ހަ ހާސް ރުފިޔާގެ އެލަވެންސަކާއެކު އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމު

އެޗްޑީސީ-- ފައިލް ފޮޓޯ

އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކަސް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ ޕްރޮގްރާމުގައި 60 ޖާގަ ކަނޑައަޅާފައިވާއިރު ބައިވެރިންނަށް ކޮންމެ މަހަކު އެލަވެންސްގެ ގޮތުގައި 6،000 ދޭނެއެވެ. މި ޕްރޮގްރާމުގައި ގާޑެނިން، މޭސަނަރީ، ވެލްޑިން، އިލެކްޓްރީޝަން، ހެވީ ވެހިކަލް އޮޕަރޭޝަން އަދި ސައިޓް ސުޕަވައިޒާ ފޯ ބިލްޑިން ކޮންސްޓްރަކްޝަން ދާއިރާ އިން ތަމްރީނާއި ތަޖުރިބާ ފޯރުކޮށްދޭނެއެވެ.

އެޗްޑީސީ އިން ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އަމަލީ ގޮތުން ކުރާ މަސައްކަތާއެކު ކްލާސްރޫމް ސެޝަންތައްވެސް ކުރިއަށް ގެންދާނެ ކަމަށެވެ. ޕްރޮގްރާމު ނިންމާ ބައިވެރިންނަށް އެމްކިޔުއޭ ގަބޫލުކުރާ ފެންވަރުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ދޭނެއެވެ.

ޕްރޮގްރާމު ހާއްސަކޮށްފައިވަނީ އުމުރުން 16 އަހަރާ 30 އަހަރާ ދެމެދުގެ ދިވެހިންނަށެވެ. ޕްރޮގްރާމުގެ ބައިވެރިންނަކީ ލެވެލް ދޭތްގެ ސެޓްފިކެޓެއް އޮންނަ ނުވަތަ އޯލެވެލް ފުރިހަމަ ކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް މި ޕްރޮގްރާމަށް ނެގުމުގައި އިސްކަންދޭނެ ކަމަށް އެޗްޑީސީ އިން ބުންޏެވެ.

އަދި ޕްރޮގްރާމު ނިމިގެންދާއިރު އެ ކުންފުނީގައި ވަޒީފާ ހުރި މިންވަރަކުން އެންމެ ރަނގަޅު ފަރާތްތަކަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމު ހުށަހަޅަންޖެހެނީ އޮންލައިން ކޮށެވެ.

comment ކޮމެންޓް