ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ރާއްޖެއަށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓުތައް އަންނަ ދުވަސްވަރެކެވެ. ފަތުރުވެރިކަމުގެ ޕީކް ސީޒަނުގައި، ކްރިސްމަސް އާއި އާ އަހަރު ފާހަގަ ކުރުމަށް ދުނިޔޭގެ އެކި ހިސާބުތަކުން ބޮޑެތި މަހުޖަނުން އެމީހުންގެ ޕްރައިވެޓް ޖެޓުތަކުގައި ރާއްޖެ އަންނައިރު މިއީ ރާއްޖޭގައި ހިންގާ އެއާޕޯޓުތަކަށް ވެސް ލިބޭ ދިރުމެކެވެ.
މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ނ. މާފަރުގައި ހިންގާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓައި ދ. ކުޑަހުވަދޫގައި ހިންގާ ދާލު އެއާޕޯޓާއި މާމިނގިލީ އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް އަދި ކޫއްޑޫ އެއާޕޯޓަށްވެސް މި ދުވަސްވަރަކީ ބާރު ބޮޑު ދުވަސްވަރެކެވެ. ރާއްޖޭގައި ހިންގާ އެއާޕޯޓުތަކުގެ ތެރެއިން ޖެޓް ހޭންޑްލިން ކެޕޭސިޓީ މިވަގުތު ހުރީ މި އެއާޕޯޓުތަކުގަ އެވެ.
މި އަހަރުގެ ފަތުރުވެރިކަމުގެ ސީޒަން ލައްވާލީ ކޮވިޑު19 ގެ ބަލިމަޑުކަމުގެ ބިރު މުޅި ދުނިޔެ އޮތް ދުވަސްވަރެއްގަ އެވެ. މި އަހަރު ފެށުނުއިރު މުޅި ދުނިޔެއަށް ފެތުރިގެންދިޔަ މި ބަލިމަޑުކަމުން އަރައިގަތުމަށް ގިނަ ގައުމުތަކުން ތިބީ އެ ގައުމުތަކުގެ ބޯޑަރު ބަންދުކޮށް، ވައިގެ ދަތުރުފަތުރު މެދުކަނޑާލައިގެންނެވެ. ޝެޑިއުލްޑް ފްލައިޓުތައް މަޑުމަޑުން ފެށިނަމަވެސް، ބައެއް ހިސާބުތަކުން އަދިވެސް ދަތުރުކުރުމުގައި ބޮޑެތި ދަތިތައް އެބަހުއްޓެވެ. އެއާއެކު މި ދުވަސްވަރު ޕްރައިވެޓު ޖެޓުތަކުގައި އަންނަ މަހުޖަނު ޓޫރިސްޓުންގެ އަދަދު މިވަނީ އިތުރުވާން ފަށައިފަ އެވެ. އަންނަ އަހަރުގެ ފުރަތަމަ މަސް ނިމޭ ހިސާބަށް، ބައެއް އެއާޕޯޓުތަކުގެ ޖެޓް ޕާކިން ސްލޮޓުތައް އުޅެނީ ފުލްކޮށެވެ.
މާލެ ފިޔަވައި އެންމެ ބިޒީ އެއް އެއާޕޯޓަކީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓެވެ. މާފަރު އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު މުމްތާޒު "ސަން" އަށް ވިދާޅުވީ ހޯމަ ދުވަހާއި ހަމައަށް މި މަސް ތެރޭ އެކަނިވެސް އެ އެއާޕޯޓަސް 95 ޖެޓު އައިސްފައިވާ ކަމަށެވެ.
"އެންމެ ގިނަ ޖެޓު އައީ ހޮނިހިރު ދުވަހު. އެދުވަހު އެކަނި 40 ޖެޓު އައި. މިމަހުގެ 23 އާ 30 އާ ދެމެދު 40 ޖެޓު އަންނާނެ ޓޯޓަލް،" މުމްތާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ މަހާއި ހަމައަށް މާފަރު އެއާޕޯޓުގެ ޖެޓް ޕާކިން ސްލޮޓުތައް ހުރީ ފުލްވެފައި ކަމަށެވެ. މާފަރު އެއާޕޯޓަށް އެންމެ ގިނައިން ދަނީ ރަޝިއާ އާއި މެދުއިރުމަތީގެ މަހުޖަނުންގެ ޖެޓުތަކެވެ.
