ.
ބޮލީވުޑްހަންގާމާއަށް ދިން އިންޓަވިއުއެއްގައި ޖޯން ބުނެފައިވަނީ ހިންދީ ފިލްމު އިންޑަސްޓްރީއިން މި ފަހަކަށް އައިސް ސިނަމާތަކަށް ގެންނަ ބައެއް ފިލްމުތަކުގެ ސަބަބުން މި ވަގުތު އެ އިންޑަސްޓްރީ އޮތް ހާލަތާ މެދު އޭނާ ކަންބޮޑުވާ ކަމަށެވެ.
ޖޯން އެކޭ އެއްގޮތަށް ފިލްމު އިންޑަސްޓްރީއަށް ހެޔޮ ބަދަލެއް ގެންނަން ބޭނުންވާ ވަރަށް ގިނަ ފިލްމީ ތަރިން އެބަތިބި ކަމަށާއި ނަމަވެސް އެ ފުރުސަތު ގިނަ ފިލްމީ ތަރިންނަށް ނުލިބޭ ކަމަށް ޖޯން ވަނީ ބުނެފައެވެ.
ބޮލީވުޑްގައި މިހާރު އުފައްދާ ކޮންޓެންޓްގެ ހާލަތާއި ސޯޝަލް މީޑިއާގެ އައުޓްޕުޓަށް އާއްމުންގެ ފަރާތުން ލިބެމުން އަންނަ ފާޑުކިޔުންތަކާ ގުޅޭގޮތުން ޖޯންއާ ސުވާލު ކުރުމުން އޭނާ ބުނީ މިއީ ވަރަށް ބިރުވެރި ކަމެއް ކަމަށެވެ.

ޖޯން ފިލްމު "ޕަތާން"ގެ މަންޒަރެއްގައި އެކްޓަރު ޝާހްރުކް ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ
މިސާލަކަށް ޖޯން ބޭނުން ވަނީ ކޮމާޝަލް ސެޓަޕެއްގައި ކޮމާޝަލް ހީރޯއެއްގެ ގޮތުގައި މަސައްކަތް ކުރަން ނަމަ އެ ފުރުސަތު އެކްޓަރެއްގެ ހައިސިއްޔަތުން ނުލިބުމަކީ ޖޯންމެން ފަދަ އިންޑަސްޓްރީއަށް ތަފާތެއް ގެންނަން ބޭނުންވާ ފިލްމީ ތަރިންނަށް އެ މިނިވަންކަން އިންޑަސްޓްރީގައި ނެތްކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރުވާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
އޭގެ ސަބަބުން ފިލްމު އެކްޓަރުންނަށާއި ޕްރޮޑިއުސަރުންނަށް ވަރަށް ގިނަ ފުރުސަތުތަކެއް ގެއްލޭ ކަމަށް ވެސް ޖޯން ވަނީ މި އިންޓަވިއުގައި ފާހަގަކޮށްފައެވެ.
ފިލްމު "ޕަތާން"އިން ވިލެންގެ ރޯލްއިން ފެނުނު އެކްޓަރު އެންމެ ފަހުން ފެނުނީ މި މަހުގެ 14 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ދަ ޑިޕްލޮމެޓް"އިންނެވެ. މި އަހަރު ޖޯން މަސައްކަތް ކުރަމުން އަންނަ ފިލްމުތަކުގެތެރޭ "ތެހެރާން" އަދި "ޠާރިޤް" ހިމެނެއެވެ.
ޖޯން ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ މި ދެ ފިލްމުވެސް އޮތީ ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާގައެވެ.