މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި ވަޒީފާ އަދާކުރަމުން ދިޔަ ޕީޕީއެމްގެ ކައުންސިލް މެމްބަރު ސުއޫދާ އަބްދުﷲ ވަޒީފާއިން ވަކިކޮށްފި އެވެ.
ސުއޫދާ އަކީ ޕީޕީއެމްއިން އިންތިހާބުގެ ނަތީޖާ ގަބޫލުނުކޮށް ކުރި މުޒާހަރާއެއްގެ ތެރެއިން، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާހެ ފިރިކަލުން. ގާސިމް އިބްރަހީމް އަށް ނިސްބަތްކޮށް "ސޭޓު އަންހެނުންގެ ފިރިމީހާ" އޭ ގޮވައިގެން، ގިނަ ބައެއްގެ ސަމާލުކަން ހޯދި މީހެކެވެ.
ސުއޫދާ އެމްޕީއެލްގައި އަދާކުރަމުން ދިޔައީ އެސިސްޓަންޓް އޮފިސާ،، ގްރޭޑް-1ގެ ވަޒީފާ އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ އިއްޔެ އެވެ.
ވަޒީފާއިން ވަކިކުރިކަން އަންގައި، އެމްޕީއެލް އިން އޭނާއަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ، ސުއޫދާ ވަޒީފާއިން ވަކިކުރީ ކުންފުނީގެ ޕޮލިސީތަކާއި ހިލާފަށް އަމަލުކުރަމުންދާތީ، ތަކުރާރުކޮށް ނަސޭހަތް ދީގެން ވެސް އެ އަމަލުތަކަށް ބަދަލު އައިސްފައި ނުވާތީ ކަމަށެވެ.
ސޯޝަލް މީޑިއާގައި ޗިޓު އާންމުކޮށް ސުއޫދާ ވަނީ މީހާ ތާއީދު ކުރާ ފިކުރަކަށް ބެލުމެއްނެތި ތާއީދު ކުރާ ސިޔާސީ ޕާޓީއަކަށް ބެލުމެއްނެތި އެމްޑީޕީ ސަރުކާރުގައި ކޮންމެ ދިވެހި ރައްޔިތަކަށް ވަޒީފާގެ ދެމިހުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންނަވި ވައުދަށް ފާޑުކިޔައިފަ އެވެ.
ސުއޫދާ ބުނީ އޭނާ ވަޒީފާއިން ވަކިކުރީ އޭނާގެ ޒަމީރު ގަބޫލު ނުކުރާ އެތަކެއް ކަމެއް މިއަދު ގައުމުގައި ހިނގަމުންދާތި އެކަމާމެދު ކަންބޮޑުވެ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން، މިހާރު ރާއްޖޭގައި އޮތް ޑިމޮކްރަޓިކް ނިޒާމުގެ ތެރެއިން އިސްލާދީނުގެ އަސްލުތަކާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފު ނުވާގޮތުގެ މަތިން ސޯޝަލް މީޑިއާގައި ފާޅުކުރި ޝުއޫރުތަކާއި ގުޅިގެން ކަމަށެވެ.
"މީތޯ އެމްޑީޕީން އެބުނަމުންދާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަ ގޮތަކީ؟ މީތޯ ވަޒީފާގެ ކަށަވަރުކަން ދޭން އައި ސަރުކާރުން ވަޒީފާގެ ޔަގީންކަން ދޭގޮތަކީ. މީތޯ ރައްޔިތު މީހާއަށް ހައްގު އޮތް މިންވަރަކީ...؟؟" ސުއޫދާ ސުވާލު އުފެއްދި އެވެ.
ސޯޝަލް މީޑިއާގައި ރައީސް ސޯލިހަށާއި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ތަކުރާރުކޮށް ފާޑުކިޔާކަމަށް ބުނެ ހިތަދޫ ޕޯޓް ލިމިޓެޑްގެ މުވައްޒަފަކު ވެސް މީގެކުރިން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.