މޯލްޑިވްސް ޕޮލިސް ސާވިސްގެ ނަން ދިވެހި ފުލުހުންގެ ހިދުމަތަށް ބަދަލަކޮށް ޕޮލިސް ސާވިސްގެ ދަށުން ހިންގަމުން ދިޔަ ހުރިހާ ހިދުމަތެއް ދިވެހި ފުލުހުންގެ ހިދުމަތަށް ބަދަލު ކުރަން ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގައި ހިމަނައި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ބިލު ފާސްކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން އުފެދިފައިވާ މޯލްޑިވްސް ޕޮލިސް ސާވިސް އެ ބިލަށް އަމަލުކުރަން ފެށުމާ އެކު ފުލުހުންގެ ހިދުމަތަށް ބަދަލުވާނެ ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ފާސްވެ އަމަލުކުރަން ފެށުމާ އެކު މިހާރު ހިންގަމުންދާ ޕޮލިސް ސާވިސްގެ ދަށުގައި ތިބި ހުރިހާ މުވައްޒަފުންނާއި ޒިންމާތަކާއި އިލްތިޒާމުތައް އަދި މުދަލާ ވަސީލަތް ވެސް ދިވެހި ފުލުހުންގެ ހިދުމަތަށް ބަދަލުވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
އާންމުކޮށް ދިވެހި ފުލުހުންގެ ހިދުމަތް ކީ ނަމަވެސް އިނގިރޭސި ބަހުން ކިޔާނީ މޯލްޑިވްސް ޕޮލިސް ސާވިސް ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ބުނެފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތް ވާނީ ސިވިލް ސާވިސްގައި ނުހިމެނޭ މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ހިދުމަތް ވާނީ މުޖުތަމައުގެ އެންމެހާ ފަރާތްތަކާ ގާތުން ގުޅިގެން ތަންފީޒުކުރެވޭ ހިދުމަތަކަށް ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
"މުޖުތަމައުގައި ކުށްކުރުން މަދުކޮށް އަމާން ވެއްޓެއް ގާއިމް ކުރުމަށް އިސްވެ މަސައްކަތް ކުރާ ހިދުމަތެއްގެ ގޮތުގައި" ފުލުހުންގެ ހިދުމަތުގެ ބިލުގައި ބުނެފައިވެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު ކޮމިޓީއިން ނިންމައި މިހާރު ތަޅުމަށް ފޮނުވާފައިވާ އިރު ފެށޭ ހަފްތާ މަޖިލީހުން އެ ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ.