އިޓަލީގެ އެންމެ މަތީ ފަންތީގެ ލީގު ކަމަށްވާ ސެރިއޭގެ މެޗެއްގައި އެންމެ އަވަހަށް ގޯލެއް ކާމިޔާބު ކުރި ކުޅުންތެރިޔާގެ ރިކޯޑް އޭސީ މިލާންގެ ރަފައެއް ލިއޯ ހޯދައިފި އެވެ.
ޕޯޗުގަލްގެ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ ރަފައެލް އެ ރެކޯޑް ހަދާފައި ވަނީ ސެރިއޭގައި ސައްސުއޯލޯއާ ދެކޮޅަށް އޭސީ މިލާން އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގަ އެވެ. ރަފައެލް ވަނީ އެ މެޗު ފެށިގެން ހަވަނަ ސިކުންތުގައި އޭސީ މިލާންގެ ހަކާން ޗައުހަނޫލޫ ކޮށްޓުމަށްފަހު ދިން ޕާސް ގޯލްގެ ތެރެއަށް ފޮނުވާލައި، އޭސީ މިލާނަށް ލީޑު ނަގައިދީފަ އެވެ.
ރަފައެލްގެ އެ ރެކޯޑް މުގުރާލުމުގެ ކުރިން ސެރިއޭ މެޗެއްގައި އެންމެ އަވަސް ގޯލެއް ޖެހުމުގެ ރިކޯޑް ހަދާފައި ވަނީ 2001 ވަނަ އަހަރު ޕައޮލޯ ޕޮއްގީ އެވެ. އޭނާ ވަނީ އެ އަހަރުގެ ޑިސެމްބަރު މަހު ކުޅުނު ސެރިއޭ މެޗެއްގައި އޭނާގެ ޓީމް ޕަޔަސެންޒާއަށް މެޗުގެ އަށްވަނަ ސިކުންތުގައި ލީޑު ހޯދަދީފަ އެވެ.
ރަފައެލްގެ ލަނޑާއެކު ޕައޮލޯ ކުރި ޓްވީޓެއްގައި އޭނާ ބުނެފައި ވަނީ މީގެ 19 އަހަރު ކުރިން އޭނާ ހަދާފައި ވާ ރެކޯޑް މުގުރާލި ކަމަށްޓަކައި ރަފައެލްއަށް މަރުހަބާ ކިޔާ ކަމަށެވެ. އެ ލަނޑު ވެފައި ވަނީ ސެރިއޭގެ އިތުރުން ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ފަސް ލީގުގައިވެސް އެންމެ އަވަހަށް ކުޅުންތެރިއަކު ކާމިޔާބުކުރި ލަނޑަށެވެ.
ފްރާންސްގެ ސެރިއޭ ޓީމެއް ކަމަށްވާ ލީލްއަށް 2018 ވަނަ އަހަރު ކުޅުމަށް ފަހު، 2019 ވަނަ އަހަރުގެ އޮގަސްޓް މަހު އޭސީ މިލާންއަށް ބަދަލުވި ރަފައެލް ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 40 މެޗުގައި ނުވަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އޭނާގެ ލަނޑާއެކު އޭސީ މިލާން 2-1 ގެ ނަތީޖާއަކުން އެ މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ.
އޭސީ މިލާންގެ އިތުރުން ޕޯޗުގަލްއަށް ނިސްބަތްވާ ރަފައެލް ވަނީ ވޭތުވެދިޔަ ފަސް އަހަރުތެރޭ އެ ގައުމުގެ އެކި އުމުރުފުރާތަކުގެ ގައުމީ ޓީމަށްވެސް ކުޅެދީފަ އެވެ. އޭނާ ޕޯޗުގަލްއަށް 58 މެޗު ކުޅެދީފައި ވާއިރު، އޭނާ ވަނީ ޕޯޗުގަލްއަށް 14 ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.