މިސްޓަ އިންޑިއާގައި ސްރިދޭވީ ކުޅުނު ރޯލު ދަރިފުޅު ޖާންވީ އަށް؟

ޖާންވީ އާ ސްރީދޭވީ---

ބޮލީވުޑްގެ ކާމިޔާބު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް ގެނެސްދިނުމަށް ހަމަޖެހިފައިވާ "މިސްޓަ އިންޑިއާ ޓްރިލޮޖީ"ގެ ބަތަލާ އަކަށް ޖާންވީ ކަޕޫރު ހިމެނުމުގެ މަސައްކަތް ކުރާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފިއެވެ.

ދާދިފަހުން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ޒަފަރު ބުނީ މި ފިލްމަށް ޖާންވީ ހަމަޖައްސައިފިނަމަ ހަމަގައިމުވެސް އެންމެ އުފާވާނީ ޖާންވީގެ ބައްޕަ އަދި ޕްރޮޑިއުސަރު ބޯނީ ކަޕޫރު ކަމަށެވެ. ސަބަބަކީ 1987 ވަނަ އަހަރު "މިސްޓަ އިންޑިއާ" ކުޅުނީ ޖާންވީގެ މަންމަ އަދި ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީ އެވެ. ސްރީދޭވީ ވަނީ މީގެ ތިން އަހަރު ކުރިން ގެނބިގެން މަރުވެފައެވެ.

ބޯނީ އާ ޒީ ސްޓޫޑިއޯސް ގުޅިގެން "މިސްޓަ އިންޑިއާ" ގެ ނަމުގައި ސައިންސް ފިކްޝަން ތިން ފިލްމެއް ހެދުމަށް ވަނީ މީގެ ކުރިން ނިންމާފައެވެ. މި ފަހަރުގެ ފިލްމުގައި ކުރީ ފިލްމުގެ ކެރެކްޓާތައް ހިމެނުނު ނަމަވެސް ފިލްމަކީ މުޅިން ތަފާތު ފިލްމެއް ކަމަށް ޑައިރެކްޓަރު ވަނީ ބުނެފައެވެ. އޭނާ ބުނީ މި ފިލްމަކީ ކުރިން ގެނެސްދެވިފައި ނުވާ ފަދަ މޮޅު ފިލްމަކަށް ވާނެ ކަމަށާއި މި ފިލްމުވެގެންދާނީ އިންޓަނޭޝަލް ފެންވަރުގެ ފިލްމަކަށް ކަމަށެވެ.

އިންޑިއާ އާ އެހެން ގައުމުތަކުގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން ނިންމާފައިވާއިރު ފިލްމުގެ ބޮޑުބައެއް ޝޫޓްކުރާނީ އެކަމަށް ތައްޔާރުކޮށްފައި ހުންނަ ސެޓުތަކުގައެވެ.

"މިސްޓަ އިންޑިއާ"ގެ ލީޑު ތަރިންނަކީ ސްރީދޭވީ އާ އަނިލް ކަޕޫރެވެ. އެ ފިލްމުގައި ސްރީދޭވީ ކުޅުނީ ނޫސްވެރިއެއްގެ ރޯލެވެ.

comment ކޮމެންޓް