އޮރިޖިނަލް ދިވެހި ވާހަކަތަކަށް ހާއްސަކޮށް ކުޑަކުދިންގެ ދިވެހި ވާހަކަ އެޕެއް 2021 ގައި ނެރުމަށް ނިންމައިފި އެވެ.
ލޫޕް ކްރާފްޓްގެ ތައްޔާރު "އޯލަ އެޕް" ގެ ނަމުގައި މި އެޕް ނެރުމަށް ހަމަޖެހިފައިވަނީ މި އަންނަ އަހަރުގެ ކުރީ ކޮޅުގަ އެވެ.
އޯލަ އެޕްގެ ފަރާތުން ބުނާގޮތުގައި މިއީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއްގައި ދިވެހި ވާހަކަ ކިޔާލުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.
" އެންމެ ސާދާކޮށް ބުނެވޭނީ މިއީ ހަމަ ކުޑަކުދިންގެ ވާހަކަ އެޕެއް. އޯގާތެރި ހޮޅުއަށްޓެއް. ހީ ސަމާސާކޮށްލާނެ އާއިލީ އުނދޯއްޔެއް. ފަސޭހަކަމާޢި އެކު ކޮންމެ ތަނެއްގައިވެސް ކުދިންނާއިއެކު ކިޔާލެވޭނެ ބައިވަރު ވާހަކަ ހުންނާނެ މޯބައިލް އެޕެއް" އޯލަ އެޕްގެ ފަރާތުން ބުންޏެވެ.
އުމުރުން ހަތް އަހަރުން ދަށުގެ ކުދިންނަށް ހާޢްސަކޮށްގެން އެޕްލިކޭޝަން ލޯންޗްކުރުމަށް ހަމަޖެހިފައިވާއިރު، މިވަގުތު ކުރިއަށްދަނީ މި އެޕްގެ އިންޓާނަލް ޓެސްޓުތަކެއް ކަމަށް އޯލަ އެޕްގެ ޕްރޮޖެކްޓް މެނޭޖާރ މުހައްމަދު ހިޝާމް ވިދާޅުވިއެވެ. މިވަގުތު ކުރިއަށްދާ ޓެސްޓްތައް ނިމި މިއަހަރުގެ ތެރޭގައި ބީޓާ ޓެސްޓިން ކުރިއަށްގެންދިއުމަށްވެސް ވަނީ ތާވަލު ކުރެވިފައެވެ.
ބީޓާ ޓެސްޓިން އަކީ އެޕް އާންމުންނަށް ހުޅުވާލުމުގެ ކުރިން އާންމުންގެ ތެރެއިން ހޮވާލެވޭ މަދު ބަޔަކާ އެޕުގެ މައުލޫމާތު ހިއްސާކޮށް، ލިބޭ ޚިޔާލާއި އެއްގޮތަށް އެޕް އިތުރަށް ފުރިހަމަ ކުރުމަށް ކުރިއަށްގެންދާ އިތުރު މަރުހަލާ އެކެވެ.
އޯލަ އެޕްގެ ފަރާތުން ބުނާގޮތުން އެޕުގައި ހިމެނޭ ވާހަކަތަކަކީ ކުޑަކުދިން ޝައުގުވެރިވާނެ ފަދަ ގޮތަކަށް އެކުދިންނާއި ހިސާބަށް ގެނެސްދެވޭނެ ވާހަކަ ތަކަކަށްވާނެ އެވެ. މިގޮތުން އެޕްގައި ހިމެނޭނީ މިހާތަނަށް އަދި ނެރެފައިނުވާނެ އަމިއްލަ ދިވެހި ވާހަކަތަކެއް ކަމަށްވެސް ޓީމުން ބުންޏެވެ. މި އެޕްގެ މަސައްކަތްކުރަމުންދާތާ ގާތްގަނޑަކަށް އެއް އަހަރު ވެފައިވާއިރު އެޕްގެ ފަހަތުގައި ގިނަ ދިވެހި ފަންނުވެރިންގެ ބައިވެރިވުން ހިމެނޭކަމަށް ޓީމުން ބުންޏެވެ.
މިވަގުތުވެސް އެޕްއަށް ނަން ނޯޓުކުރުމަށް ފުރުސަތު ހުޅުވިފައިވާއިރު، ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެޕާއި ބެހޭ ހާޢްސަ މައުލޫމާތު ތަކެއް އޯލަ ޓީމުގެ ފަރާތުން ހިއްސާކުރަމުންގެންދާނެ އެވެ. އަދި ކުރިއަށް އޮތް ބީޓާ ޓެސްޓިންގައި ބައިވެރިވުމުގެ ފުރުސަތުވެސް ނަން ނޯޓު ކުރައްވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ބައެއް ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ޓީމުގެ ފަރާތުން ބުންޏެވެ.
އޯލަ އެޕް އަކީ މިފަދަ ގޮތަކަށް ފަރުމާކުރެވިގެން ރާއްޖޭގައި ނެރޭނެ މިފަދަ ފުރަތަމަ އެޕްލިކޭޝަންއަށް ވެގެންދާނެ އެވެ. އަދި މިއީ ދިވެހި ބަހުން ވާހަކަ ކިޔަން ބޭނުންވެފައި ތިބި އެތަކެއް ކުޑަކުދިންނަކަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ. އޯލަ އެޕް ޓީމުން އުންމީދުކުރަނީ ކުރިއަށްއޮތް ތަނުގައި އިތުރު އުމުރުފުރާތަކަށްވެސް އެޕް ހާޢްސަކުރެވިގެން ދިއުމެވެ.