ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުން 344 ދަރިވަރުން ދަސްވެނިވެއްޖެ

ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ދަރިވަރުން: އެ ޕްރޮގްރާމުން 344 ދަރިވަރުން ވަނީ ދަސްވެނިވެފައި --- ފޮޓޯ/ ޕީއެސްއެމް

މޯލްޑިވްސް ނެޝަނަލް ސާވިސް (ވަތަނީ ޚިދުމަތުގެ ޕްރޮގްރާމު)ން 344 ދަރިވަރުން މިއަދު ދަސްވެނިވެއްޖެއެވެ.

އެ ދަރިވަރުން ދަސްވެނިވީ، ޅ. މާފިލާފުށީގައި މިއަދު އޮތް ރަސްމިއްޔާތެއްގައެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ޝަރަފުވެރިކޮށްދެއްވި، އެ ރަސްމިއްޔާތުގައި 344 ދަރިވަރުން ވަނީ ވަތަނީ ޚިދުމަތުގެ ކޯހުން ދަސްވެނިވެފައެވެ. އެ ދަރިވަރުންނަށް ތަމްރީނު ފުރިހަމަކުރި ކަމުގެ ސަނަދެއް ވަނީ ދީފައެވެ.

އޭގެއިތުރަށް، ކަނޑައަޅާފައިވާ ވަކި މިންގަނޑެއް ހާސިލުކުރި ދަރިވަރުންނަށް ސެޓިފިކެޓް 3އިން ސިވިކް އެޑިއުކޭޝަން އެންޑް ލީޑަޝިޕް ދިނެވެ. އެ ސެޓުފިކެޓު ކޯހުގެ 96 ޕަސެންޓު ދަރިވަރުން ވަނީ ހާސިލުކޮށްފައެވެ.

އެ ރަސްމިއްޔާތުގައި އެ ކޯހުގެ ރިޕޯޓު ހުށަހަޅުއްވަމުން، މާފިލާފުށީ ނެޝަނަލް ސާވިސް ޓްރެއިނިން ސެންޓަރުގެ ޗީފް އިންސްޓްރަކްޓަރު ލެފްޓިނެންޓް ކާނަލް މުހައްމަދު ޝަފީއު ވިދާޅުވީ، 108 ރަށަކުން 350 ދަރިވަރުން އެ ތަމްރީނުގައި ބައިވެރިވި ކަމަށެވެ.

ވަތަނީ ޚިދުމަތް އިފްތިތާހުކުރި ރަސްމިއްޔާތުގައި އެ ކޯހުގެ ބައިވެރިން: 344 ދަރިވަރުން އެ ކޯހުން ވަނީ ދަސްވެނިވެފައި --- ފޮޓޯ/ ރައީސް އޮފީސް

އެއީ، 64 އަންހެން ދަރިވަރުންނާއި 286 ފިރިހެން ދަރިވަރުން ކަމަށްވާއިރު، ދަރިވަރުންގެ އެވަރެޖު އުމުރަކީ، 18 އަހަރެވެ.

ޝަފީއު ވިދާޅުވީ، އެ ތަމްރީނުގައި ދިވެހި ގައުމިއްޔަތާއި ޒިންމާދާރު ރައްޔިތުކަން، ލެންގުއެޖް ޕްރޮފިޝެންސީ، ލީޑަޝިޕް، އިސްލާމިކް ސްޓަޑީޒް، ފިޒިކަލް ޓްރެއިނިން، ވޯޓާމޭންޝިޕް ޑްރިލް، ފަސްޓް އެއިޑް، ފަޔަ ފައިޓިން، ސެލްފް ޑިފެންސްގެ އިތުރަށް ކޭމްޕް އެކްޓިވިޓީސް މާއްދާތަކުގެ ގޮތުގައި ކިޔަވައިދިން ކަމަށެވެ.

މިގޮތުން، ތަމްރީނުގެ ބައިވެރިންނަށް އެ މާއްދާތައް ކިޔަވައިދެއްވުމުގައި ސިފައިންގެ މުދައްރިބުންގެ އިތުރުން ކަމާ ބެހޭ މިނިސްޓްރީތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަަން އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ އިސްނެންގެވުމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ގައުމިއްޔަތުގެ ރޫހާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ގައުމުގައި ބިނާކޮށް، ރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ގައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ތަމްރީނު ކުރުން ހިމެނެއެވެ.

comment ކޮމެންޓް