ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އަތުން ބާސެލޯނާ ފަސޭހަކަމާ އެކު މޮޅުވި އިރު، އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ މެޗުގައި ޖެހި ގޯލަށްފަހު މިދިޔަ ހަފުތާ މަރުވި ފުޓުބޯޅައިގެ ރަމްޒުދާރު ޑިއޭގޯ މަރަޑޯނާގެ ޝަރަފުގައި ހާއްސަ ގޮތަކަށް ސެލަބްރޭޓް ކޮށްފި އެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު އެ މެޗުން އޮސަސޫނާގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ބާސެލޯނާ ތާވަލުގެ ހަތްނަވައަށް އަރާފައިވާ އިރު، މިއީ އެންމެ ފަހުން ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވުމަށްފަހު އެ ޓީމުން ކުޅުނު ފުރަތަަމަ މެޗެވެ. ބާސާއިން މި ސީޒަނުގައި މިހާތަނަށް ނުވަ މެޗެއް ކުޅެފައިވާ އިރު، ލިބިފައި ވަނީ އެންމެ 14 ޕޮއިންޓް އެވެ.
ވެއްޓިފައިވާ ބޮޑު އަނދަވަޅުން އަރައިގަތުމަށް ބާސެލޯނާއަށް ރޭގެ މެޗުން މޮޅެއް ހޯދުމަށް އޮތީ ގައިގަނޑަކަށް މަޖުބޫރު ވެފަ އެވެ. އެއްވަނައަށް ވުރެން ރެލިގޭޝަނާ ގާތް ވެފައި އޮތް ބާސެލޯނާއިން ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިރު، ފުރަތަމަ ހާފުގައި ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ދެ ގޯލަކީ މާޓިން ބްރެތް ވެއިޓްއާއި، އެންޓޮއިން ގްރީޒްމަން ޖެހި ގޯލުތަކެވެ.
ދެވަނަ ހާފު ފަށައިގެން ފިލިޕޭ ކުޓީނިއޯ ބާސެލޯނާގެ ލީޑު އިތުރަށް ފުޅާކޮށްދިން އިރު، ބާސެލޯނާގެ ފަހު ގޯލަކީ ކެޕްޓަން މެސީ ޖެހި ގޯލެކެވެ. ކުޅުމުގެ ތެރެއިން މުޅި ސީޒަނުގައި ވެސް ކުރިން އެންމެ ގޯލެއް ޖެހި މެސީ ރޭ ޖެހި ހިތްގައިމު ގޯލަށްފަހު އޭނާ ވަނީ އެ ގޯލު ދާދި ފަހުން މަރުވި އާޖެންޓީނާގެ ލެޖެންޑް މަރަޑޯނާގެ ޝަރަފުގައި ހާއްސަ ކޮށްފަ އެވެ.
މެސީ ގޯލު ޖެހުމަށްފަހު އޭނާގެ ބާސެލޯނާ ޖާޒީ ބޭލުމަށްފަހު އޭނާ އެތެރެއިން ލައިގެން ހުރި އާޖެންޓީނާގެ ނިއުވެލް ބޯއީސްގެ ޖާޒީ ވަނީ ކެމެރާއަށް ދައްްކާލައިފަ އެވެ. އެ ޖާޒީ އަކީ މީގެ އެތައް އަހަރެއް ކުރިން މަރަޑޯނާ ކުޅުނު އިރު އޭނާ ލައިފައިވާ ޖާޒީ އެކެވެ. ލެޖެންޑަރީ 10 ނަންބަރު ޖަހާފައިވާ އެ ޖާޒީ މަރަޑޯނާ މެސީއަށް ހަދިޔާކޮށްފައިވާ އިރު، މެސީ އެންމެ ފުރަތަމަ ފުޓުބޯޅަ ކުޅެން ފެށީ މަރަޑޯނާގެ އެ ޖާޒީ ނިސްބަތްވާ ނިއުވެލް ބޯއީސް ޓީމަށެވެ.
މަރަޑޯނާ ވަނީ އޭނަގެ ވިދުން ގަދަ ކެރިއަރު ނިންމާލުމުގެ ކުރިން ބާސެލޯނާއާއި، ސެވިއްޔާ އަދި ނަޕޯލީއަށް ކުޅުމަށްފަހު އާޖެންޓީނާގެ ނިއުވެލް ބޯއީސްއަށް ކުޅެދީފަ އެވެ. މަރަޑޯނާ އެ ކުލަބަށް އައިސް ކުޅުނު ފުރަތަމަ މެޗުގެ ހާފްޓައިމްގައި އުމުރުން ހަ އަހަރުގެ މެސީ ވަނީ އޭނަގެ ފުޓުބޯޅަ ހުނަރު ދަނޑު މަތީގައި ދައްކާލައިފަ އެވެ.