ތަހުގީގުގައި ހަނުހުރެވޭނެ ހާލަތް ބުނެދޭން ޕީޖީ އަންގަވައިފި

ޑިސެމްބަރ 2، 2019: ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން މީހުންނަށް ގާނޫނީ އިންޒާރު ދޭ އިރު، ހަނުހުރުމުގެ ހައްގު ލިބިގެންވާކަން ބަޔާން ކުރުމުގައި އަމަލު ކުރަންވީ ގޮތުގެ އިރުޝާދެއް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެ އިދާރާތަކަށް ފޮނުއްވައިފި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޕީޖީ ޝަމީމް ފޮނުއްވި އިރުޝާދުގައި ފާހަގަކޮށްފައި ވަނީ، ގާނޫނުއަސާސީގެ 48 ވަނަ މާއްދާގެ ދަށުންނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 47 ވަނަ މާއްދާގެެ ދަށުން، ޖިނާއީ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުންނަށް ހަނުހުރުމުގެ ހައްގު ލިބިގެންވާ ނަމަވެސް، ތުހުމަތު ކުރެވޭ މީހާ ދޭ މައުލޫމާތަކީ އޭނާއާ ދެކޮޅަށް ހެކީގެ ގޮތުގައި ބޭނުންކުރެވޭނެ މައުލޫމާތެއް ކަމުގައި ނުވާނަމަ، އެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަށް ހާމަކުރަންވާނެ ކަމަށާއި އެ ހާލަތުގައި ހަނުހުރުމުގެ ހައްގު ލިބިގެން ނުވާކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާ ކަމެވެ.

ހަނުހުރުމުގެ ހައްގު ތުހުމަތުވާ މީހާއަށް ލިބިގެން ވިޔަސް، އެ ހައްގު ބޭނުން ކުރުމުގެ ނަތީޖާ ސާފުކޮށް ބަޔާން ނުކުރުމުގެ ސަބަބުން، މައްސަަލަތަކުގެ ތަހުގީގު ދިގުލައިގެން ދިޔުމާއި، ތުހުމަތު ކުރެވޭ މީހާއާ އެއްކޮޅަށް ހުންނަ މައުލޫމާތުވެސް ހާމަނުވެދާ ކަމަށް އެ އިރުޝާދުގައިވެ އެވެ. އަދި އެކަމުގެ ސަބަބުން އިންސާފު ގާއިމް ކުރުމަށް ދަތިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ޝަމީމްގެ އިރުޝާދުގައިވެ އެވެ.

އެހެންކަމުން، ޝަމީމް އިރުޝާދު ދެއްވާފައި ވަނީ، ހަނުހުރުމުގެ ހައްގު ލިބިގެންވާކަން ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ތުހުމަތު ކުރެވޭ މީހުން ގާތުގައި ބަޔާންކުރާއިރު ތުހުމަތު ކުރެވޭ މީހާ ދޭ މައުލޫމާތަކީ އޭނާއާ ދެކޮޅަށް ބޭނުން ކުރެވޭނެ ފަދަ މައުލޫމާތަކަށް ނުވާ ނަމަ، އެ މައުލޫމާތު ހާމަ ކުރަންވާނެ ކަމާއި، އެ ހާލަތުގައި ހަނުހުރުމުގެ ހައްގު ބޭނުން ނުކުރެވޭނެކަން އޭނާ ގާތުގައި ބުނަންވާނެ ކަމަށެވެ.

އެގޮތަށް، ހަނުހުރުމުގެ ހައްގު ބޭނުންކޮށް، ތަހުގީގުގައި ހާމަ ނުކުރާ މައުލޫމާތާއި ހެކ،ި ފަހުގެ މަރުހަލާއެއްގައި ހާމަ ކުރުމުން އެ މައުލޫމާތު ނުވަތަ ހެކި ބަލައިނުގަތުމަށް، ނުވަތަ އެ ހެއްކަށް ދޭ ބުރަދަނަށް އަސަރުކޮށްފާނެކަން ތުހުމަތު ކުރެވޭ މީހާއަށް ސާފުކޮށްދޭންވާނެ ކަމަށްވެސް އެ އިރުޝާދުގައިވެ އެވެ. އަދި އެފަދަ މައުލޫމާތު ތަހުގީގު އޯޑިއޯ ނުވަތަ ވީޑިއޯ ރެކޯޑިންއަކުން އެނގޭނެ ގޮތަށް ބަހައްޓަންވެސް ޝަމީމް އިރުޝާދުދެއްވާފައިވެ އެވެ.

މި އިރުޝާދާ ދިނުމުގެ ފަހަތުގައިވާ ވިސްނުން ޝަމީމް ވަނީ އޭނާގެ ބްލޮގުގައި ލިޔުއްވާފަ އެވެ.

އޭނާ ލިޔުއްވި ގޮތުގައި، ފޯނުގައި އޮތް ފޮޓޯއަކާ ގުޅިގެން އޮރިޔާންކާޑު ގެންގުޅުމުގެ ތުހުމަތު ކުރެވުނު ޓީޗަރަކު މިދިޔަ ހަފްތާގެ ތެރޭގައި އޭނާއާ ބައްދަލުކުރި އެވެ. އެ މީހާގެ ވަކީލާއި ފުލުހުންވެސް އޭނާއަށް ލަފާ ދިނީ މައްސަލައިގައި ހަނު ހުރުމަށެވެ. އެހެންނަމަވެސް، ހަނުހުރުމުގެ ސަބަބުން، އޭނާގެ ފޯނަށް އެ ފޮޓޯ އައި ގޮތާއި، އެ ފޮޓޯ ޑިލީޓު ކުރި ކަމާއި، އެފޮޓޯ ފެނުނީ ޑިލީޓުކޮށްފައި ހުރި އެއްޗެހީގެ ތެރެއިންކަން ފަދަ މައުލޫމާތުތައް އޮތީ ނޭނގި އެވެ. އެކަން އެނގުނީ ޝަމީމްއާ ހިއްސާކުރުމުންނެވެ.

ބްލޮގުގައި ޝަމީމް ފާހަގަކުރެއްވީ އެ މީހާ ތަހުގީގުގެ ތެެރެއިން އެ މައުލޫމާތު ހާމަކުރެއްވި ނަމަ އޭނާއަށް ތުހުމަތެއް ނެތުނީސް ކަމެވެ. އޭނާ ހަނުހުރުމުގެ ސަބަބުން އޭނާއާ އެއްކޮޅަށް ހުރި ހެކިވެސް ނުދެއްކި، ނިޒާމުގެ ތެރެއިން އޭނާއަށް "ބޮޑު ކަންތައްގަނޑެއް" ލައިނުގަނެ ސަލާމަތްވީ އެކަން ޕީޖީ އޮފީހުގެ ސަމާލުކަމަށް އައުމުން ކަމަށް ޝަމީމް ލިޔުއްވި އެވެ.

ހަނުހުރުމުގެ މާނައަކީ، ތިމާގެ އަމިއްލަ ނަފުސާ ދެކޮޅަށް ހުރި ހެކި ހާމަނުކޮށް ހަނުހުރުން ކަމާއ،ި ތިމާއާ އެއްކޮޅަށް ހުރި ހެކި ހާމަ ނުކުރުމެއް ނޫންކަން ޝަމީމް ފާހަގަކުރެއްވި އެވެ. އަދި އެކަން ހަނދާންކޮށްދޭން ޖެހޭ ކަމަށް ލިޔުއްވި އެވެ.

"އެހެންކަމުން، އަޅުގަނޑު ގަސްދުކުރީ ނިޒާމީ ގޮތެއްގައި، ހަނުހުރުމުގެ ހައްގު ލިބިގެންވާކަން ހަނދާންކޮށްދޭއިރު، ހަނުހުރެ، ތިމާއާ އެއްކޮޅަށް ހުރި ހެކީގެ ވާހަކަ ނުދެއްކުމަކީ ހަނުހުރުމުގެ ތެރެއިން ވާ ކަމެއް ނޫންކަންވެސް ހަނދާން ކޮށްދިނުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެކަން ހަނދާން ކޮށްދޭކަން ރެކޯޑުވެފައި އޮތުމުން، ފުލުހުންނަށްވެސް އަދި ތުހުމަތުގައި ހުރި މީހާއަށްވެސް ރައްކާތެރިކަން އޮންނާނެއެވެ. ދައުވާ ކުރުމާމެދު ގޮތެއް ނިންމާއިރު، ހަނުހުންނަ މީހާއަށް ލިބިދޭ ހައްގުތަކާއި އިލްތިޒާމުތައް ސާފުކޮށް ކިޔައިދީފައިވާކަން ޕްރޮސިކިއުޓަރަށްވެސް ޔަގީން ކުރެވޭނެއެވެ،" ޝަމީމް ލިޔުއްވާފައިވެ އެވެ.

ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ)ގައި ވާ ގޮތުން ޖިނާއީ ކުށެއް ކޮށްފިކަމުގެ ތުހުމަތު ކުރެވޭ އަމަލުތަކާ ގުޅިގެން ބަލާ ބެލުންތަކާއި ހިންގާ ތަހުގީގުތައް ބަލައި އެކަންކަން ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމަކީ ޕީޖީގެ މަސްއޫލިއްޔަތެކެވެ. ގާނޫނީ އިންޒާރު ދޭންވީ ގޮތުގެ އިރުޝާދު ޝަމީމް ދެއްވީ އެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގެ ގޮތުންނެވެ.

comment ކޮމެންޓް