ގަސްތުގައި މީހަކު މެރުމުގެ ކުށް ކުރީ އުމުރުން 18 އަހަރު ނުވާ ކުއްޖެއް ކަމަށް ވާނަމަ އެކުއްޖާއަށް މަރުގެ އަދަބު ނުދެވޭގޮތް ހަދަން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދެވެ. އޭނާ ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ގެންނަން ހުށަހަޅާފަ އެވެ.
އެގޮތުން ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ބައެއް މާއްދާތައް އިތުރު ކުރުމަށާއި އެ ގާނޫނުން ބައެއް މާއްދާތައް އުނިކުރުން އަދި ބައެއް މާއްދާތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން އޭނާ ހުށަހެޅުއްވި އެވެ. އޭގެތެރެއިން އެއް މާއްދާއަކީ ކުޑަކުއްޖަކު މީހަކު މެރުމުގެ ކުށް ކޮށްފި ނަމަވެސް އެކުދިންނަށް މަރުގެ އަދަބު ނުދެވޭގޮތަށް ގާނޫނު އިސްލާހު ކުރުމަށް ހުށަހެޅި މާއްދާ އެވެ.
"އުމުރުން 18 އަހަރުވުމަށް ފަހުގައިވެސް އުމުރުން 18 އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ޝަރީއަތަށް ސާބިތުވާ ކުށަކާއި ގުޅިގެން މަރުގެ އަދަބު ދީގެން ނުވާނެ އެވެ." ޖީހާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.
އެއްވެސް ގާނޫނެއްގައި މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށެއް ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ހާލަތުގައި އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރު ބައިކުޅަ ތިން ބަޔަށް ވުރެ ބޮޑު ނޫން އަދަބަކަށް ބަދަލު ކުރަން ވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެ އެވެ.
އޭގެއިތުރުން ކުށުގެ ތުހުމަތުގައި ބަންދުކުރާ ކުދިން ގޭ ބަންދުގައި ބެހެއްޓުމަށް ބާރުއަޅައި ގާނޫނު އިސްލާޙު ކުރަންވެސް ވަނީ ހުށަހަޅާފަ އެވެ. ގާނޫނަށް އިސްލާހު ހުށަހެޅި މައިގަނޑު ސަބަބުތަކުގެ ތެރޭގައިވެސް އެ ސަބަބު ހިމެނެ އެވެ.
ބިލުގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ ކުއްޖަކު ބަންދުގައި ބަހައްޓަން ނިންމާ ހާލަތުގައި އެމައްސަލައިގެ އެންމެހާ ކަންކަމަށާއި ކުއްޖާގެ ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އެކުއްޖާ ގޭގައި ބަންދު ކުރުމުގެ އިހުތިޔާރު މައްސަލަ ބަލާ ގާޒީއަށް ލިބިގެންވާ ކަމަށެވެ. އަދި ބަންދުގެ މުއްދަތު އިތުރު ކުރާނަމަވެސް ހަމަ އެފަދައިން އަމަލު ކުރުމުގެ އިހުތިޔާރު ގާޒީއަށް ދޭން އިސްލާހުގައި ހިމަނާފައިވެ އެވެ.
"މި ގާނޫނުގެ ދަށުން ކުއްޖާ ބަންދު ކުރެވޭ ހާލަތްތަކުގައި ކުއްޖާ އޭނާގެ އާއިލާއާ އެކަހެރިކޮށް ބަންދުކުރުމަށްޓަކައި އިންސްޓިޓިއުޝަނަލައިޒް ކުރުމަކީ ކުއްޖާއަށް ނޭދެވޭ އަސަރުކުރާނެ ކަމަކަށް ވާތީ ކުއްޖާއަށް އެންމެ މަސްލަހަތު ބޮޑު ގޮތަކީ ކުއްޖާއަށް އޭނާގެ އާއިލާ ގާތުގައި ބަންދުގައި ހުރުން ކަމުގައި ވާތީ އެފުރުސަތު ގާނޫނުން ފަހިކޮށްދިނުން،" ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިސްލާހު ހުށަހެޅި މަގްސަދުތަކުގެ ތެރޭގައި ހިމެނާފައިވެ އެވެ.