ރިސޯޓު މުވައްޒަފުންގެ މެދުގައި ބަލި އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި

ވީއައިއޭ ގައި ރެޕުންތަކެއް--- ސަން ފޮޓޯ: އިބްރާހިމް އިފާޒް

ރާއްޖޭގައި ހިންގާ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ކޮވިޑް19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް އެޅުމަށް ޓޫރިޒަމް މިނިސްޓްރީ އިން އިލްތިމާސް ކޮށްފި އެވެ.

މި އަހަރު ފެށުނުފަހުން ރިސޯޓު މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން މިއަދު އެކަނިވެސް 20 މުވައްޒަފަކު ޕޮޒިޓިވް ވެފައިވާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުންޏެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ ކޮވިޑް19 އާއެކުވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު، ބަލިމަޑު ކަމުގެ ކުރީ އަހަރުތަކާ އެއްވަރަށް އިތުރުވި ކަމަށެވެ.

އޭރުވެސް ޓޫރިސްޓުންނަށް ހިދުމަތްދޭ ރިސޯޓުތަކުންް ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު މަދު ކަމަށާއި ނަމަވެސް އާ އަހަރަށްފަހު ޓޫރިސްޓު ރިސޯޓުތަކުން ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފަށާފައިވާކަމަށް ރައްޒާން ވިދާޅުވިއެވެ.

"އެހެންނަމަވެސް އާ އަހަރު ފެށިގެން މި އައި ދުވަސްކޮޅުގެ ތެރޭގައި، މިހާރު އެބަ ޓޫރިސްޓު ޕްރޮޕަޓީ ތަކުން ފެންނަ ކޭސްތަކުގެ އަދަދު ގިނަވެ. މި ގޮތުން މިހާރު މި ފެންނަ ގިނަ ކޭސްތަކަކީ، ކުރިން ޓޫރިސްޓުންގެ ތެރެއިން ފެނުނު ކޭސްތަކާ ހިލާފަށް މުވައްޒަފުންގެ ތެރެއިން ފެންނަ ކޭސްތައް،" ރައްޒާން ވިދާޅުވި އެވެ.

އެއް ރިސޯޓަކުން ގިނަ ކޭސްތައް ފެންނަނީ މި ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިސޯޓަކުން ކޮވިޑުގެ ކޭހެއް ފެންނަ ހިސާބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މަސައްކަތް ފަށާ ކަމަށް ރައްޒާން ވިދާޅުވި އެވެ. އެގޮތުން ކޭހެއް ފާހަގަވާ ހިސާބުން ކޮންޓެކްޓު ޓްރޭސިން ހަދައި. ކޮންޓެކްޓުންނާއި ޕޮޒިޓިވްވާ މީހުން ކަރަންޓީނުކޮށް، ކޮންޓެކްޓުވާމީހުންވެސް ވަގުތުން ޓެސްޓު ކުރާ ކަމަށާއި އެއްވެސް ވަރަކަށް ނުރައްކަލެއް ހުރެދާނެ ފަރާތެއް ވާނަމަވެސް، ކޮންޓެކްޓެއް ނޫން ނަމަވެސް ބަލީގެ އަލާމާތް ހުންނަ މީހުންވެސް ފަހަގަކޮށް ޓެސްޓު ކުރާ ކަމަށް ރައްޒާން ވިދާޅުވި އެވެ.

"މުވައްޒަފުންގެ ތެރެއިން ފެންނަ ކޭސްތައް ގިނަވަމުން ދިޔުމާ އެކީގައި، ރިސޯޓަކުން ކޭހެއް އައުމާ އެކީގައި އަޅުގަނޑުމެން އެބަ މީޓު ކުރަން އެ ރިސޯޓެއްގެ މެޑިކަލް ޓީމާ، މެނޭޖުމެންޓާ. އެބަ އިރުޝާދު ދެން އައިސޮލޭޓު ކުރަންޖެހޭނެ ގޮތާ، އިތުރަށް ކޮންޓެކްޓުންނާ މެދު އަމަލު ކުރާނެ ގޮތާ، އިތުރަށް ކޭސްތައް ގިނަވާނަމަ، ކޮންޓެކްތުންގެ އިތުރުން އަޅުގަނޑުމެން ރެންޑަމްކޮށް ދެން ބާކީ ތިބި މުވައްޒަފުންގެ ސާމްޕަލް އެބަ ނަގަން ކިހާ ވަރަކަށްތޯ ރަށެއްގެ ތެރޭގައި ސްޕްރެޑެއް އުޅެނީ ދެނެގަތުމަށް،" ރައްޒާން ވިދާޅުވިއެވެ.

ކޭސްތައް ގިނަވެ، ރިސޯޓުން ރައްކާތެރިކަމާއެކު ހިދުމަތް ނުދެވޭނެ ކަމަށް ފެނިއްޖެ ނަމަ، އެ ރިސޯޓަށް އަރައި ފޭބުން ހުއްޓުވާ ކަމަށް ރައްޒާން ވިދާޅުވި އެވެ.

