ސްރީދޭވީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ބައޮގްރަފީގެ ފޮޓޯއެއް އާއްމުކޮށްފި

އިންޑިއާގެ ކުރީގެ ބަތަލާ ސްރީދޭވީ--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ ކުރީގެ މަޝްހޫރު ބަތަލާ ސްރީދޭވީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ބަތަލާގެ ބައޮގްރަފީގެ ފުރަތަމަ ފޮޓޯ އާއްމުންނަށް ދައްކާލައިފިއެވެ.

އިންޑިއާގެ ސިނަމާގެ ފުރަތަމަ އަންހެން ސުޕަސްޓާގެ ލަގަބު ހޯދާފައިވާ ކުރީގެ ބަތަލާ ސްރީދޭވީގެ އުފަންދުވަހާ ދިމާކޮށް މި ބައޮގްރަފީގެ ފޮޓޯ އާއްމުކޮށްފައިވަނީ ބަތަލާ ޕްރިޔަންކާ ޗޯޕްރާއެވެ.

ސްރީދޭވީގެ ފިލްމީ ކެރިއަރުގެ އިތުރުން އަމިއްލަ ހަޔާތުގެ ގިނަ ވާހަކަތަކެއް ހިމެނޭނެ ކަމަށް ބެލެވޭ މި ބައޮގްރަފީގެ ނަމަކީ، "އެމްޕްރެސް: ދަ ޑެފިނިޓިވް ބަޔޮގްރަފީ އޮފް ސްރީދޭވީ"އެވެ.

ދީރަޖް ޔޫ ކުމާރު ލިޔެފައިވާ މި ފޮތުގެ ބޭރުގަނޑު އެކްސް މެދުވެރިކޮށް ހިއްސާކުރަމުން، ޕްރިޔަންކާ ވަނީ ސްރީދޭވީއަށް ނިސްބަތްކޮށް އެއީ އަދިވެސް ހަނދާންވާ، ދެވަނައެއް ނެތް ފަދަ ޝަހުސިއްޔަތެއް ކަމަށް ބުނެ އުފަންދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.

ސްރީދޭވީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ބައޮގްރަފީގެ ފޮޓޯއެއް--ފޮޓޯ/އެންޑީޓީވީ

ވެސްޓްލޭންޑް ބުކްސްއިން 2023 ވަނަ އަހަރު އިއުލާންކުރި މި ފޮތުގައި ސްރީދޭވީގެ ދިރިއުޅުމާއި، ފިލްމީ ދާއިރާގައި އޭނާ ހޯދި ކާމިޔާބީތަކާއި، އިންޑިއާގެ ސިނަމާގައި އޭނާގެ މަގާމާ ގުޅޭ ތަފުސީލުތައް ހިމެނޭނެއެވެ. މި ފޮތުގެ ބޭރުގަނޑުގައި އަމީތާބް ބައްޗަންގެ ޚާއްސަ ނޯޓެއް ވެސް ހިމެނިފައިވެއެވެ. އަމީތާބް ސްރީދޭވީ ސިފަކޮށްފައިވަނީ ހުނަރުވެރިކަން އިންތިހާއަށް ލިބިގެންވި މިސާލެއްފަދަ ބަތަލާއެއްގެ ގޮތުގައެވެ.

ސްރީދޭވީ ފިލްމީ ދާއިރާއަށް ނުކުތީ އުމުރުން އެންމެ ހަތަރު އަހަރުގައެވެ. އޭނާގެ ފުރަތަމަ ފިލްމަކީ 1967 ވަނަ އަހަރު ނެރުނު ތަމަޅަ ފިލްމު "ކަންދަން ކަރުނައި"އެވެ. ސްރީދޭވީ ބޮލީވުޑަށް ފުރަތަމަ ތައާރަފުވީ 1972 ވަނަ އަހަރުގެ ފިލްމު "ރާނީ މޭރާ ނާމް"އިންނެވެ.

އޭގެ ފަހުން ކާމިޔާބު އެތައް ފިލްމުތަކެއް ކުޅެ، އޭނާގެ މޮޅު އެކްޓިންއާއި ސްކްރީންގައި ދައްކުވައިދިން ވަރުގަދަ ހުނަރުވެރިކަމުގެ ސަބަބުން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދިއެވެ.

ހިންދީ ސިނަމާގެ މަގުބޫލު ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ބޮނީ ކަޕޫރާ ކައިވެނިކޮށް ދެކުދިން ލިބިފައިވާ ބަތަލާ މަރުވީ 2018 ވަނަ އަހަރެވެ.

އިންޑިއާގެ މަޝްހޫރު ޕަބްލިޝާއެއް ކަމަށްވާ ވެސްޓްލޭންޑް ބުކްސްގެ ފަރާތުން ޗާޕުކޮށް ނެރުމަށް ހަމަޖެހިފައިވާ މި ބައޮގްރަފީއަށް ގިނަބަޔަކު އިންތިޒާރުކުރަމުން އަންނައިރު ރަސްމީކޮށް މި ފޮތް ނެރޭނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.

comment ކޮމެންޓް