ހުއްދަ ނުނަގާ މާލޭގައި މުޒާހަރާ ކުރެވޭ އިސްލާހު ފާހެއް ނުވި، އަނބުރާ ކޮމިޓީއަށް

2019 ވަނަ ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ހުއްދަ ނުނަގާ މާލޭގައި މުޒާހަރާ ކުރެވޭ ގޮތަށް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރަން ގައުމީ ސަލާމަތާ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ނިންމި ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސް ނުވެ، ރިޕޯޓު އަލުން ކޮމިޓީއަށް ފޮނުވާލައިފިއެވެ.

މިއަދު މަޖިލީހުގައި އެ ރިޕޯޓަށް އިތުރު އިސްލާހުތަކެއް ހުށަހެޅި އެވެ. އެ އިސްލާހުތައް ހުށަހެޅީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެވެ.

ހައިތަމް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ކޯޓު އަމުރުގެ ދަށުން ކުއްލި އެއްވުން ގާނޫނާ ހިލާފުވާނަމަ ހުއްޓުވޭ ގޮތަށް ހުށަހެޅި އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅޭ ގެކޮޅުގެ އިންފާރުން ފެށިގެން 100 ފޫޓު ހިމެނޭ ސަރަހައްދަށް އެއްނުވެވޭ ގޮތަށްވެސް އިސްލާހު ހުށަހެޅި އެވެ.

އޭގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދިރިއުޅޭ ގެކޮޅުގެ އިންފާރުން ފެށިގެން 300 ފޫޓު ހިމެނޭ ސަރައްހަދަށް އެއް ނުވެވޭ ގޮތަށްވެސް އިސްލާހު ހުށަހެޅި އެވެ. އަދި ރިސޯޓުތަކުގައި މުވައްޒަފުން ދިރިއުޅޭ ސަރަހައްދުގައި އިހުތިޖާޖު ކުރުމުގެ ގޮތުން ހިމޭނުން ތިބެވޭގޮތް ހަދަން އިސްލާހު ހުށަހެޅި އެވެ. އެ އިސްލާހުތައް ހުށަހެޅި ވަގުތުވެސް ގިނަ މެމްބަރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އިސްލާހުތަކާއެކު ބިލު ފާކުރަން ވޯޓަށް އެހުމުން 25 މެމްބަރުން ވަނީ އެ ބިލު ފާކުރަން ނުފެންނަ ކަމަށް ވޯޓު ދީފަ އެވެ.

ބިލު ފާސް ނުވުމުން އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށް ކަމަށް ބުނެ އަނބުރާ ވަނީ ކޮމިޓީއަށް ފޮނުވާލާފަ އެވެ. އެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމަށް 56 މެމްބަރުން ވޯޓު ދެއްވި އެވެ.

މިދިޔަ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން އޭރުގެ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށް، އެއްވެ އުޅުމުގެ ގާނޫނަށް ގެނައި އިސްލާހާއެކު، ފުލުހުންގެ ހުއްދައަކާ ނުލާ، މާލޭގައި އެއްވެ އުޅެވޭނީ ހަމައެކަނި ހޯމް މިނިސްޓްރީން ކަނޑައަޅާ ތަަނެއްގައި އެކަންޏެވެ. މާލޭގައި އެއްވެ އުޅުމަށް ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ތަނަކީ، ކާނިވާ ސަރަހައްދެވެ.

comment ކޮމެންޓް