ފިލްމު 'އާވާރާޕަން 2': އިމްރާންގެ ސަޕޯޓަރުން ބުނީ ވަރަށް ފުރިހަމަ ކަމަށް

އިއްޔެ ސިނަމާތަކުގައި ރިލީޒްކުރި ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީގެ ފިލްމު "އާވާރާޕަން 2" އަކީ ވަރަށް ފުރިހަމަ ފިލްމެއް ކަމަށް އިމްރާންއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ބުނެފިއެވެ.

އިމްރާންގެ ސަޕޯޓަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި "އާވާރާޕަން" ރިލީޒްކުރިތާ ގާތްގަނޑަކަށް 20 އަހަރު ފަހުން އެ ފިލްމުގެ ދެ ވަނަ ބައި ބެލުންތެރިންނަށް ގެނެސްދިންއިރު މި ފިލްމަށް ވަރަށް ގިނަބަޔަކު ދިޔައީ އިންތިޒާރުކުރަމުންނެވެ.

ނިތިން ކައްކަރް ޑައިރެކްޓްކޮށްފައިވާ "އަވަރާޕަން 2"ގައި އިމްރާން ދެއްކި މޮޅު އެކްޓިންގްއަށް ސޯޝަލް މީޑިއާގައި ތައުރީފުގެ ބަސްތައް އޮހެމުން އަންނައިރު، ފިލްމުގެ އަސަރުގަދަ މަންޒަރުތަކަށާއި، އެކްޝަނާއި މިއުޒިކަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

އެގޮތުން ފިލްމުގެ ފުރަތަމަ ހާފަކީ ވަރަށް ވަރުގަދަ، ޖަޒުބާތީ އަދި ހިތްގައިމު އެކްޝަން މަންޒަރުތަކެއް ހިމެނޭ ބައެއް ކަމަށާއި ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ ގޮތުން ބެލުންތެރިން ޝައުގުވެރިކަމާ އެކު ހިފަހައްޓާލުމުގެ ހުނަރު ޑައިރެކްޓަރުގެ އެބަހުރި ކަމަށް އެއް ބަޔަކު ސިފަކޮށްފައިވެއެވެ.

ފިލްމު "އާވާރާޕަން 2"ގެ މަންޒަރެއްގައި އިމްރާން އަދި ދިޝާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އެހެން ބެލުންތެރިއަކު މި ފިލްމަކީ "ވަރަށް ފުރިހަމަ" ފިލްމެއްގެ ގޮތުގައި ފާހަގަކޮށް، އިމްރާންގެ އެކްޓިންއާއި ފިލްމުގެ މިއުޒިކަށް ވަނީ ތައުރީފުކޮށްފައެވެ. އޭނާ ބުނިގޮތުގައި ފިލްމުގެ ބެކްގްރައުންޑް މިއުޒިކް ފުރިހަމަވެފައި، ޝިވަމް ޕަންޑިތުގެ ރޯލުން އިމްރާން އަނެއްކާވެސް ވަނީ އޭނާގެ ހުނަރު ސާބިތުކޮށްދީފައެވެ.

މީގެ އިތުރުން، ފުރަތަމަ ފިލްމާ މި ސީކުއަލް ގުޅުވާލާފައިވާ ގޮތާ މެދު ގިނަ ބެލުންތެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

"މިއީ ސީކުއަލްތައް އުފައްދަންޖެހޭ ގޮތް. މަގުބޫލު ކްލެސިކް ފިލްމެއްގެ ވާހަކަ އެ ގޮތުގައި ކުރިއަށް ގެންދިއުމުން ބެލުންތެރިންގެ ހިތްތަކަށް މާ ބޮޑަށް އަސަރުކުރޭ،" ބެލުންތެރިއަކު އެކްސްގައި ލިޔެފައިވެއެވެ.

ފިލްމާމެދު ހިތްހަމަނުޖެހި މާޔޫސްވި ބައެއް މީހުން ބުނެފައިވަނީ، އާ ކަންތައްތަކެއް ދެއްކުމުގެ ބަދަލުގައި ފިލްމު މާ ބޮޑަށް ބިނާވެފައިވަނީ ކުރީގެ ކާމިޔާބީގެ މައްޗަށް ކަމަށެވެ.

މި ފިލްމުގައި އިމްރާންގެ އެނބުރި އައުން ވަރަށް ވަރުގަދަ ކަމަށާއި މިއީ ބޮކްސް އޮފީހުގައި ކާމިޔާބު ހޯދާނެ ފިލްމެއް ކަމަށް ފިލްމު ކްރިޓިކް ތަރަން އާދާޝް ވެސް ވަނީ ބުނެފައެވެ.

އިމްރާންގެ އިތުރުން "އާވާރާޕަން 2"ގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެތެރޭ، ދިޝާ ޕަޓާނީ އަދި ޝަބާނާ އާޒްމީ ހިމެނެއެވެ.

comment ކޮމެންޓް