އެއާއެކު އެ ރިސޯޓަކަށް ދިޔުމަށް ބުކިން ހައްދާފައި ތިބޭ ޓޫރިސްޓުން އެހެން ތަނަކަށް ޑައިވާޓުކޮށް، އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހޭ ކަން ފާހަގަ ކުރައްވާ ރައްޒާން ވިދާޅުވީ މުވައްޒަފުންގެ ތެރެއިން ބަލި ފެންނަ މިންވަރު އިތުުރުވާނަމަ ރިސޯޓު ހިންގަން ދަތިވާނެ ކަމަށެވެ.

"އަޅުގަނޑުމެން އިލްތިމާސް މިކުރަނީ ގައިޑްލައިންތަކުގައި ހުރި ކަންތައް ފޮލޯ ކޮށް، ވަކިން ހާއްސަކޮށް ރާއްޖެއިން ބޭރުންނާއި މާލެ ސަރަހައްދުން ރިސޯޓުތަކަށް އެނބުރި މަސައްކަތަށް ދާ މުވައްޒަފުންގެ ކަރަންޓީނު ކަންތައް އެ އޮންނަ ރަނގަޅު ގޮތުގައި ކުރުމަށް، 10 ދުވަހުގެ މެންޑޭޓަރީ ކަރަންޓީނު އެއްވެސް އިތުރު ފަރާތަކާ ކޮންޓެކްޓު ނުވެ، ފުރިހަމަ ކޮށް ޓެސްޓު ކޮށް ނެގެޓިވް ނަތީޖާ އަކާއެކު ނޫނީ މަސައްކަތުގެ މާހައުލަށް، ނެރެގެން ނުވާނެ. އެކަން ކަށަވަރު ކުރެވޭނަމަ މުވައްޒަފުންގެ މެދުގައި ބަލި ފެތުރުން ނާދިރު ކަމަކަށް ވާނެ،" ރައްޒާން ވިދާޅުވި އެވެ.

ރައްޒާން ވިދާޅުވީ ފަތުރުވެރިއެއްގެ ފަރާތުން މުވައްޒަފުންނަށް ބަލި ޖެހުނުކަން އެނގެން ނެތް ކަމަށެވެ. ފަތުރުވެރިންނަށް ހިދުމަތްދޭއިރު ގައިޑްލައިންތަކަށް އަމަލުކުރާހެން، ސްޓާފް އޭރިއާގައި އުޅޭއިރުވެސް ކަނޑައެޅިފައިވާ ގައިޑްލައިންތަކަށް އަމަލުކުރަން ރައްޒާން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"ކޮންމެ ދުވަހަކުވެސް އަލާމާތްތައް ހުރިތޯ ބެލުމަށް ޓެމްޕަރޭޗާ ޗެކު ކުރުމާ، އާންމުކޮށް މުވައްޒަފުން ވަދެ އުޅޭ ތަންތަނަށް ވަންނައިރު ޓެމްޕަރޭޗާ ބެކުމާ ރިސޯތުގެ މެޑިކަލް ފެސިލިޓީ އިން ރެންޑަމްކޮށްވެސް މުވައްޒަފުންގެެ އަލާމާތެއް ހުރިތޯ ބެލުމާ، ކިތަންމެ ކުޑަ ނަމަވެސް އަލާމާތެއް ފެނިއްޖެެ ނަމަ ވަގުތު ޓެސްޓު ކުރައްވާ،" ރައްޒާން ވިދާޅުވި އެވެ.

"ގިނަ ކޭސްތަކެއް ފެނި ގިނަ ބަޔަކު ކޮންޓެކްޓުންގެ ގޮތުގައި ކަރަންޓީނު ކުރަންޖެހި ހިދުމަތް ނުދެވޭ ހިސާބަށް ގޮސް މޫވްމަންޓުތައް ސަސްޕެންޑު ކުރަން ޖެހުނީމާ އެ ވާގެއްލުން އެނގިވަޑައިގަންނަވާނެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ޕްރޮޕަޓީތަކުގެ މެނޭޖުމެންޓު ތަކަށް. ޕޮޒިޓިވްވާ ފަރާތްތަކުގެ 14 ދުވަހާ، އޭނަގެ ކޮންޓެކްޓުންގެ ކަރަންޓީނާ، ދެން ހަދާ އެކްޓިވް ސަވައިލަންސް އިން އަންނަ ކޭސްތަކުގެ ކަރަންޓީނާ އެކީގައި ދެތިން ސާދަ ދުވަސް މި ދަނީ ކަރަންޓީނަށް. މަހެއް ހައި ދުވަސް ރަށަށް ފަތުރުވެރިން ނުގެނެވި، ތިބި ފަތުރުވެރިންގެ ޑިޕާޗާ ކަންތަކާ އަންނަންް ބުކިން ހަދާފައި ތިބި ފަތުރުވެރިން އެހެން ތަންތަނަށް ޑައިވާޓް ކުރުމާ، އަދި މުވައްޒަފުންގެ ހުރިހާ ކަމެއް ބަލަހައްޓަން ޖެހުން. އަޅުގަނޑުމެން މި އިލްތިމާސް ކުރަނީ،" މިކަންތައް ހުއްޓުވުމަކަށް ގެނައުމަށް ގައިޑްލައިން ތަކަށް އަމަލު ކުރުމަށް ރައްޒާން އިލްތިމާސް ކުރެއްވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު ގެނައުމަށް ކަނޑައާޅާފައިވާ 1.5 މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލް ވުމަށް މުޅި އިންޑަސްޓްރީ އެކުަގއި މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް