ފުލުހުންނަކީ މިއަދު އޯގާތެރި ބައެއް: ނައިބު ރައީސް

ނައިބު ރައީސް ފައިސަލް ނަސީމް ފުލުހުންގެ ހަފްލާއެއްގައި ވާހަކަ ދައްކަވަނީ -- ފޮޓޯ/ ޕޮލިސް

ފުލުހުންގެ ފަރާތުން މިއަދު ފެންނަނީ އޯގާތެރިކަމާއި އަޅާލުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ހުވަދު އަތޮޅަށް އަވަށްޓެރި ފުލުހުންގެ ހިދުމަތް އިފްތިތާހުކުރުމަށް އިއްޔެ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ކޮންމެ ދިމާލަކުން ބަލާލިނަމަވެސް މިއަދު ފުލުހުންގެ އޯގާތެރިކަމާއި އަޅާލުން ފެންނަމުންދާ ކަމަށެވެ. ހާއްސަކޮށް ރަައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"ފުލުހުންގެ ފަރާތުން މިއަދު އަޅުގަނޑުމެންނަށް ފެނޭ، އަޅާލުމާއި މަގު ދައްކައި ދިނުމާއި އޯގާތެރިކަން. މާލޭގެ މަގުތަކަށް ބަލާލިނަމަވެސް، އެހެނިހެން ރަށްތަކަށް ބަލާލިނަމަވެސް މަގުތަމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާލިނަމަވެސް ފެނޭ ރައްޔިތުންނަށް އެހީތެރިވާ މަންޒަރު،"ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުންގެ އެކި ރޭންކްތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވި އެވެ.

އަވައްޓެރި ފުލުހުންގެ ހިދުމަމަތް ހުވަދޫގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް ބަލިމަޑުކަމުގައި ފުލުހުން ދައްކާ ކެތްތެރިކަމާއި ކުރާ މަސައްކަތް ފާހަގަކޮށް، އެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އަދި ހުރިހާ ފުލުހުންނަށް ނައިބު ރައީސް ޝުކުރު އަދާ ކުރެއްވި އެވެ.

ނައިބު ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އުންމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެ މުއައްސަސާއިން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެ ހިތްހެޔޮކަމާއި އިހްލާސްތެރިކަން އިސްކުރުން ކަމަށެވެ.

މީހުންނާ މުއާމަލާތް ކުރާ އިރުވެސް ރީތިގޮތުގައި މުއާމަލާތް ކުރުމަކީވެސް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ފައިސަލް ނަސީމް ފާހަގަ ކުރެއްވި އެވެ. އެގޮތުން ކޮންމެ އިދާރާއެއްގެ ބޭފުޅެއްކަމުގައިވީ ނަމަވެސް، އެކަކު އަނެކަކާ މުއާމަލާތް ކުރާ އިރު، ރީތިގޮތުގައި މުއާމަލާތް ކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"މީހަކަށް ރަނގަޅުވެ، ހެޔޮކޮށް ހިތުމުން އޭގެން ލިބޭނީ ހުސް ފައިދާ. އޭގެ ބަދަލުގައި މީހަކާ ދޭތޭރޭ ގޯސްކޮށް ކަންތައް ކުރުމުން [ނުވަތަ] ރުޅިވެރިކަމުގެ ގޮތުން ކަމެއް ކުރުމުން، ލިބޭނީ ކޮން ފައިދާއެއްތޯ؟،" ނައިބު ރައީސް ސުވާލު އުފެއްދެވި އެވެ.

އަވައްޓެރި ފުލުހުންގެ ހިދުމަތް ހުވަދޫގައި ފެށުމަށް ބޭއްވި ރަސްމިއްޔާތުގެއ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގައި އަމާން ވެއްޓެއް ގައިމްކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އެގޮތުން މިއަދު ފުލުހުންގެ ހިދުމަތުގެ ތެރެއިން ކޮންމެ ދިމާލަކަށް ބެލިނަމަވެސް، ފެނިގެންދަނީ ރައްޔިތުންނާ ގާތުން ހިދުމަތް ދޭތަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މިއަދު ފެށިގެން ހިދުމަތުގެ ސަބަބުން ކުރިއަށްވުރެވެސް ބޮޑަށް، ހާއްސަކޮށް ރަށުގެ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެވި މައްސަލަތަކަށް އަވަސް ހައްލު ހޯދައިދީ މަގުދައްކުވައިދެވޭނެ ކަމަށް،" ހުވަދު އަތޮޅަށް އިފްތިތާހު ކުރި އަވަށްޓެރި ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ނައިބު ރައީސް ވިދާޅުވި އެވެ.

އެ ހިދުމަތް ފެއްޓެވުމުގެ ގޮތުން އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ގއ. އަދި ގދ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ ދެ އަތޮޅުގެ ކައުންސިލްގެ ރައީސުންނާ ހަވާލުކޮށްފަ އެވެ.

ނައިބު ރައީސް ގއ. އަތޮޅުގެ ރައްޔިތުނަށް އެރުވި ހަދާނީ ފިލާ އެ އަތޮޅު ކައުންސިލްގެ ރައީސް، އަހްމަދު ފުއާދަށް އަރުވަނީ --- ފޮޓޯ/ ރައީސް އޮފީސް

އަވަށްޓެރި ފުލުހުންގެ ހިދުމަތަކީ، ކަނޑައެޅޭ ވަކި ހާއްސަ ސަރަހައްދުތަކަށް ވަކި އަދަދަކަށް ފުލުހުން ހާއްސަކޮށް، އެ ސަރަހައްދެގެ ރައްޔިތުންނަށް ދިމާވާ މައްސަލަތަކުގައި ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގެ ގޮތުން ދޭ ހިދުމަތެކެވެ.

އެ ރަސްމިއްޔާތުގައި ސީޕީ ހަމީދުގެ އިތުރުން، ހޯމް މިނިސްޓަރު ޝޭއިހް އިމްރާން އަބްދުﷲ އާއި ހުވަދު އަތޮޅުގެ ރަށްތަކުގެ ކަައުންސިލަރުންނާއި ސަރުކާރުރުގެ އެކި ވުޒާރާތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް