މިއަދާ މާދަމާ ވީއައިއޭއަށް ވަރަށް ބާރު ބޮޑުވާނެ

ގަތަރު އެއާވޭސްގެ ފްލައިޓަކުން މީގެކުރިން ރާއްޖެ އައި ޓޫރިސްޓުން ފްލައިޓުން ފައިބަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަދާ މާދަމާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަރަށް ބާރުބޮޑުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލް އިން ބުނީ ބޯޑަރު ހުޅުވިފަހުން މިހާތަނަށް އެއާޕޯޓުގެ ޓްރެފިކް އެންމެ ބޮޑުވާނީ މި މަހުގެ 26 އަދި 27 ވަނަ ދުވަހު ކަމަށެވެ. އަދި މިހާތަނަށް ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން ވެސް އަންނާނީ އެ ދެ ދުވަހު ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ ވީއައިއޭއަށް ބާރުބޮޑުވާއިރު، ހުރިހާ އޮޕަރޭޝަނެއް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ތައްޔާރަށް އޮތް ކަމަށެވެ.
ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު ޖުމްލަ 5،674 މީހުން ރާއްޖެ އައިސްފައި ވެއެވެ.

މިމަހު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 2،833 ޓޫރިސްޓުން އަންނަ ކަމަށް ހިސާބުތައް ދައްކަ އެވެ.

ކްރިސްމަސް ޗުއްޓީއާއި އާ އަހަރުގެ ޗުއްޓީއާ ދިމާކޮށް ރާއްޖެ އަންނަ ފަތުުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، އަހަރުގެ ބާކީ އޮތް ދުވަސްތަކަކީ ރިސޯޓުތައް އޯވާ ބުކްވެގެންދާނެ ދުވަސްތަކެއް ކަމަށް ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ބުނެ އެވެ.

ޓޫރިޒަމްގެ ހިސާބުތަކަށް ބަލާއިރު ބޯޑަރު ހުޅުވާލި ފަހުން އިއްޔެގެ ނިޔަލަށް 148،028 ޓޫރިސްޓުން އައިސްފައި ވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަކީ 530،875 އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވީ އަހަރުގެ ބަކީ އޮތް ދުވަސްތަކުގައި 40،000 ހައި ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ޓޫރިސްޓުން އައި ފަސް ގައުމު:

  • ރަޝިއާ: 26،555 ޓޫރިސްޓުން
  • އިންޑިއާ: 23،858 ޓޫރިސްޓުން
  • ޔޫކޭ: 16،987 ޓޫރިސްޓުން
  • އެމެރިކާ: 7،674 ޓޫރިސްޓުން
  • ޖަރުމަނު: 6،838 ޓޫރިސްޓުން

ޓޫރިޒަމް އިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިހާރު ރާއްޖޭގައި 501 ޓޫރިސްޓު ފެސިލިޓީ އޮޕަރޭޝަނުގައި އެބައޮތެވެ. އެއީ 139 ރިސޯޓު/ މެރީނާއާއި 10 ހޮޓެލް، 130 ސަފާރީ ވެސަލް އަދި 222 ގެސްޓްހައުސް އެވެ. އެއީ ޖުމްލަ 40،363 ޓޫރިސްޓު އެނދެވެ.

comment ކޮމެންޓް