110 ގެސްޓްހައުސްއެއް ހުޅުވަން ހުއްދަ ދީފި

ޓޫރިސްޓުންތަކެއް ތޮއްޑޫ މަގެއްގެ މަތިން ހިނގާފައި ދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުމުގެ ހުއްދަ ދިން ފަހުން އިއްޔެގެ ނިޔަލަށް 110 ގެސްޓްހައުސް އަކަށް އޮޕަރޭޓު ކުރުމުގެ ހުއްދަ ދީފިއެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު، މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ. ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދެނީ ރަށުފެންވަރުގައި ފުރިހަމަ ކުރަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު، ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތް ނަމައެވެ.

ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދޭ އިރު ރަށުގައި ފްލޫ ކްލިނިކެއް ހުންނަން ޖެހެއެވެ. ގެސްޓްހައުސް ހިންގާ ރަށުގެ ރައްޔިތުންނާއި ފަތުރުވެރިންވެސް ތިބެންޖެހޭނީ މާސްކު އަޅައިގެންނެވެ. ކޮންމެ ރަށެއްގައިވެސް އައިސޮލޭޝަނަށާއި ކަރަންޓީނަށް ވަކި ވަރަކަށް އެނދު ބަހައްޓަން ޖެހެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން 110 ގެސްޓްހައުސް އަށް ހުއްދަ ދިންއިރު އެއީ ޖުމްލަ 2،202 އެނދެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރާ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދީފައިވެއެވެ. ގެސްޓްހައުސް އޮޕަރޭޓު ކުރުމުގެ ހުއްދަ ދިން އަތޮޅުތަކުގެ ތެރޭގައި ކ އަތޮޅާއި އއ އަތޮޅުގެ އިތުރުން ވ. އަތޮޅާއި އދ އަތޮޅާއި ނ އަތޮޅު އަދި ބ އަތޮޅުގެ އިތުުރުން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ހިމެނެއެވެ.

ރާއްޖޭގެ 86 ރަށުގައި 10،000 އަށްވުރެ ގިނަ ގެސްޓްހައުސް އެނދު ހުރި އިރު 6000 އަށްވުރެ ގިނަ ރައްޔިތުންގެ އާމްދަނީ އާއި ވަޒީފާ ގުޅިފައި ވަނީ ގެސްޓްހައުސް ސިނާއަތަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 10 ޕަސެންޓަކީ ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް