ސްޕޯޓްސް އާބިޓްރޭޝަން ޕެނެލް އުފެއްދުން އަވަސްކުރަން އެންގުމަށް ކޮމިޓީން ފާސްކޮށްފި

އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކުޅިވަރު ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ސްޕޯޓްސް އާބިޓްރޭޝަން ޕެނެލް އުފެއްދުން އަވަސް ކުރަން އަންގަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ފާސް ކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު ކޮމިޓީން އެގޮތަށް ފާސް ކުރީ، އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ހުށަހެއްޅުވި ކުއްލި މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައެވެ.

ކުޅިވަރު ގާނޫނުގެ 13 ވަނަ މާއްދާގެ (ލ)ގެ ދަށުން، ކުޅިވަރު މައިދާނުގައި އުފެދޭ މައްސަލަތަކާއި ހިޔާލު ތަފާތުވުންތައް ކުޑަކުރުމަށްޓަކައި، ސްޕޯޓްސް އާބިޓްރޭޝަން ޕެނެލްއެއް އެކުލަވާނަން ބަޔާންކޮށްފައިވެއެވެ. އަދި އެ އާބިޓްރޭޝަންގައި ބޭނުންކުރާނެ ގަވާއިދުތަކާއި އުސޫލުތައް ހަދައި އެކަމަށް މަގުފަހިކޮށްދިނުމަށްވެސް އެ ގާނޫނުގައި ބުނެއެވެ.

އިޖްތިމާއީ ކޮމިޓީން ނިންނީ ސްޕޯޓްސް އާބިޓްރޭޝަން އުފެއްދުމަށް މަތިކޮށްފައިވާ ފަރާތްތަކުން އެކަން ވީ އެންމެ އަވަހަކަށް އެކަން ކުރުމަށެވެ. އަދި އެކަމަށްޓަކައި ހަދަން ޖެހޭ ގަވައިދުތަކާއި އުސޫލުތައްވެސް ވީހާވެސް އަވަހަކަށް ކުރުމަށް ދެންނެވުމަށް ކޮމިޓީން ފާސްކުރި އެވެ.

އޭގެ އިތުރުން އަތޮޅު އަދި ރަށު ފެންވަރުގައި ކުޅޭ ކްލަބްތަކަށްވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދުމަށް ބާރުއަޅައި، ކުޅުވަރު ރޫހު ނުގެއްލޭނެފަދަ ގޮތަކަށް ކަންކަން އިންތިޒާމްކޮށް ރޭވުމަށްވެސް ކޮމިޓީން ފާސް ކުރިއެވެ.

އަލީ އާޒިމް ހުށަހެޅުއްވި މައްސަލަ އަކީ، ރާއްޖޭގައި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާތައް، އެސޯސިއޭޝަން އަދި ފެޑްރޭޝަންތައް ރެގިއުލޭޓްކޮށް ފާރަވެރިވުމަށާއި ކުޅިވަރުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ކަމާ ބެހޭ ފަރާތްތަކުން އެކުލަވާނުލާ ކަމަށް ބުނެ ހުށަހެޅި މައްސަލަ އެކެވެ. އޭގެ އިތުރުން، އެންމެހާ ކުޅިވަރުތައް ބައިނަލްއަގުވާމީ، ގައުމީ އަދި ރަށު ފެންވަރުގައިވެސް އެއްވެސް ތަފާތު ކުރުމެއްނެތި ހަރަދަނާ މަސައްކަތްތަކެއް ކުރުމަށް އޭނާގެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް