އޮންލައިން ޓްރެވަލް ޓްރޭޑް ޕޯޓަލް "ޓީޓީއެމް ކަނެކްޓު"ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެ

ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)އިން އިސްނަގައިގެން ކުރިއަށްގެންދާ އޮންލައިން ޓްރެވަލް ޓްރޭޑް ޕޯޓަލް "ޓީޓީއެމް ކަނެކްޓު"ގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއްޖެ އެވެ.

މިމަހުގެ 25 އަދި 26ވަނަ ދުވަހު ކުރިއަށްގެންދާ ޓީޓީއެމް ކަނެކްޓުގައި 500އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފަ އެވެ.

ޓީޓީއެމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ތައްޔިބް މުހައްމަދު
ވިދާޅުވީ މިފަދަ ހަރަކާތްތަކުގައި ހުރިހާ އެންމެން ވެސް ބައިވެރިވެ އެކުގައި މަސައްކަތް ކުރުމަކީ ރާއްޖެއަށް ޒިޔާރަތް ކުރާ
ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ލިބޭނެ އިތުބާރެއް ކަމަށެވެ.

މިއީ ކޯވިޑް-19 ގެ ސަބަބުން ޖެހިފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މުހިންމު ކަމެއް ކަމަށްވެސް ތައްޔިބު ވިދާޅުވި އެވެ.

ޓީޓީއެމް ކަނެކްޓް ޕޯޓަލް ގާއިމުކޮށްފައިވަނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ބައިވެރިންނަށް ފަސޭހަކަމާއެކީ އޮންލައިން އެގްޒިބިޓަޝް ބޫތު ތަކުގައި ތިބެވޭނެ އުސޫލުންނެވެ.

ޓީޓީއެމް ކަނެކްޓުގައި ބައިވެރިވާ ކޮންމެ ކުންފުންޏަކަށްވެސް ވަކި ވާޗުއަލް ބޫތެއް ގާއިމުކޮށްދީފައިވާއިރު، ޖަލްސާތައް ހަމަޖައްސައި ވީޑިއޯ ޖަލްސާ ބޭއްވުމުގެ ފުރުސަތުވެސް ބައިވެރިންނަށް ލިބިގެންދާނެ އެވެ.

ޓީޓީއެމްގެ މަގްސަދަކީ މިއަހަރުގެ ތެރޭގައި ޓީޓީއެމް ކަނެކްޓް މެދުވެރިކޮށް ފަތުރުވެރިކަމާ ބެހޭ ގިނަ ޝޯތަކެއް ކުރިއަށް ގެންދިއުމުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކުރާ ފަރާތްތަކުގެ މެދުގައި ނެޓްވޯކިންގ ފުރުސަތުތައް ގާއިމުކޮށް، ގުޅުން ބަދަހިކުރުމެވެ.

ޓީޓީއެމްގެ އަމާޒަކީ މިއަންނަ އަހަރުގެ ކުރިން 5000އަށް ވުރެ ގިނަ ޕާޓްނަރުން ޓީޓީއެމް ކަނެކްޓްގައި ބައިވެރި ކުރުމެވެ. އޭގެ ތެރޭގައި ހޮޓެލިއާ، އޮންލައިން ޓްރެވަލް އޭޖެންސީ، ޓްރެވަލް އޭޖެންސީ، ޓުއާ އޮޕަރޭޓަރުން، އެއާލައިންތައް އަދި ޓްރޭޑް މީޑިއާ ހިމެނެ އެވެ.

ވިޒިޓް މޯލްޑިވްސްއިން އަންނަނީ ރާއްޖެ އިޝްތިހާރު ކުރުމަށް މުހިންމު މާކެޓްތަކުގައި ބޮޑެތި ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ޗައިނާގައި ކުރިޔަށްގެންދާ ގްލޯބަލް ކެމްޕޭނާއި އިނގިރޭސިވިލާތަށް ހާއްސަކޮށްގެން ވޯލްޑް ޓްރެވަލް މާކެޓް ވާޗުއަލްގައި ބައިވެރިވުން ވެސް ހިމެނެ އެވެ.

ރީޑިސްކަވާރ މޯލްޑިވްސްގެ ދަށުން އެކި މާކެޓްތަކަށް ހާއްސަ ކޮށްގެން ވެބިނާ ސީރީޒްއެއްވެސް ވިޒިޓް މޯލްޑިވްސްއިން ވަނީ ބާއްވާފަ އެވެ. އެ ސީރީޒް ކާމިޔާބުކަމާއެކު ސެޕްޓެންބަރު މަހު ވަނީ ނިންމާލާފަ އެވެ.

ކުރިއަށް އޮތް 2021 ވަނަ އަހަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް ކޮވިޑް-19 ކުރީގެ އަދަދުތަކާ އެއްވަރު ކުރުމުގެ އަމާޒުގައިވެސް ވިޒިޓް މޯލްޑިވްސްއިން ދަނީ
ތައްޔާރީތަކެއް ވަމުންނެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ޖުލައި އަލުން ހުޅުވާލިފަހުން 50،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ.

comment ކޮމެންޓް