"އަންނަ އަހަރުގެ ސީޒަން އަންނަން ވާއިރަށް އޭޕްރަން ބޮޑުކޮށް ޖެޓް ޕާކިން އަށް ޖާގަ އިތުރު ކުރުމަކީ ޕްލޭން،" މުމްތާޒު ވިދާޅުވި އެވެ. މާފަރު އެއާޕޯޓުން މަތިންދާބޯޓުތަކަށް ފިއުލް އެޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މިވަގުތު މާފަރު އެއާޕޯޓަށް މޯލްޑިވިއަން އިން ދަތުރުތައް ބާއްވާއިރު އެއާޕޯޓުގެ ޑެއިލީ އޮޕަރޭޝަނަށް ޖާގަ ދިނުމަށްފަހު ޕާކު ކުރެވެނީ 10 ޖެޓެވެ.
އދ. މާމިނގިލީ އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު އަލީ އަޒާމްވެސް ވިދާޅުވީ އެ އެއާޕޯޓުގެ ޖެޓް ޕާކިން ސްލޮޓުތައް މި މަހުގެ ނިޔަލަށް ފުލްވެފައިވާ ކަމަށެވެ.
"މާދަމާ އިން ފެށިގެން ޖެނުއަރީ ފަހަކާ ހަމައަށް އެއްވެސް ފްރީ ސްލޮޓެއް ނެތް. މިހާރުވެސް އަޅުގަނޑުމެން މިދަނީ ޖެޓް ޕާކިން އަށް ސްލޮޓު ދޫކުރަމުން،" އަޒާމް ވިދާޅުވި އެވެ.
އޭނާ ވެސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކަކީ ޖެޓް މޫމަންޓްސް އިތުރު ވާނެ ދުވަސްތަކަކަށް ވާނެ ކަމަށެވެ.
"މިހާރުވެސް ލިބޭ މޫވްމަންޓަށް ބަލާފައި، ޕީކް ކުރާނެ ކަމަށް ލަފާކުރެވޭ،" އަޒާމް ވިދާޅުވި އެވެ.
ދ. ކުޑަހުވަދޫ ގައި ހިންގާ ދާލު އެއާޕޯޓުވެސް މިދުވަސްވަރު އޮތީ ޖެޓުން ފުރާލައިފަ އެވެ. މަންޓާ އެއާގެ އޮޕަރޭޝަނަށް ޖާގަ ދިނުމަށްފަހު ޖެޓު ޕާކިން އަށް ސްލޮޓު ދޫކުރާއިރު އެ އެއާޕޯޓަށްވެސް އެވްރެޖުކޮށް ދުވާލަކު ތިން ހަތަރު ޖެޓު ޖައްސަ އެވެ.
"ޑިސެމްބަރު 15 އިން އަންނަ މަހުގެ 16 އާއި ހަމައަށް އެވްރެޖުކޮށް ދުވާލަކު ތިން ޖެޓު އެބަ ޖައްސާ. އިއްޔެ އައި ހަ ޖެޓު. އަޅުގަނޑުމެންގެ ޑެއިލީ އޮޕަރޭޝަނަށް ޖާގަ ދިނުމަށްފަހު ކެޕޭސިޓީ އަކީ ހަޔެއް. ޓާން އެރައުންޑުގައި ނަމަ ހަތެއް،" ދާލު އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ސީޒަނުގައިވެސް ޖެޓް މޫމަންޓްސް އިތުރު ވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ޔޫރަޕާ މިޑްލް އީސްޓް އަދި އިންޑިއާގެ ރިޗް ޓޫރިސްޓްސް މިކޮޅަށް އާންމުކޮށް މި އަންނަނީ،" ނާޒިމް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ ގަން އެއާޕޯޓަށް ވެސް މި ދުވަސްވަރަކީ ޖެޓު މޫވްމަންޓްސްގައި ބާރު ބޮޑު ދުވަސްވަރެކެވެ. އައްޑޫ ސަރަހައްދުގެ ރިސޯޓުތައް އަދި ހުޅުވާލާފައި ނުވި ނަމަވެސް، މާލެ ސަރަހައްދަށް އަންނަ ބައެއް ޖެޓުތަކާއި ހުވަދޫ އަތޮޅުގެ މަތީފަންތީގެ ރިސޯޓުތަކަށް އަންނަ މަހުޖަނުންގެ ޖެޓުތައް ޕާކު ކުރަން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ދެއެވެ.
އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު ގައިސް ނަސީރު ވިދާޅުވީ އެ އެއާޕޯޓުގެ ތާރީހަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ ޖެޓް ހޭންޑްލް ކުރާ އަހަރަށް މި އަހަރު ވާނެ ކަމަށެވެ.
"ހައި ސީޒަނުގައި އެކްސްޕެކްޓު ކުރި ވަރަށްވުރެ އަންނަ މީހުންގެ އަދަދު އިތުރު،" އޭނާ ވިދާޅުވި އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު މި އަހަރުގެ ކުރިން އެންމެ ގިނަ އަދަދެއްގެ ޖެޓު އެ އެއާޕޯޓުން ޓޫރިޒަމް ސީޒަނުގައި ހޭންޑްލް ކުރީ 2015 ވަނަ އަހަރު އެވެ. އެ އަހަރު އައްޑޫ އެއާޕޯޓުގައި 26 ޖެޓު އެއްފަހަރާ ޕާކު ކުރި އެވެ.
މި ޑިސެމްބަރު މަހުގެ ހަޔަކުން ފެށިގެން އެވްރެޖުކޮށް ދުވާލަކު ހަ ޖެޓު އެ އެއާޕޯޓުގައި ޕާކު ކުރެ އެވެ. އައްޑޫ އެއާޕޯޓުގައި އެއްފަހަރާ 25-30 ޖެޓު ޕާކު ކުރެވޭއިރު މި ދުވަސްވަރު، ކޮންމެ ދުވަހަކުވެސް ދެތިން ހަތަރު ޖެޓު އައިސްގޮސް ހަދާ ކަމަށް އައްޑޫ އެއާޕޯޓުން ބުންޏެވެ.
ޑިސެމްބަރު މަހު 100 އަށްވުރެ ގިނަ ޖެޓް އެ އެއާޕޯޓަށް ދާނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. މިހާރުވެސް 33 ޖެޓު އެ އެއާޕޯޓުގައި އޮތްއިރު، ޖެނުއަރީ އެއްވަނަ ދުވަހު މި އަދަދު 40 އަށް އަރާނެއެވެ.
އައްޑޫ އެއާޕޯޓުގައި ޕްރައިވެޓު ކުދި ޖެޓުތަކުގެ އިތުރުން އޭ320، އަދި ބޮއިން 752 މަރުކާގެ ޕްރައިވެޓު ބޯޓުތައްވެސް ޕާކުކޮށްފައި އެބަހުއްޓެވެ. ޖެނުއަރީ 15 އާ ހަމައަށް އެ އެއާޕޯޓަށްވެސް ވަރަށް ބާރުބޮޑުވާނެ އެވެ.
"ޓޫރިޒަމްގެ ހަބަރުތަކަށް ބަލާއިރު ރާއްޖެއަށް ޓްރެޑިޝަނަލް ލޯ ސީޒަނެއް ނައިސް ދާނެ. އަންނަ އަހަރުގެ ތެރޭގައިވެސް މި ޕްރައިވެޓް ޖެޓުގެ ޓްރެންޓު އޮންނާނެ ކަމަށް ބެލެވޭ،" އައްޑޫ އެއާޕޯޓުން ބުންޏެވެ.
ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެޓު މޫވްމެންޓާއި، ޗާޓާޑް އަދި ޝެޑިއުލްޑް ދަތުރުތަކުގެ މޫވްމެންޓާއެކު މި ދުވަސްވަރަކީ ކޮވިޑުގެ ކުރިން ސީޒަން ތެރޭ ބާރުބޮޑުވާ ވަރަށް ބާރު ބޮޑު ދުވަސްވަރެކެވެ.
ޖެޓު ޕާކިން އާއެކު އެއާޕޯޓުތަކުގެ އާމްދަނީ އަށް ހެޔޮ އަސަރު ކުރާނެ އެވެ. މަހުޖަނުންގެ ޕްރައިވެޓު ޖެޓުތައް އައިސް ރާއްޖޭގެ އެއާޕޯޓުތަކަށް މިވަނީ ދިރުން އައިސްފައެވެ. ކޮވިޑާއެކު ޓޫރިޒަމަށް އައި ހީނަރުކަމުން މަޑުމަޑުން އަރައިގަނެވި އުއްމީދެއް މި ވަނީ ލިބެން ފަށައިފަ އެވެ.