'ކޭސަރީ ޗެޕްޓާ 2'ގައި އަނަނިޔާ ފެންނާނީ މިހެން

މިދިޔަ ހަފުތާގައި ޓީޒާ ދައްކާލި އަކްޝޭ ކުމާރުގެ ފިލްމު "ކޭސަރީ ޗެޕްޓާ 2"ގައި ބަތަލާ އަނަނިޔާ ޕާންޑޭ ފެންނާނެގޮތުގެ ޕޯސްޓަރު އާއްމުންނަށް ދައްކާލައިފިއެވެ.

ފިލްމުގެ ޓީޒާ ރިލީޒްކުރުމާ އެކު މިއީ މި އަހަރު ރިލީޒްކުރާނެ އަކްޝޭގެ އެންމެ އުއްމީދީ ފިލްމު ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.

ހަމައެއާ ވިދިގެން އަނަނިޔާ ފިލްމުގައި ކުޅޭ ކެރެކްޓާގެ ރޯލްގެ ޕޯސްޓަރާ އެކު ފިލްމު ބެލުމަށް އިތުރަށް ޝައުގުވެރިކަން އުފެދިއްޖެ ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ. ފިލްމުގައި އަނަނިޔާ ކުޅެން ހަމަޖެހިފައިވަނީ ދިލްރީތު ގިލް ކިޔާ ކެރެކްޓާއެކެވެ.

މި ފިލްމަކީ އިންޑިއާއަށް މިނިވަންކަން ހޯދަދައިދިނުމަށް ކުރެވުނު މަސައްކަތްތަކުގެތެރެއިން އެ ޤައުމުގެ ސިކުންގެ ހައްގުގައި ހިނގައިދިދިޔަ ޤާނޫނީ ބޮޑު ހަމަނުޖެހުންތަކެއް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމު "ކޭސަރީ ޗެޕްޓާ 2"ގެ ޕޯސްޓަރެއް--ފޮޓޯ/ހިންދުސްތާންޓައިމްސް

ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދޭ މި ފިލްމުގެ ނަމާ ގުޅުންހުރި އެހެން ފިލްމެއް ވެސް 2019ވަނަ އަހަރު އެ ސްޓޫޑިއޯއިން ވަނީ ގެނެސްދީފައެވެ. ނަމަވެސް، ދަރުމާއިން ބުނެފައިވަނީ "ކޭސަރީ ޗެޕްޓާ 2" އާއި 2019ވަނަ އަހަރު އެ ސްޓޫޑިއޯއިން ގެނެސްދިން ފިލްމާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އަކްޝޭ ކުމާރު މި ފިލްމުގައި ކުޅެފައިވަނީ އެ ދުވަސްވަރުގެ ޤައުމީ ބަތަލެއްގެ ގޮތުގައި މަސައްކަތް ކުރި ވަކީލު ސީ ޝަންކަރު ނާރަޔަންގެ ރޯލެވެ. އަކްޝޭއާއި އަނަނިޔާގެ އިތުރުން "ކޭސަރީ ޗެޕްޓާ 2"ގެ ވަރަށް މުހިއްމު ރޯލުން ކުޅަދާނަ އެކްޓަރު އާރް މާދަވަން (މެޑީ) ފެންނާނެއެވެ.

މި ފިލްމާ ގުޅޭގޮތުން ކަރަން ބުނެފައި ވަނީ މިއީ ދަރުމާއިން މިހާތަނަށް އެންމެ ބުރަކޮށް މަސައްކަތް ކުރި އެއް ފިލްމު ކަމަށެވެ. އެހެންވެ، ފިލްމާ މެދު ކުރެވޭ އުއްމީދުތައް ބޮޑު ކަމަށް ކަރަން ވަނީ ބުނެފައެވެ.

އިންޑިއާގެ ތާރީޚުގައި ހިނގާފައި އޮތް ވަރަށް ޖަޒުބާތީ ވާހަކައެއް ކިޔައިދޭ "ކޭސަރީ ޗެޕްޓާ 2" ސިނަމާތަކަށް ގެންނާނީ މި ފެށޭ އޭޕްރިލް މަހުގެ 18 ވަނަ ދުވަހެވެ.

comment ކޮމެންޓް