މަސްވެރި އުޅަނދުތަކުގެ 80 އިންސައްތައިގައި އަޅައިފައިހުރީ ސުޒުކީ އިންޖީނު

"ޔަމްމާ" މަރުކާ ރާއްޖެއަށް ތާއާރަފްކުރިތާ 50 އަހަރު --- ފޮޓޯ/ އެމްޓީޯސީސީ

މިހާރު ރާއްޖޭގައި ދުއްވަމުން އަންނަ މަސްވެރި އުޅަނދުތަކުގެ 80 އިންސައްތަ އުޅަނދަކީ ސުޒުކީ އިންޖީނު އަޅައިގެން ދުއްވާ އުޅަނދުތައް ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.

ސައުދީ މިފަދައިން ވިދާޅުވެފައި ވަނީ "ޔަންމާ" މަރުކާ ރާއްޖެއަށް ތާއާރަފްކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސައުދީ ވިދާޅުވީ ވޭތުވެދިޔަ 50 އަހަރުގައި ރައްޖޭގެ މަސްވެރިކަމަށް ވަރަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ކަމަށެވެ. ރިޔާ ދޫކޮށް އިންޖީނު ދޯނީގެ ހުންގާނުގައި ދިވެހީން ހިފި ހިސާބުން ފެށިގެން މަސްވެރިކަން ވަރަށް ބޮޑަށް ކުރިއަރާފައިވާކަން އޭނާވަނީ ފާހަގަކުރައްވައިފައެވެ.

އަދި އައު އީޖާދީ ޓެކްނޮލޮޖީގެ އެހީގައި މަސްވެރިން މަސްއައިނު ހޯދުމާއި މަސް ބޭނުމަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެން ދިޔަކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ސަރުކާރުތަކުން އަބަދުވެސް މަސްވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި މިހާރު ވެސް އެ މަސައްކަތްތައް ކުރަމުން ގެންދަވާކަމަށެވެ. އެގޮތުން 1979 ވަނަ އަހަރުގައި އޭރުގެ ސަރުކާރުން ވޯލްޑް ބޭންކުގެ އެހީގައި 500 ރިޔަލުދޯނީގައި އިންޖީނު އެޅުން ވެގެންދިޔައީ އޭރު ރާއްޖޭގައި ހިންގުނު އެންމެ ކާމިޔާބީ އިންގިލާބީ އެއް ބަދަލު ކަމަށެވެ.

"އިތުރުވަމުން އައި ޑިމާންޑަށް އެމްޓީސީސީއިން ދިޔައީ އޮޑިވެރީންނަށް އިންޖީނު ފޯރުކޮށްދެމުން. ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގަ މަސްވެރި އުޅަނދުތަކުގެ 80 އިންސައްތަ އުޅަނދަކީ ޔަންމާ އިންޖީނު އަޅާފައިވާ އުޅަނދުތައް،" އެމްޑީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ ބާޒާރުގައި އިންޑޯ އިންޖީނުގެ އިންބޯޑު އިންޖީނުގެ 74 އިންސައްތައަކީ ވެސް ޔަންމާ އިންޖީނު ކަމަށެވެ. މުސްތަގުބަލުގައި ސަރުކާރުން ރާއްޖެއަށް ފަސްވަނަ ޖެނެރޭޝަންގެ މަސްދޯނިފަހަރު ތައާރަފްކުރަން މަސައްކަތް ކުރަމުންދާއިރު އެމްޓީސީސީއިން ޔަންމާގެ ފަރާތުން ވަރަށް ބޮޑު ކަމަކަށް އެދެން ބޭނުންވާ ކަމަށެވެ.

އެގޮތުން އޭނާ ވަނީ ކަސްޓަމަރުންނަށް އިންޖީނު ލިބުމަށް މިހާރު ހޭދަވާ ހަމަހާއި ހަތް މަސްދުވަހުގެ މުއްދަތު އެއަށްވުރެ ކުޑަ ކޮށްދިނުމަށް އެދިަފައެވެ. އަދި އެކަމުގައި ޔަންމާގެ އެެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މަސްދޯނިފަހަރުގައި އިންޖީނު އެޅުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 1981 ވަނަ އަހަރެވެ. އަދި ޔަންމާގެ ސޯލްޑް ޑިސްޓްރިބިއުޓަރެއްގެ ގޮތުގައި އެމްޓީސީސީ ކަނޑައެޅުނީ 1987 ވަނަ އަހަރެވެ.

comment ކޮމެންޓް