ބިދޭސީންތަކަކަށް ބިރުދައްކައި އެ މީހުންގެ ހަށިގަނޑާއި ދިރިއުޅޭ ތަނުގައި ހުރި ތަކެތި ޗެކްކޮށް، އެ މީހުންގެ އަތުން ފައިސާއާއި ޑޮލަރު އަތުލާފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ސިފައިންގެ މީހަކު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފިއެވެ.
މިއީ 2011 ވަނަ އަހަރު ސިފައިންގެ ތިން މީހުން ވެގެން މާފަންނުކޮޅު ގެއެއްގައި އުޅުނު ބިދޭސީންތަކަކަށް ބިރުދައްކައި، އެ މީހުންގެ ހަށިގަނޑާއި ދިރިއުޅޭ ތަނުގައި ހުރި ތަކެތި ޗެކްކޮށް އެ މީހުންގެ އަތުން ފައިސާއާއި ޑޮލަރު އަތުލާފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައެވެ. މިއީ، އެ މީހުން ސިފައިންގެ ވަޒީފާއިން ވަކިކުރުމުން، އަލުން ވަޒީފާ ހޯދައި ގެއްލުމުގެ ބަދަލު ހޯދަން އެމްއެންޑީއެފާ ދެކޮޅަށް ދައުވާކުރި މައްސަލައިގެ އިސްތިއުނާފު ނިންމުމެވެ.
މި މައްސަލަ މިލިޓަރީ ޕޮލިހުން ތަހުގީގުކުރުމަށް ފަހު، އެ މީހުން ސިފައިންގެ ވަޒީފާއިން ވަކިކުރިއެވެ. އެއީ، 2012 ވަނަ އަހަރެވެ. އެ އަހަރު ވަޒީފާއިން ވަކިކުރުމުން އެ މައްސަލަ 2019 ވަނަ އަހަރު ސިވިލް ކޯޓަށް ހުށަހަޅައި، ކޯޓު މެދުވެރިކޮށް އެ މީހުން އެދުނީ ވަޒީފާއާއި ގެއްލުމުގެ ބަދަލު ހޯދާށެވެ.
ސިވިލް ކޯޓުން އެ މައްސަލަ ކާމިޔާބު ނުވުމުން، ދެން އެ މައްސަލަ އެ މީހުން ހުށަހެޅީ ހައިކޯޓަށެވެ.
މި މައްސަލައިގައި ހައިކޯޓުން ހޯމަ ދުވަހު ނިންމީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށެވެ. ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މި މައްސަލަ ނިންމާފައިވާއިރު، މި މައްސަލައަކީ ވަޒީފާއިން ވަކިކުރިގޮތް ގޯސްވެގެން ހުށަހަޅާފައިވާ މަދަނީ މައްސަލައަކަށްވެފައި ކުށެއް ކުރިކަމުގެ ތުހުމަތުގައި ޖިނާއީ ދަޢުވާ އުފުލިފައިވާ މީހުންނަށް ޤާނޫނުއަސާސީން ލިބިދޭ ހައްގުތައް މިފަދަ މައްސަލައެއްގައި ލިބިގެންވާ ކަމުގައި ބަލަންޖެހެނީ ކޮން ގާނޫނީ އަސާސެއްގެ މައްޗަށްކަން އެ މައްސަލަ ހުށަހެޅި ފަރާތުން ބަޔާންކޮށްދީފައިނުވާ ކަމަށް ބުނެފައިވެއެވެ.
ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ހުޒައިފާ މުހައްމަދު އަދި އަބްދުލްމާނިއު ހުސައިނެވެ.