އިންޑިއާގައި މަސައްކަތްކުރުން މަނާކޮށް މިއުޒިކް ކޮންޓެންޓްތައް ނުފެންނަ ގޮތަށް 'ބޭން'ކުރި ކުރުމަކީ ހަގީގަތުގައި އަމިއްލަ މީހާގެ ކިބައިގައި ހުރި ހުނަރު އިތުރަށް ތަރައްޤީކުރުމަށް ލިބުނު ފުރުސަތެއް ކަމަށް ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ބުނެފިއެވެ.
އާތިފްގެ މިއުޒިކް އިންޑިއާގައި 'ބޭން'ކޮށް އެ ޤައުމުގައި މަސައްކަތްކުރުން މަނާކުރި މީހުންނަށް ޝުކުރު އަދާކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އިންޑިއާގައި މަސައްކަތް ކުރުން މަނާކުރުމާ ގުޅޭގޮތުން ވާހަކަދައްކަމުން، އާތިފް ބުނީ އިންޑިއާގައި މަސައްކަތްކުރި ދުވަސްތައް މަތިން ހަނދާން ނުވި ނަމަވެސް، އެ ގައުމުގައި ތިބި އޭނާގެ ސަޕޯޓަރުން މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށެވެ.
މީގެ 10 އަހަރު ކުރިން ކަޝްމީރުގެ އޫރީއަށް ދިން ހަމަލާއަށްފަހު އިންޑިއާ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން، ޢާޠިފް ހިމެނޭހެން ޕާކިސްތާނުގެ ގިނަ ފަންނާނުންތަކަކަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ ބަންދުވެފައެވެ. އެއަށްފަހު މިއަދާ ހަމައަށްވެސް އޭނާ އިންޑިއާގެ ފިލްމީ ދާއިރާއަށް އައު ލަވައެއް ރެކޯޑުކޮށްފައެއް ނުވެއެވެ.

އާތިފް އަސްލަމް އިންޑިއާގެ އެކްޓަރު އަނިލް ކަޕޫރާ އެކު--ފޮޓޯ/އިންސްޓަގްރާމް
"ވަން އޮން ވަން ވިތު ކްރިސް ފޭޑް" ޕޮޑްކާސްޓްގައި ވާހަކަދައްކަމުން ޢާޠިފް ބުނީ، އެއީ އިންޑިއާ ސަރުކާރުން ނިންމި ނިންމުމެއް ކަމަށާއި، ނަމަވެސް އޭނާގެ ފޭނުން އެކި ގޮތްގޮތުން އޭނާގެ ލަވަތައް އަޑުއަހަމުންދާ ކަމަށެވެ.
"ވޭތުވެދިޔަ 10 އަހަރު ތެރޭގައި އަހަރެން އެ ގައުމުގައި (އިންޑިއާގައި) ލަވައެއް ކިޔާފައެއް ނުވޭ. އަހަރެންގެ ސަޕޯޓަރުން ވީޕީއެން ބޭނުންކޮށްގެންނާއި، ސީޑީތައް ކޮޕީކޮށްގެންވެސް ލަވަތައް އަޑުއަހާ. އަހަރެން ވަގަށް ނަކަލުކުރުމަށް (ޕައިރަސީ) ހިތްވަރެއް ނުދެން، އެކަމަކު އަހަރެން ބުނަން ބޭނުންވަނީ ތިޔަބޭފުޅުން މަތިން އަހަރެން ވަރަށް ހަނދާންވެއޭ. އެތަނުގައި މަސައްކަތް ކުރުން މަތިން ހަނދާން ނުވި ނަމަވެސް، އިންޑިއާގެ ފިލްމުތަކަށް ލަވަކިޔައިދިނުމުގެ ތެރެއިން ގިނަ ކަންތައްތަކެއް ދަސްވި،" ޢާޠިފް ބުންޏެވެ.
ޢާޠިފް އިތުރަށް ބުނި ގޮތުގައި، އިންޑިއާގެ މިއުޒިކް ދާއިރާއާ ދުރުގައި ހުންނަން ޖެހުމުން، އަމިއްލަ ވަކި މިއުޒިކެއް އުފެއްދުމަށާއި ފަންނާނެއްގެ ގޮތުގައި އަމިއްލަ ނަފްސުގެ އެހެން ހުނަރުތައް ދެނެގަތުމަށް އޭނާއަށް ފުރުސަތު ލިބުނެވެ.
"މި މަނާކުރުން ނައި ނަމަ، އަހަރެންގެ އަމިއްލަ މިއުޒިކް އުފެއްދުމަށް ފުރުސަތެއް ނުލިބުނީސް ކަންނޭނގެ. އެހެންކަމުން އެކަމަށްޓަކައިވެސް އަހަރެން ޝުކުރުވެރިވަން. އަހަރެންގެ ކޮންސަޓްތަކާއި ލަވަތަކަށް ދޭ ލޯތްބަށްޓަކައި ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން. އަދި އަހަރެން މަސައްކަތްކުރުން މަނާކުރި މީހުންނަށްވެސް ޝުކުރު އަދާކުރަން، ސަބަބަކީ އެކަމުގެ ސަބަބުން އަހަރެންގެ އަމިއްލަ ކުޅަދާނަކަން އިތުރަށް ހޯދުމަށް ފުރުސަތު ލިބުނީތީ،" އާތިފް އިތުރަށް ބުނެފައިވެއެވެ.
ޢާޠިފް ބުނި ގޮތުގައި އޭނާގެ ލަވަތަކަށް ހަގީގަތުގައި ލޯބިކުރާ މީހުން ކޮންމެ ގޮތަކުންވެސް އެ ލަވަތައް ހޯދައިގެން އަޑުއަހާނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް އައު އަލްބަމްތައް ނެރުމަށާއި، ތަފާތު ފަންނާނުންނާއެކު މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.
އޭނާގެ ކުރިއަށް އޮތް މަޝްރޫއު "ބޯޑަލެސް ވޯލްޑް" އަކީ ތަފާތު ޖީލުތަކުގެ މިއުޒިކީ ފަންނާނުންނާއި، ކޮމްޕޯޒަރުން އަދި ޅެންވެރިން އެކުވެގެން ކުރިއަށްގެންދާ ބޮޑު މަސައްކަތެކެވެ.
ޢާޠިފްގެ ހަތަރުވަނަ އަލްބަމް "ސުބަހް އޭ ނާ" ދާދި ފަހުން ނެރެފައިވާއިރު، މިއީ 2008 ވަނަ އަހަރު ނެރުނު "މޭރީ ކަހާނީ" އަށްފަހު، އޭނާ ނެރުނު ފުރަތަމަ ސޯލޯ އަލްބަމެވެ.