ޅ. މާފިލާފުށީގައި އެމްއެންޑީއެފްގެ އެޑިއުކޭޝަން ކޮމާންޑުގެ ދަށުން ގާއިމްކޮށްފައިވާ ދަ ބޭސިކް ސްކޫލް (ޓީބީއެސް) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައިދެއްވައިފިއެވެ.
ރައީސް، މި ސްކޫލް ހުޅުވައިދެއްވީ މިއަދު މެންދުރު މާފިލާފުށީގެ ކޮމްޕޯސިޓް ޓްރެއިނިން ސެންޓަރުގައި ބޭއްވި ހަފްލާއެއް ގައެވެ.
ޓީބީއެސް އަކީ އެމްއެންޑީއެފްގެ އެޑިއުކޭޝަން ކޮމާންޑްގެ ދެ ބްރާންޗްގެ ތެރެއިން އަސްކަރީ ހުނަރުތަކުގެ ތަމްރީނުތައް ހިންގާ ޓްރެއިނިން ބްރާންޗެވެ. މިއީ އަސްކަރިއްޔާގެ އެންމެ އަސާސީ ތަމްރީނާއި، އަސްކަރީ ބޭސިކް ސްކިލްސްގެ ދާއިރާތަކުން މުދައްރިބުން ބިނާކުރުމަށްޓަކައި ހިންގާ ތަމްރީނުތައް ހިންގުމަށް އުފައްދާފައިވާ ހާއްސަ ސްކޫލެކެވެ.
އެ ސްކޫލް ހުޅުއްވައިދެއްވުމަށްފަހު ރައީސް ސޯލިހު ވަނީ އެ މަރުކަޒުގެ ބައެއް ސަރަހައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ. އެ މަނިކުފާނު ވަނީ އެ ތަނުގެ އެޑްމިން ބްލޮކަށް ޒިޔާރަތްކުރައްވާ އެތަން ބައްލަވައިލައްވާފައެވެ. އެޑްމިން ބްލޮކަކީ ކޮމްޕޯސިޓް ޓްރެއިނިން ސެންޓަރުގެ ފުރަތަމަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ނޮދަން އޭރިޔާ ހެޑްކުއާޓަޒް އަދި ހުރިހާ ތަމްރީނުތަކެއްގެ އިދާރީ ހިންގުން ބަލަހައްޓާ މައި އޮފީހެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ އެ ސެންޓަރުގައި ހުންނަ އަސާސީ ތަމްރީނު ދިނުމަށް ހާއްސަކޮށްގެން އެއްފަހަރާ 190 ދަރިވަރުންނަށް ތަމްރީނު ދެވޭ ގޮތަށް ބިނާކޮށްފައިވާ ސަރާލައްވައިފައެވެ.
ކޮމްޕޯސިޓް ޓްރެއިނިން ސެންޓަރު ބައްލަވައިލެއްވުމަށްފަހު ރައީސް ވަނީ އެ ރަށުގައި ހަނދާނީ ރުކެއް ވެސް އިންދަވައި އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.