ރަށްރަށުގައި އަދި ސިޓީތަކުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވަން އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުގެ ހުއްދަ ބޭނުން ނުވާ ގޮތަށް ޓުއަރިޒަމް މިނިސްޓްރީއިން އުސޫލަށް ބަދަލު ގެނެސްފި އެވެ.
ކޮވިޑާއި ގުޅިގެން ގެސްޓްހައުސްތައް ބަންދުކުރުމަށް ފަހު އަލުން ހުޅުވާއިރު އެރަށެއްގެ ކައުންސިލުގެ ހުއްދަ ބޭނުންވާ ގޮތަށް ޓުއަރިޒަމް މިނިސްޓްރީއިން މީގެ ކުރިން ވަނީ އުސޫލު އެކުލަވާލާފަ އެވެ.
އެ މިސްޓްރީއިން މިރޭ ނެރުނު ސާކިއުލާގައި ބުނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓުއަރިސްޓް ހޮޓާ އަދި ގެސްތްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން ފަތުރުވެރި ކަމަށް ރަށް ހުޅުވާލުމާމެދު ސިޓީ ކައުންސިލު ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތް ކަމަށް މިނިސްޓްރީއަށް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އެ އުސޫލަށް އަމަލު ކުރަން ނިންމާފަިއވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.
ޓުއަރިޒަމް މިނިސްޓްރީއިން ބުނީ އެގޮތަށް އުސޫލަށް ބަދަލުގެނައި ނަމަވެސް ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަލާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ކުރޭތޯ ކައުންސިލުތަކުންނާއި ޓުއަރިޒަމް މިނިސްޓްރީއިން ބަލަމުން ގެންދާނެ ކަމަށް ވެސް ސާކިއުލާގައި ވަނީ ބުނެފަ އެވެ.
އެގޮތަށް އުސޫލަށް ބަދަލުގެނައިއިރު ބައެއް ރަށްރަށުގައި ގެސްޓްހައުސްތައް ހުޅުވުުގެ ހުއްދަ ދިނުމަށް ކައުންސިލުތަކުން ދެކޮޅު ހަދާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެއީ ފަތުރުވެރިން ޒިޔާރަތްކުރާ ރަށްރަށުން އެހެން ރަށަކަށް ގޮސްފި ނަމަ ކަރަންޓީނު މުއްދަތު ފުރިހަމަ ކުރަން ޖެހޭތީ ކަމަށް ބައެއް ކައުންސިލުތަކުން އަންގާފައިވެ އެވެ.