ސްޕައިސް ޖެޓުން މާލެ-މުމްބާއީ ދަތުުރު ފަށަނީ

ސްޕައިސް ޖެޓުގެ ފްލައިޓެއް--

އިންޑިއާގެ ސްޕައިސްޖެޓުން މާލެ އާއި އިންޑިއާގެ މުމްބާއީ އާއި ދެމެދު ދަތުރު ފަށަން ނިންމައިފި އެވެ.

މިއާއެކު ޑިސެމްބަރު 24 އިން ފެށިގެން މި ރޫޓުން ދަތުރު ކުރާނެ ކަމަށް ސްޕައިސް ޖެޓުން ބުނެފައިވެ އެވެ. އެގޮތުން މާދަމާ އިން ފެށިގެން ހުކުރު އަދި އަންގާރަ ފިޔަވާ ކޮންމެ ދުވަހަކު ދަތުރުތައް ބާއްވާނެ ކަމަށާއި ޖެނުއަރީ ތިނަކާއި ހަމައަށް އެ ޝެޑިއުލްގައި ދަތުރު ކުރާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މީގެ އިތުރުން ޖެނުއަރީ ހަތަރަކުން ފެށިގެން ހޯމަ ބުރާސްފަތި އަދި އާދިއްތަ ދުވަހު މާލެ-މުމްބާއީ ދަތުރު ބާއްވަން ނިންމާފައިވެ އެވެ.

މި ދަތުރު ތަކުގައި ބޭނުންކުރާނީ ބޮއިން 737 ގެ މަތިންދާބޯޓެކެވެ.

ސްޕައިސް ޖެޓުން މިހާރުވެސް މާލެ އާއި އިންޑިއާގެ އިތުރު ސިޓީތަކާ ދެމެދު ދަތުރު ކުރެ އެވެ.

ރާއްޖޭގެ ޓޫރިޒަމްގައި އިންޑިއާ އަކީ މުހިއްްމު މާކެޓެކެވެ. ސްޕައިސް ޖެޓުގެ އިތުރުން އިންޑިއާގެ ގޯ އެއާ، އިންޑިގޯ އަދި އެއާ އިންޑިއާ އިން ރާއްޖެ އަށް މިހާރުވެސް ކޮންމެ ދުވަހަކު ޝެޑިއުލް ދަތުރުތައް ބާއްވައެވެ. އެއާ ވިސްޓާރާ އިން މާލެ އާއި ކަލްކަތާ އާއި ދެމެދު ޗާޓާޑު ދަތުރުތައް ބާއްވަ އެވެ.

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ގާއިމްކޮށްފައިވާ ޓްރެވަލް ބަބުލްގެ ތެރެއިން މި ދަތުރުތައް ބާއްވާއިރު ރާއްޖޭގެ ބޯޑަރު ހުޅުވާ، މި ޓްރެވަލް ބަބުލް ގާއިމް ކުރި ފަހުން އިންޑިއާ އިން 22،535 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

comment ކޮމެންޓް