ޅ. ފެލިވަރުގެ ބިން ހިއްކުމާއި އެއްގަމު ތޮށިލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ޕްލޭނިން، މިނިސްޓްރީގައި ބޭއްވި ހަފްލާއެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެވެ.
މި މަސައްކަތްތަކަކީ ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރަން އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން މަޝްރޫއެއް ކުރިއަށްގެންދަން ހަމަޖެހިފައިވުމާ ގުޅިގެން އެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމާއި ބޮޑެތި ބޯޓު ކައިރި ކުރެވޭ ގޮތަށް އެއްގަމުތޮށި ޑިޒައިންކޮށް އިމާރާތް ކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކެކެވެ.
ފެލިވަރު ތަރައްގީކުރާ މަޝްރޫއުތަކަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ހަތަރު އަހަރަށް ބަހާލައިގެން ޑިފާޑް ޕޭމަންޓް އުސޫލުން ސަރުކާރުގެ ބަޖެޓުންނެވެ.
އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރައިގެން އައިއިރު، ފެލިވަރު ތަރައްގީ ނުކޮށް އޮތުމުގެ ސަބަބުން ދުވަސްވީ ބޮޑެތި މައްސަލަތަކެއް ކުަރިމަތިވެފައިވާ ކަމަށެވެ.
"މަސްވެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސް ގަނެ، ކިރުވޭނެ ނިޒާމެއް ގާއިމު ކުރެވިފައި ނެތުން. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަން ކުރާ މަސައްކަތްތަކުގެ ފެށުން މިއަދު މި ފާހަގަކުރެވެނީ... މުޅި ސިނާއަތުގައި ވެސް ހުރި ބޮޑެތި މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ." މިނިސްޓަރު ޒަހާ ވިދާޅުވި އެވެ.
މިނިސްޓަރު ޒަހާ ވިދާޅުވީ މިއަދު ހަވާލުކުރި މަޝްރޫއު ނިމެންވާއިރަށް ފެލިވަރަށް އުމްރާނީ ގޮތުން ގެންނަން ޖެހޭ ތަރައްގީއަށް ބޭނުންވާ ފައިސާ ވެސް ލިބިފައިވާ ކަމަށެވެ.
ފެލިވަރުގެ ބިން ހިއްކުމާއި އެއްގަމު ތޮށިލުމުގެ މަޝްރޫއުގައި ހިމެނޭ މަސައްކަތްތަކަކީ؛
- 218.9 މީޓަރުގެ ބޮޑުހިލަ ބޭރުތޮށިލުން
- 574.6 މީޓަރު ޝީޓްޕައިލް ޖެހުން
- 264.8 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުން
- 2466 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް އެޅުން
- ނުވަ ބޮލާޑް ހަރުކުރުން
- 95 ފެންޑަރު ހަރުކުރުން
- 179،780.40 އަކަމީޓަރުގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުން
މި މަސައްކަތްތައް ނިންމަން އެމްޓީސީސީއަށް ދީފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫއަށް ހަރަދުވާނީ 113.3 މިލިއަން ރުފިޔާ އެވެ.