މިވަގުތު އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތް އޭސީ މިލާނުގެ އަމާޒަކަށްވާނީ 10 އަހަރުތެރޭ ފުރަތަމަ ފަހަރަށް ލީގު އުފުލާލުން ކަމަށް އެ ޓީމުގެ ތަޖުރިބާކާރު ސްޓްރައިކަރު ޒްލަޓަން އިބްރަހިމޯވިޗް ބުނެފި އެވެ.
އިޓަލީއާއި، ޔޫރޮޕުގެ ގަދަ ބާރެއްގެ ގޮތުގައި މީގެ އަހަރުތަކެއް ކުރިން އޮތް މިލާން އެންމެ ފަހުން ލީގު ތަށްޓެއް އުފުލާލީ 2011 ވަނަ އަހަރު އެވެ. އެ ފަހަރު މިލާނުން ލީގު އުފުލާލި އިރު ޓީމުގެ ޓޮޕް ސްކޯރާއަކަށް ހުރި އިބްރަހިމޯވިޗް އޭރު ހުރި ފޯމުގައި އަދިވެސް ދެމިހުރި އިރު، މި ފަހަރުގެ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުގައި އޭނާ ވަނީ 10 ގޯލު ޖަހައިފަ އެވެ.
ސްޓެފެނޯ ޕައޮލީގެ ކޯޗުކަމުގައި ކުޅެމުން އަންނަ މިލާނުން ރަނގަޅު ފެށުމަކާ އެކު އެއްވެސް މެޗަކުން ބަލި ނުވެ ލީގުގެ އެއްވަނައިގައި މިވަގުތު އޮތީ އެންމެ ބޮޑު ވާދަވެރިޔާ އިންޓަ މިލާނަށް ވުރެން ތިން ޕޮއިންޓް ކުރީގަ އެވެ.
ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ތަށްޓެއް ނުލިބި އޮތެއް ކަމަކު އެކަން ބަދަލުކުރަންވީ ވަގުތު މިހާރު އައިސްފައިވާ ކަމަށާއި، މިލާނަކީ ކޮން ފެންވަރެއްގެ ޓީމެއް ކަން ސާބިތުކޮށްދިނުމަކީ ޓީމުގެ ކުޅުންތެރިންގެ އަމާޒަށް ވާންޖެހޭ ކަމަށް އިބްރަހިމޯވިޗް ވަނީ ބުނެފަ އެވެ.
"ޓީމުގެ އެންމެ ބޮޑު އަމާޒަކަށްވާންވީ 10 އަހަރަށް ފަހު ތަށި އުފުލާލުން. އެ އަޒުމުގައި ހުރިހާ ކުޅުންތެރިން ތިބެއްޖެ ނަމަ އެކަން ހާސިލް ކުރެވޭނެ،" ހޭމްސްޓްރިންގް އަނިޔާއެއްގައި މަސްދުވަސް ކުޅުމާ ދުރުގައި ހުރުމަށްފަހު މިހާރު ޕްރެކްޓިހުގައި ބައިވެރިވާން ފަށާފައިވާ އިބްރަހިމޯވިޗް ބުންޏެވެ.
"އަހަރެން ގަބޫލު ކުރަނީ އަހަރެން ޓީމަށްޓަކައި މި ކުރާ މަސައްކަތުގެ ސަބަބުން ޒުވާން ކުޅުންތެރިންނަށް އިތުރަށް ހިތްވަރު ލިބި، ނަމޫނާ ނަގާނެ ކަމަށް. ޓީމު އޮތީ ތަށްޓަކަށް ހައިވެފައި."
މިލާން ދޫކޮށް އިބްރަހިމޯވިޗް 2013 ގައި ދިޔުމަށްފަހު އެކުލަބަށް މިހާތަނަށް ގަދަ ހަތަރެއްގައި ވެސް ނިންމާލެވިފައެއް ނުވެ އެވެ. އަހަރުތަކަކަށްފަހު އިބްރަހިމޯވިޗް އެކުލަބަށް މި ދިޔަ ސީޒަނުގެ ފަހު ކޮޅު އައިސް 10 ގޯލު ހަަމަކުރި އިރު، އެ ޓީމު އެ ސީޒަން ނިންމާލީ ހަވަނައިގަ އެވެ.